މިއަހަރަކީ މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަހަރު މުޅި ރާއްޖެއިން މުދަލު ޒަކާތުގެ ގޮތުގައި 85 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރު ކަމަށް ވިދާޅުވިއެވެ.

ރަށްރަށުގައި ދިރިއުޅޭ ފަގީރުންނަށް މުދަލުގެ ޒަކާތް ކައުންސިލްތައް މެދުވެރިކޮށް ބަހަމުން އަންނަ އިރު، އިސްލާމިކް މިނިސްޓްރީން އަންނަނީ އެ ފައިސާ ކައުންސިލްތަކަށް ފޮނުވަމުންނެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބަކީ 6878.20 ރުފިޔާއެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އެގޮތުން އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލުގެ ޒަކާތް ކުރިން ދައްކަން ޖެހެނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލުގެ ޒަކާތް ދައްކަން ޖެހެނީ މީރާ އަށެވެ.