ޚަބަރު

ގެރެންޓީއަކާ ނުލައި ދައުލަތުގެ މަޝްރޫއުތަކަށް އެޑްވާންސް ފައިސާ ދެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

ގެރެންޓީ ނުބެހެއްޓި ނަމަވެސް ދައުލަތުގެ މަޝްރޫއުތަކަށް، ބައެއް ކޮންޓްރަކްޓަރުންނަށް އެޑްވާންސަށް ފައިސާ ދެވޭ ގޮތަށް ފިނޭންސް މިނިސްޓްރީން ގަވާއިދު ބަދަލު ކޮށްފިއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނައި ހަވަނަ އިސްލާހު ގެ ގޮތުގައި އިއްޔެ އާއްމު ކޮށްފައިވާ ގަވާއިދުގައި ބުނެފައި ވަނީ، އާންމުކޮށް ބީލަމަށް ނުލައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް ގެރެންޓީއެއް ނެތް ނަމަވެސް ފިނޭންސް މިނިސްޓަރުގެ ހުއްދައާ އެކު އެޑްވާންސް ފައިސާ ދޫކުރެވިދާނެ ކަމަށެވެ.

މި ބަދަލު ގެނައުމުގެ ކުރިން މާލިއްޔަތު ގަވައިދުގައި އޮންނަނީ، އެޑްވާންސް ކޮށް ފައިސާ ދެވޭ މަޝްރޫއުތަކަށް ވެސް އެޑްވާންސް ފައިސާ ދޫކުރެވޭނީ ދޫކުރާ ފައިސާއާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދުމަށްފަހުގައި ކަމަށެވެ.

އެގޮތަށް ހޯދާ ގެރެންޓީ އަކީ ސަރުކާރުން ގަބޫލު ކުރާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ހޯދާ ގެރެންޓީއެއް ކަމަކަށް ވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.