ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރައި ގެއްލުންވެއްޖެއެވެ.
އުދަ އަރާފައިވަނީ ށ. ނ. އަދި ރ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ރޭ ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ނ. ހޮޅުދޫ އާއި ށ. ފުނަދޫ ހިމެނޭ ކަމަށެވެ. ނަމަވެސް އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ހަނދުމަހުގެ އެއްމަސް ނިމި އަނެއް މަހަށް އަޅާއިރު، އުދައިގެ އަސަރު ބައެއް ރަށްތަކަށް ކުރާނެ ކަމަށެވެ. ނަމަވެސް އާދަޔާ ހިލާފަށް ބޮޑަށް އެއްވެސް ރަށަކަށް އުދައިގެ އަސަރު ކޮށްފާނެ ކަމަކަށް ނުބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.
މެންދުރު ދިޔަވަރު ބޮޑުވާ ގަޑިއަށްވުރެ ބޮޑަށް ދަންވަރު ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ މޫސުން އެހާ ގޯސްނުވި ނަމަވެސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު