ގއ. މާމެންދޫ ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަގާމުން މިސްބާހް މުޖުތަބާ ވަކި ކޮށްފިއެވެ.
އެކަން ހާމަކޮށްފައި ވަނީ އެ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، ކައުންސިލުގެ ނައިބު ރައީސް މިސްބާހު މުޖުތަބާގެ އިތުބާރު ނެތްކަމަށް ކައުންސިލްގެ 29 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން، ނިންމާފައިވަނީ ލޯކަލް ކައުންސިލު ތަކުގެ އާންމު އިޖްރާއީ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން "އިއްޔެއިން ފެށިގެން ކައުންސިލްގެ ނައިބު ރައީސް މިސްބާހު މުޖުތަބާ، ނައިބު ރައީސްގެ މަގާމުން ވަކިވެފައިވާ ކަން އެންމެހައި ރައްޔިތުންގެ މައުލޫމާތަށް ޓަކައި ދަންނަވާ،" ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ނައިބު ރައީސްގެ މަގާމުން ވަކިވި ނަމަވެސް ކައުންސިލު މެންބަރެއްގެ ގޮތުގައި މެންބަރު މިސްބާހު މުޖުތަބާ ކައުންސިލްގައި ހުންނަވާނެ ކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.