ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރުގެ ޔޮޓް ޓުއާރސް އިން "ގދ. ވަޓަވައްރެހާ" ގައި ތަރައްގީކުރަމުން އައި ރިސޯޓު ހުޅުވުމަށްޓަކައި ރާއްޖެ ގެނައި 17 ކޮންޓެއިނާގެ މުދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން (އެމްޕީއެލް) އިން ހިފަހައްޓައި، އެ މުދާ ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ ޔޮޓް ޓުއާސް އިން ސިވިލް ކޯޓުގައި ކުރި ދައުވާ އެކޯޓުން ބޭރު ކޮށްލައިފިއެވެ.
މި މައްސަަލައިގެ ދައުވާގެ ފޯމު ބާތިލުކޮށް މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގެ ބަޔާނުގައި ބުނެފައި ވަނީ، މި މައްސަލައިގައި ކުންފުނީގެ ފަރާތުން ޝަރީއަތަށް ހާޒިރުވެ ކުންފުނީގެ ފަރާތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމާއި، ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމާއި، ހުށަހަޅަން ޖެހޭ ލިޔުންތަކާ ހަވާލު ވުމާއި، އަދި މި ނޫންވެސް މައްސަލައާ ގުޅިގެން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް އައްޔަން ކޮށްފައި ވަނީ އެ ކުންފުނީގެ ޗެއާމަން އަބުދުﷲ ޖާބިރު ކަމަށެވެ.
މައްސަލައާ ގުޅިގެން ބަޔާން އަދި ހެކި ލިސްޓު ހުށަހެޅުމަށް ޓަކައި 16 ޑިސެމްބަރު 2021 އަށް މައްސަލަ ތާވަލު ކޮށް، 16 ޑިސެމްބަރު 2021 ގެ 12:00 އަށް ކޯޓުގެ މެއިލް އަށް ބަޔާން ފޮނުވުމަށް އަންގައި، އަބުދުﷲ ޖާބިރަށް މެއިލް ކުރި ނަމަވެސް އެ އަމުރުގައިވާ ތާރީހާއި ގަޑިއަށް އެތަކެތި ފޮނުވާފައި ނުވާކަމަށް ވެސް ބުނެފައި ވެއެވެ. އަދި އޭގެ ފަހުންވެސް، ބަޔާން އަދި ހެކި ލިސްޓް ފޮނުވާފައި ނުވާ ކަމާއި، ބަޔާން އަދި ހެކި ލިސްޓް ނުފޮނުވުނު ސަބަބު ބަޔާންކޮށް ނުވަތަ ބަޔާން އަދި ހެކި ލިސްޓް ހުށަހެޅުމަށް އިތުރު ފުރުސަތަކަށް ޖާބިރު އެދިފައި ނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސިވިލްކޯޓުގައި މައްސަލަތައް ހިންގުމާއި ހިދުމަތްތައް ދިނުމުގައި އަމަލު ކުރާ ގޮތުގެ އުސޫލުގައި ބުނެފައި ވަނީ، އެފަދަ އަމުރެއް ކުރުމުން އެ އަމުރު ރައްދުވެ އަމުރުގައިވާ ގޮތަށް މައްސަލައިގެ ހަސްމުން ހާޒިރު ނުވެއްޖެ ނަމަ އަދި މައްސަލައިގެ އަޑުއެހުމުގެ ތާރީހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި އަޑުއެހުމަށް އިޖާބަ ނުދެވުނު ސަބަބު އަންގާފައި ނުވާ ނަމަ، ކޯޓަށް މީހުން ހާޒިރު ކުރުުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ.
ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާ ގޮތުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި އަމުރުގައިވާ ތާރީހާއި ގަޑިއަށް ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ، އަދި އެ މައްސަލައިގައި ދައުވާ ލިބުނު ފަރާތުން ވަކި ގޮތަކަށް ކޯޓުން އަމަލު ކޮށްދިނުމަށް އެދި ހުށަހަޅާފައި ނުވާ ނަމަ، އެ މައްސަލައެއް ބާތިލު ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށެވެ.
އެހެންކަމުން ޔޮޓް ޓުއާރްސް އިން ހުށަހަޅާފައިވާ މި މައްސަލައިގައި ކޯޓަށް ޖަވާބު، ނުވަތަ ބަޔާން ފޮނުވުމުގެ އަމުރާ އެއްގޮތަށް ޔޮޓް ޓުއާސް އިން އެތަކެތި ފޮނުވާފައި ނުވާތީ އާއި، އެތަކެތި ނުފޮނުވި ސަބަބު ކޯޓަށް އަންގާފައިނުވާތީ ވޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާ ގޮތުގެ ގަވާއިދުގެ ދަށުން މި ގަޒިއްޔާގެ ފޯމު ބާތިލު ކޮށް ހުކުމް ކުރާކަމަށް ސިވިލްކޯޓުގެ ހުކުމްގައި ވެއެވެ.
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް