ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ނ. މާޅެންދޫގައި މަސްކަނޑާތަނެއް ތަރައްގީކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ކޮމިއުނިޓީ ފަންޑުގެ ދަށުން މާޅެންދޫގައި ފަސޭހަކަމާއެކު ދުވާލާއި ރޭނގަޑުވެސް މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް އެތަން ތަރައްގީކޮށްފައި ވަނީ ސޮސައިޓީ ފޯ ލީޑާސް އިނިޝިއޭޓް ޑިވެލޮޕްމެންޓުގެ (އެމްއެލްއައިޑީ)ގެ ފަރާތުން ކަމަށެވެ.
އެތަނުގައި އެއް ފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭނެ ކަމަށާއި އެތަނުގައި ސާފު ފެން ރައްކާކުރެވޭނެ ގުދަނެއްވެސް ހުންނާނެ ކަމަށެވެ. އަދި މަސްކެނޑުމަށްފަހު އުކާލެވޭ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
މަސްކަނޑާތަން ތަރައްގީކުރި އެމްއެލްއައިޑީގެ އޮފިޝަލަކު ވިދާޅުވީ އެތަނަކީ މާޅެންދޫގެ މަސްވެރިންނަށާއި އެހެން ރަށްތަކުން މާޅެންދުއަށް އަންނަ މަސްވެރިންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ތަރައްގީކުރި ތަނެއް ކަމަށެވެ.
އޮފިޝަލު ވިދާޅުވީ މީގެ ކުރިން މާޅެންދޫގައި މަސްކަނޑަން ޖެހެނީ ޖެޓީ މަތީގައި ކަމަށެވެ. ނަމަވެސް އަލަށް ގާއިމުކުރެވުނު މަސްކަނޑާތަނުގެ ސަބަބުން މާޅެންދޫގެ ރައްޔިތުންނަށާއި އެރަށުގެ މަސްވެރިންގެ އިތުރުން މަސް ވިއްކާ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާޅެންދޫ ރައްޔިތުން އަންނަނީ އެތަން ބޭނުންކުރަމުންނެވެ. އެތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ވަނީ މަސްކަނޑެމުގެ މުބާރާތެއް ބާއްވައިފައެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު