ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަންނަ މަހު ހަތެއްގައި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ވަންގް ޔީ ރާއްޖެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ވަނީ ޗައިނާއަށް ވަޑައިގެންފައެވެ. ވަންގް ޔީ އަށް ރާއްޖެ ވަޑައިގަތުމުމުގެ ދައުވަތު ދެއްވާފައިވަނީ އެ ދަތުރުފުޅުގައެވެ.
ވަންގް ޔީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވާނީ މިނިސްޓަރު ޝާހިދު ކަމަށް ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވަނީ މިރޭ "ވަން" އަށް ވިދާޅުވެފައެވެ. ނަމަވެސް ޝާހިދު ރާއްޖެ ވަޑައިގަންނަވަނީ ކޮން ދުވަހަކު ކަމެއް އޭނާ ވިދާޅެއްނުވެއެވެ.
ވަންގް ޔީ ރާއްޖެ ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާނެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފުސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން އާއި ނައިބު ރައީސް ފައިސަލް ނަސީމު ވެސް ވަނީ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފައެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރިފައިވާތީ އެކަން ވެސް މި ދަތުރުގައި ފާހަގަކުރާނެއެވެ.
ޗައިނާއިން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކޮވިޑްގެ ތެރޭގައި ބަލިން ރައްކާތެރިވުމަށް އެގައުމުން އުފެއްދި ވެކްސިންގެ އިތުރުން ފްރޮންޓްލައިން މަސައްކަތްކުރާ މުވައްޒަފުންނަަށް ބޭނުންވާ ސިއްހީ ގިނަ ސާމާނުތަކެއް ވެސް ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އަދި ހުޅުމާލޭގައި ކޮވިޑަށް ހާއްސަކޮށްގެން މެޑިކަލް ފެސިލިޓީއެއްވެސް ގާއިމުކޮށްދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު