ކުޅިވަރު

ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އައިލެންޑް ޔޫތު ޔުނައިޓެޑް ސެމީއަށް

ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ކުޅުނު ހަތަރު މެޗުންވެސް ފަސޭހަކަމާއެކު މޮޅުވެ، ލ. ގަމު މުކުރިމަގު އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) މުބާރާތުގެ ސެމީ ފައިނަލް ޖާގަ ޔަގީން ކޮށްފިއެވެ.

އައިވައިޔޫއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި މިއަދު ކުނަހަންދޫ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން މޮޅުވެ، އައުވައިޔޫއިން ވަނީ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައި، ގްރޫޕުގެ އެއްވަނަ ޔަގީންވެސް ކޮށްފައެވެ. އެ ގްރޫޕުގެ ދެވަނައިގެ ގޮތުގައި ސެމީއަށް ދާ ޓީމު ޔަގީން ވާނީ ލ. ފޮނަދޫ ކައުންސިލުން ދަނބިދޫ ކައުންސިލާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ ގްރޫޕުގެ ފަހު މެޗަށް ފަހުއެވެ.

އެ މެޗަށް ނުކުތް އިރު، ގްރޫޕުގެ ދެވަނަ ޖާގައިގެ ފުރުސަތު ފޮނަދޫ އާއި ކުނަހަންދޫ އަދި ދަނބިދުއަށް އެބައޮތެވެ. އެހެން ނަމަވެސް ފޮނަދުއަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އެ މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ދަނބިދުއަށް ސެމީ ޔަގީން ކުރެވެން އޮތް އިރު، ކުނަހަންދުއަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ. ފޮނަދޫން ގިނަ ގޯލުތަކެއްގެ ތަފާތުން މޮޅުވެގެން ނޫނީ އެޓީމަށް ސެމީއަށް ދެވޭކަށް ނެތެވެ. ކުނަހަންދުއަށް އޮތް ފުރުސަތަކީ ފޮނަދޫން ދަނބިދޫ ބަލިކޮށްފިނަމަ އޮތް ފުރުސަތެކެވެ.

މިއަދުގެ މެޗުގެ ކުރީކޮޅުގައި ދެޓީމަށްވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ވަނީ ނާކާމިޔާބު ވެފައެވެ. އެހެން ނަމަވެސް އައިވައިޔޫއިން ވަނީ ހާފު ނިމުމުގެ ކުރިން މެޗުގެ 27 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު އައުވައިޔޫއަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޒައިދާން (ޒައިއްކޮ)އެވެ.

ދެވަނަ ހާފަށް ނުކުމެ އައިވައިޔޫން އިތުރު ތިން ގޯލެއް ޖަހައި ނަތީޖާ 4-0 ގެ ލީޑަކަށް ފުޅާކުރިއެވެ. ޒައިއްކޮގެ އިތުރު ގޯލަކާއެކު ދެން ފެނުނީ ކުނަހަންދޫގެ އަލީ އައިހަމް އަތުން ބައިކޮޅަށް ވަން ގޯލަކާއި އަލީ އިލްހާމް ގެ ގޯލެއް، އަދި އަލީ ނާޝިދު (ކޯކޭ)ގެ ހިލޭ ޖެހުމެކެވެ.

މެޗުގެ ފަހުކޮޅުގައި އައިވައިޔޫއަށް މާޔޫސީ ވަގުތުކޮޅެއް ދިޔައެވެ. އެޓީމުގެ ފަހަތުން މުހިއްމު ކުޅުމެއް ދައްކަމުން ދިޔަ ސުޕަ ޔުނައިޓެޑް (ސަސް) ގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) ބޯޅަ ނެތި ކުޅުންތެރިޔަކަށް ފައުލް ކުރުމުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައިފައެވެ.

އޭގެ ފަހުން އައިވައިޔޫއިން ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދަނިކޮށް ކުނަހަންދޫގެ އަހުމަދު ތަސްނީމާއި މުހައްމަދު އަނިލް އެޓީމަށް ދެ ގޯލު ޖަހައިދިން ނަމަވެސް އައިވައިޔޫން ވަނީ ކުޅުންތެރިޔަކު މަދުކޮށްވެސް ފަސްވަނަ ގޯލެއް ޖަހައިފައެވެ. އައިވައިޔޫގެ އެ ގޯލަށް އަރިމަތިން އަލީ ސާމިސް (ތޮއްޕެ) ނަގައިދިން ހުރަސް ގޯލަށް ވައްދާލީ އިބްރާހީމް ޝަރީފް (އިއްބެ) އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގްރީން ސްޓްރީޓްސްއަށް ކުޅެމުންދާ އައިވައިޔޫގެ ތޮއްޕެއެވެ.

މުބާރާތުގައި މާދަމާ އޮންނަ މެޗުގައި މާބައިދޫ ނުކުންނާނީ މާހިންނަ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.