އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރަން ރާއްޖެއިން ނިންމައިފި އެވެ.

އޭއެފްސީ ފުޓްސަލަ އޭޝިއަން ކަޕްގެ ކޮލިފައިން ގުރުއަތުގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގަ އެވެ. އެ ޒޯނުގެ 8 ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހައިފައެވެ. ރާއްޖެ ގްރޫޕް އޭގައި ހިމެނޭ އިރު، އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިރާނުގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާނެވެ.

އެ ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ގްރޫޕުގެ ދެޓީމެއް މުބާރާތަށް ދާނެއެވެ. ކޮލިފިކޭޝަންގެ ވެސްޓް ޒޯން މެޗުތައް ހޯސްޓް ކުރާނީ ޔޫއޭއީގަ އެވެ. މިހާރު އޮތްގޮތުން ކޮލިފައިން ކުޅޭނެ ތާރީހަކީ އޭޕްރީލް 1-15 އަށެވެ. އޭއެފްސީގެ ފުޓްސަލް އޭޝިއަން ކަޕް 16 ޓީމަކާއެކު އޮންނާނީ މި އަހަރުގެ 25 ސެޕްޓެމްބަރާއި 20 އޮކްޓޫބަރާ ދެމެދު ކުވޭތުގައެވެ. މުބާރާތަށް ކޮލިފައިން އިން ހޮވޭނީ 15 ޓީމެވެ. އަނެއް ގައުމަކީ ހޯސްޓް ގައުމުގެ ގޮތުގައި ބައިވެރިވާ ކުވައިތެވެ.

ރާއްޖޭގައި މިހާރު އެންމެ ފޯރިގަދަ އެއް ކުޅިވަރަކީ ފުޓްސަލް އެވެ. ގައުމީ ފެންވަރުގެ ފުޓްސަލް މުބާރާތްތައްވެސް ގިނަކޮށް ފެނިގެންދާ އިރު، އެންމެ ފުޅާކޮށް ހިންގާ ދެ މުބާރާތަކީ ކްލަބު މޯލްޑިވްސް ކަޕްގެ އިތުރުން ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. އޭގެ އިތުރުން ރާއްޖޭގައި އަގުބޮޑު ބޮޑެތި މުބާރާތްތަކެއް އެކިއެކި ސަރަހައްދުތަކުގައި ބާއްވާ އިރު، ފުޓްސަލްގެ އާމްދަނީގައި ޕްރޮފެޝަނަލް ކޮށް ކުޅޭ ކުޅުންތެރިންވެސް ރާއްޖޭގައި އުޅޭކަން ފާހަގަވެއެވެ.