ކުރިއަށް އޮތް ތިން ހަފުތާގައި ރާއްޖޭގައި ކޮވިޑް އިތުރަށް ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ, ނ. އަތޮޅުގެ ފަސް ރަށަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު އެ އަތޮޅު ލަންދޫއަށް ވަޑައިގެން, އެރަށުގެ ބަނދަރު ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ, މި ހިސާބަށް އާދެވުނު އިރު, ރާއްޖެ މިއޮތީ ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތްވުމުގެ އުންމީދުތަކާ ހަމައަށް އާދެވިފައި ކަމަށެވެ. އަދި މި ސަރަހައްދުން އެންމެ ރަނގަޅަށް ބަލި ކޮންޓްރޯލްކޮށް, އިގުތިސާދު ހަލުވި މިނެއްގައި ކުރިއަރާ ގައުމަކީވެސް ރާއްޖެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ދުނިޔެއިން މިހާރު އަލަށް ފެނިފައިވާ ކޮވިޑުގެ ވޭރިއަންޓް, އޮމިކްރޯން ރާއްޖޭން ވެސް ފެނިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, އެ ވޭރިއަންޓުގެ ސަބަބުން ރާއްޖޭގައި މިމަހުގެ ތެރޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމުގެ އިންޒާރު ސިއްހީ މާހިރުން ދެއްވާ ކަމަށެވެ.
"އަޅުގަނޑުމެން އިއްޔެ ވާނީ ސިއްހީ މާހިރުންނާ އެކީގައި ބައްދަލުވުމެއް ބާއްވާފައި. އެއީ ކޮވިޑުގެ ވަބާ އަޅުގަނޑުމެންނާ ކުރިމަތިވުމާއެކު އުފެއްދި ޓާސްކު ފޯހުގެ ބައްދަލުވުމެއް. ސިއްހީ މާހިރުން އަޅުގަނޑުމެންނަށް ލަފާ ދެއްވި ކުރިއަށް އޮތް މިއޮތް ތިން ހަފުތާއަކީ އަނެއްކާވެސް ވަރަށް ބޮޑަށް ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތް ތިން ހަފުތާކަމަށް. އެއީ މި ވޭރިއަންޓް ރާއްޖޭން ފެނިފައިވާތީ," ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ, ސަރުކާރުން މަސައްކަތް މި ކުރަނީ ވިޔަފާރިތަކާއި އެއްޗެހި ބަންދު ނުކޮށް, އާންމު ހާލަތައިގެން ކުރިއަށް ދިއުމަށް ކަމަށާއި އެގޮތަށް ކުރިއަށް ދެވޭނީ ސިއްހީ މާހިރުން ދެއްވާ އިރުޝާދަށް އަމަލުކޮށްގެން ކަމަށެވެ. އެހެން ކަމުން ކުރިޔެކޭވެސް އެއްގޮތަށް ކޮވިޑުން ރައްކާތެރިވުމުގެ ހާއްސަ ފިޔަވަޅުތަކަށް ފުރިހަމަޔަށް އަމަލުކުރުމަށް ރައީސް އިލްތިމާސް ކުރެއްވެވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު