ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރުކޮށް، ނާޅާ މީހުންނަށް ފިޔަވަޅު އަޅަން ރައީސް އޮފީހުން އަންގައިފިއެވެ.

ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ސެކްރެޓަރީ އިބްރާހީމް ހޫދު މިއަދު "ވަން" އަށް ވިދާޅުވީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، މާސްކު ނާޅާ މީހުންނަށް ފިޔަވަޅު އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

"ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު އަޅަމުންދާކަން ކަށަވަރު ކުރަން ފުލުހުންނަށް ވާނީ އަންގާފައި، މާސްކް ނާޅާ މީހުންނަށް ފިޔަވަޅު އަޅަން އަންގާފައި ވަނީ،" ހޫދު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ދުވާލަކު 3000 މީހުންނަށް ބޫސްޓާ ޑޯޒު ދިނުމުގެ ގޮތުން ނޫސަންދަ ކުލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒު ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ރައީސް އޮފީހުން ވަނީ ނިންމައިފައެވެ. ކުރިން ހަމައެކަނި ބޫސްޓާ ޑޯޒު ޖަހަފާއިވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ކެޓަގަރީތަކުގެ މީހުންނެވެ. އެ ކެޓަގަރީގައި ފުލުހުންނާއި ފުލުހުންގެ އާއިލާ ނުހިމެނެއެވެ.

ހޫދު އިތުރަށް ވިދާޅުވީ ޕޮލިސް ލެބޯޓަރީން ކޮވިޑު ޓެސްޓު ހަދަން ވެސް މިހާރު އަންގާފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކޮވިޑު ކޭސްތައް އިތުރުވެދާނެކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ. އެގޮތުން ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވެދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭން އޮމިކްރޯން ވޭރިއަންޓް ފުރަތަމަ ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު ފަސް ވަނަ ދުވަހުއެވެ. އެއީ ދެކުނު އެފްރިކާއިން ރާއްޖެ އައި ފަތުރުވެރިއްގެ ގައިންނެވެ. އެފަހުން ވަނީ އޮމިކްރޯންގެ އިތުރު ހަތަރު ކޭސްއެއް ފެނިފައެވެ. ފަހުން ފެނުނު ހަތަރު ކޭހަކީ، ފުރަތަމަ ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްތަކެއް ނޫން ކަމަށް މީގެ ކުރިން އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާއިރު، އެޗްޕީއޭއިން އަންގައިގެން އެޗްޑީސީން ވަނީ ހުޅުމާލޭގައި ހަފުލާތަކާއި ހަރަކާތްތައް ބޭއްވުމަށް ދޫކުރަމުންދިޔަ ހުއްދަތައް މަޑުޖައްސާލައިފައެވެ. އަދި މާލޭގައި ބާއްވަމުން ދިޔަ ނައިޓްމާކެޓު ވެސް އެޗްޕީއޭއިން ވަނީ ހުއްޓުވައިފިއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން ކޮވިޑް އަދަދު 200 އިން މަތީގައި ހުންނަތާ ހަތަރު ދުވަސް ވަނީ ވެފައެވެ. އަދި މާލެ ސަރަހައްދުން އިއްޔެވެސް ވަނީ 100 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައެވެ.