ޕާކިސްތާނުގެ ދަރަނި އިތުރުވެ, އިންފްލޭޝަން މައްޗަށްދާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް, އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން, ޕާކިސްތާން-ޗައިނާ އިންވެސްޓްމަންޓް ފޯރަމެއް ފަށައިފިއެވެ.
ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން, ޕާކިސްތާނުގެ ބޯޑް އޮފް އިންވެސްޓްމަންޓާއި ޗައިނާގެ ކުންފުނިތަކާ ގުޅިގެން ބާއްވާ އެ ފޯރަމުގެ ބޭނުމަކީ ދެގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަކޮށް, ޕާކިސްތާނުގައި އިންވެސްޓްމަންޓް ކުރުމަށް ހުރި ފުރުސަތުތައް ފަސޭހަކޮށްދިނުން ކަމަށެވެ.
"ޗައިނާ ކުންފުނިތަކާއި އިންޑަސްޓްރީތައް ޕާކިސްތާނަށް ބަދަލުކުރުމަށް އަހަރެމެން ލުއިތަކެއް ދެން. ނަމަވެސް އެއްބަސްވުމަކުން ފެށިގެން އެ އެއްބަސްވުން ތަންފީޒުކުރުމަށް ނަގާ ގިނަ ވަގުތަކީ ދިމާވާ ބޮޑު މައްސަލައެއް," އިމްރާން ހާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޕާކިސްތާނުން އެންމެ ބޮޑު އިސްކަމެއް ދޭންވީ އެކްސްޕޯޓް އިތުރުކުރުމަށް ކަމަށާއި އެކަން ނުކޮށް ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށެވެ.
ޗައިނާއާ ގުޅިގެން ޕާކިސްތާނުން އިންވެސްޓްމަންޓް ފޯރަމެއް ފަށާފައިވާ އިރު, ޕާކިސްތާނުގެ އިންފްލޭޝަން މަތިވެ, ދަރަނި އިތުރުވެ, ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައިވާތީ, ޕާކިސްތާނުގެ ވެރިކަން ކުރާ, ޕާކިސްތާން ތަހްރީކް އޭ އިންސާފަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި ގިނަ ބަޔަކު ދަނީ އިމްރާންގެ އިސްތިއުފާއަށް ވެސް ގޮވާލަމުންނެވެ.
އެގޮތުން ޕާކިސްތާނުގެ މުސްލިމް ލީގު ނަވާޒްގެ ރައީސް ޝަހްބާޒް ޝަރީޒް ވަނީ އިމްރާންގެ ނާގާބިލުކަމުގެ އަދަބު ރައްޔިތުންނަށް ނުދެއްވައި, މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ