ޚަބަރު

ކޮވިޑް ކޭސްތައް އިތުރުވާތީ ނައިޓް މާކެޓްތައް ހުއްޓުވައިފި

އިބްރާހިމް ޒަކީ

1

މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިގެން މާލެ ސަރަހައްދުގައި ނައިޓް މާކެޓް ބޭއްވުން ހުއްޓާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ، މާލޭގައި ނައިޓް މާކެޓް ބާއްވަން އެދި ހުށަހަޅާފައިވާ ފަރާތްތަކަށް މާލެ އަދި ހުޅުމާލޭގައި އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ނައިޓްމާކެޓް ބޭއްވުމުގެ ހުއްދަ ދިނުމަށް ނިންމުމާ ގުޅިގެން އެ ހުއްދައިގެ ދަށުން ގިނަ ފަރާތްތަކުން ބޮޑެތި ހޭދަތަކެއް ކޮށްގެން ނައިޓް މާކެޓް ބާއްވަމުންދާ ކަމަށެވެ.

ނަމަވެސް މާލެ ސިޓީގައި ނައިޓް މާކެޓް ބޭއްވުން ހުއްޓާލުމަށް އެޗްޕީއޭއިން މިހާރު އަންގާފައިވާ ކަމަށް ބުންޏެވެ. އަދި އެ އެންގުމާ ގުޅިގެން މާލޭގައި ނައިޓް މާކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ މި ނިންމުމާ ގުޅިގެން ރަސްފަންނުގައި މިހާރު ކުރިއަށްދާ ނައިޓް މާކެޓް ވަގުތުން ވަނީ ހުއްޓުވައިފައެވެ.