ދަން ޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށް މާފުށީ ޖަލުގައި އިމާރާތްކޮށްފައިވާ ފެސިލިޓީ އަދިވެސް ހުރުމަކީ އެ ހުކުމް ތަންފީޒު ނުކުރުމަށް އޮތް ފުށުއެރުމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމުން މިހެން ބުނެފައިވަނީ އެ ކޮމިޝަނުން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓުވުމާ ގުޅޭ ގޮތުން ތައާރަފު ކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާ، "ސެކަންޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް، އެއިމިން ޓު ދަ އެބޮލިޝަން އޮފް ޑެތު ޕެނެލްޓީ"ގައި ދިވެހިރާއްޖެއިން ސޮއިކޮށްފައި ނުވާ ކަމަށެވެ.

ދިވެހިރާއްޖޭގައި މި ވަގުތު މަރުގެ ހުކުމްކޮށްފައިވާ 15 މީހަކު ތިބިއިރު، އެންމެ ފަހުން ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް އެނގިފައިވަނީ 1954 ވަނަ އަހަރުކަން އެ ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށްވެސް އެ ރިޕޯޓިގައި ވަނީ ބުނެފަ އެވެ.

ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ، ނީލްސް މެލްޒާ، މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތުގައި، ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރަމަށް އިމާރާތްކޮށްފައިވާ ފެސިލިޓީ އިންސްޕެކްޓް ކުރައްވާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ފެސިލިޓީގެ ބޭނުން ކޮށްފައި ނުވިނަމަވެސް، އެ ފެސިލިޓީ އަދިވެސް ގާއިމުވެފައި ހުރުމަކީ ރާއްޖޭގައި ޒަމާނުއްސުރެ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ދެމެހެއްޓުމަށް ދައުލަތުން ދޭ އަހައްމިއްޔަތުކަމާ ފުށުއަރާ ކަމެއް ކަމަށް ފާހަގަވެފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މި ފެސިލިޓީގައި ހިމެނެނީ ތިން ވެއިޓިން ސެލް އާއި، މަތީ ފަންގިފިލާގައި މީހުން ދަންޖެއްސުމަށް ގެލޯސްއަކާއި، ތިރީ ފަންގިފިލާގައި ތިން މޯބައިލް ސްޓްރެޗަރު ހިމެނޭ ކޮޓަރިއަކާއި، މަރާލެވޭ މީހުންގެ ހަށިގަނޑު ހިނެވުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ޖަނާޒާގެ ކަންކަމުގައި ބޭނުންކުރުމަށް ހާއްސަކުރެވިފައިވާ ވެހިކަލެކެވެ.