ކަނޑުމަތީގެ ހާދިސާތައް

އެކްސްކްލޫސިވް: އަޑިޔަށް ދިޔަ ދޯނީގެ ކެޕްޓަންގެ ފަހު ބަސް، "ދޯނި އަޑިޔަށް ދަނީ، ކޮންމެވެސް މީހަކަށް ހަބަރުކޮށްދީ!"

2

ރޭ އަޑިޔަށް ދިޔަ، "އަލަމާ 5" ގެ ކެޕްޓަނާ ގުޅުނު ވަގުތު ބުނިހާވެސް ވާހަކައަކީ "ދޯނި އަޑިޔަށް ދަނީއޭ، ކޮންމެވެސް މީހަކަށް ހަބަރު ކޮށްލަދޭށޭ" ކަމަށް އެ ދޯންޏަށް ދިމާވި ހާދިސާގެ ވާހަކަ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އެންގި މީހާ ބުނެފި އެވެ.

ދ. މީދޫ "އަލަމާ 5" އަކީ، މާލޭގައި ފާނަ ގަތުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށް ކުއްޔަށް ދީފައި އޮންނަ ދޯންޏެކެވެ. ދޯނި އަޑިޔަށް ދާ ކަމަށް ބުނެފައިވަނީ ވ. ފުއްސަރާ ދިމާ ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރަށެވެ.

ދޯނީގެ ކެޕްޓަނަކީ ކ. ގުރައިދޫ، އާދަމް ޝަފީއު އެވެ. ދޯނި އަޑިޔަށް ދާ ހަބަރު އޭނާ ދިނީ އޭނާއާ އެކު ފާނަ ކިރުމުގެ މަސައްކަތުގައި ހަމަ އެ ކުންފުނީގައި ހަރަކާތްތެރިވާ އެހެން ދޯންޏެއްގެ ކެޕްޓަނެއް ކަމަށްވާ، އަލީ ރަޝީދު އަށެވެ. އަލީ ރަޝީދު ދުއްވާ ދޯނި އެއިރު ދަތުރުކުރަމުން އައީ ރ އަތޮޅުން މާލެ އަށެވެ.

"ދުވާފަރު ކައިރީން އަންނަނިކޮށް އެޑަމް ގުޅާފަ ބުނީ ދޯނި އަޑިޔަށް ދަނީއޭ، މީހަކަށް ހަބަރު ކޮށްލަދޭށޭ. އެހައި ހިސާބުން އަޑު ކެނޑިއްޖެ." އަލީ ރަޝީދު "ވަން އަށް މިއަދު ބުންޏެވެ.

އޭނާ ބުނީ އެމީހުން ދަތުރު ކުރި ދޯނި އައީ ރ. އަތޮޅުން މާލެއަށް ކަމަށާއި އޮތް ހިސާބުގެ ގޮތުން ރަނގަޅަށް ރޭންޖުވެސް ނުލިބޭތީ، ރަށަކާ ގާތް ކޮށްފައި އަލުން އަލަމާ 5 އާ ގުޅޭތޯ މަސައްކަތް ކުރި ކަމަށެވެ. އެކަމަކު އޭގެ ފަހުން އެއްވެސް މީހަކަށް ނުގުޅޭ ކަމަށެވެ. އެހެން ކަމުން ކޯސްޓްގާޑަށާއި ކުންފުންޏަށް ވަގުތުން އެންގި ކަމަށް ވެސް އަލީ ރަޝީދު ބުންޏެވެ.

އަލީ ރަޝީދު ބުނީ އެ ދޯނީގައި އާދަމް ޝަފީއުގެ އިތުރުން ދެން މަސައްކަތް ކުރާނީ، ބަނގްލަދޭޝް ދެ ފަޅުވެރީން ކަމަށާއި އެއިން އެކަކު އުޅެނީ ތ. ވިލުފުށީ މީހަކާ އިނދެގެން ކަމަށެވެ.

އޭނާ އިތުރަށް ބުނީ އަޑިޔަށް ދިޔަ ދޯނީގައި ސަލާމަތީ ކަންކަން ރަނގަޅަށް ހުންނާނެ ކަމަށާއި ދިޔަ ހިއްކާ ދެ ޕަންޕު ހުންނާނެ ކަމަށެވެ. ދޯނި ދިޔަވެ އަޑިޔަށް ހިނގައްޖެ ނަމަ، ފެންމަތީގައި ތިބުމަށް އެހީތެރިކަން ހޯދޭނެ ވަރަށް ގިނަ ތަކެތި ވެސް ދޯނީގައި ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ފައިބަރު ފޮށި ތަކާއި، ބޮޑެތި ހަމާއި، 50 އަށްވުރެ ގިނަ ލައިފް ޖެކެޓު ވެސް ހިމެނޭ ކަމަށް އަލީ ރަޝީދު ބުންޏެވެ.

އަލީ ރަޝީދު އިތުރަށް ބުނީ، ދޯނި އަޑިޔަށް ދިޔަ އަލިހުރަސް ކަނޑުގައި އޮއި ހުރި ގޮތުން އެ ދޯންޏާއި މީހުން އޮޔާ ދާނެ ކަމަށް ބެލެވެނީ ފ. އަތޮޅާއި އަރިއަތޮޅާ ދެމެދުން އޮންނަ ހުރަސް ކަނޑު (އަރިޔަދޫ ކަނޑު)އާ ދިމާއަށް ކަމަށެވެ. އިތުރު އަނިޔާއެއް ލިބިފައި ނުވާ ނަމަ، އެމީހުން ސަލާމަތުން ތިބުމުގެ ފުރުސަތު ބޮޑު ކަމަށާއި އެ އެންމެންނަކީ ވެސް ކަނޑުމައްޗަށް ފަރިތަ މީހުން ކަމަށް ވެސް ބުންޏެވެ.

އަލީ ރަޝީދު ބުނީ މިއަދު 1030 އެހައި އިރު، "އަލަމާ 5" ގެ ކެޕްޓަންގެ ފޯނުން މިސް ކޯލް އެލާޓެއްވެސް ލިބުނު ކަމަށެވެ. އެކަމަކު އެވަގުތު ގުޅި އިރުވެސް އެ ފޯނަށް ރޭންޖު ނުލިބޭ ކަމަށެވެ.

އަލީ ރަޝީދު އިތުރަށް ބުނީ އޭނާ ދުއްވާ ދޯނިވެސް މިހާރު ދަތުރުކުރަނީ "އަލަމާ 5" އަދި އޭގެން ދަތުރު ކުރި މީހުން ހޯދުމަށް އެ ސަރަހައްދަށް ކަމަށެވެ.