މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިން ސްލޮޓުގެ ގުރުއަތުލުން ބާތިލުކޮށް، ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައިފިއެވެ.
މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނެގި ގުރުއަތުލުމުގެ ކަންކަން ހުއްޓާލައި އަލުން އެކަން ކުރިއަށް ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އަންގައިފައެވެ. އެހެންވެ މިދިޔަ މަހުގެ 21 ވަނަ ދުވަހު އަލުން ގުރު ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމިއެވެ. ނަމަވެސް އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ހުރުމުން ގުރު ނެގުން ވަނީ މިމަހުގެ ފަސް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މާދަމާ ނަގަން ހަމަޖައްސާފައިވާ ޕާކިން ސްލޮޓްތަކުގެ ގުރުނެގުން ބާތިލުކޮށް، އަލުން ޕާކިން ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖައްސާފައިވާ ކަމަށެވެ. ޕާކިން ސްލޮޓްތަކަށް އަލުން ކުރިމަތިލުމަށް ހުޅުވާލުމަށް، ސިޓީ ކައުންސިލުން ނިންމީ އޭސީސީން އެގޮތަށް އެންގުމުންނެވެ.
ޕާކިން ސްލޮޓުތައް ދޫކުރުމުގެ ގުރު ނެގުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ ކައުންސިލަރުން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 211 ސްލޮޓަށް ކުރިމަތިލީ 969 ފަރާތުގެ ތެރެއިން އެ ގުރު ނަގާތަން ލޮލުން ދެކި، އަތުން ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮންނަންވާނެ ކަމަށާއި ގުރެއް ނަގާއިރު ގުރުގައި ބައިވެރިވާ ފަރާތްތަކަށް ހާޒިރު ނުވެވޭ ގޮތަށް އެކަން ކުރުމަކީ އައިބު ކަމެއް ކަމަށެވެ.
ގުރުއަތުލުން ކުރިއަށް ގެންދިޔައީ އެ މަސައްކަތް ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލި ކޮމިޓީއަށް ނޭނގި، އެ ކޮމިޓީގެ ބައިވެރިވުން ނެތި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މި މައްސަލަ އޭސީސީއަށް ވެސް ހުށަހެޅީ އެމްޑީޕީގެ ފަރާތުންނެވެ.
ކުރިން ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އެންމެ ރަނގަޅުގޮތަށް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު