އާ އަހަރާ ދިމާކޮށް ފުލުހުންގެ އޮޕަރޭޝަންތައް ވަރުގަދަކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އާ އަހަރާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު ޕޮލިހުގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ސުލްތާން އަހުމަދު ބިޝާރު ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަންތައް އެއްގަމާއި ކަނޑުގައި ވެސް ކުރިއަށްދާނެ ކަމަށެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން ފަށާފައިވާ އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "ރިވެލި 2021" އެވެ. މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލް ކުރުމުގެ އިތުރުކޮށް، ދަންވަރު ވަގުތުތަކުގައި ބޭކާރުކޮށް މާލެތެރޭގައި އުޅޭ މީހުންނާ ސުވާލުކުރާނެ ކަމަށް ސުލްތާން ވިދާޅުވިއެވެ.

ސުލްތާން ވިދާޅުވީ މާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފުލުހުން އޮޕަރޭޝަންގައި ބައިވެރިކުރަން ނިންމާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ކުށުގެ ވެށި ނޫނީ ކްރައިމް ހޮޓްސްޕޮޓްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް އިތުރުކޮށްފައިވާ ކަމަށެވެ. ސުލްތާން ވަނީ އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް ކުރެވިފައިވާ މަސައްކަތުގެ ތަފާސް ހިސާބުވެސް ހިއްސާ ކުރައްވައިފައެވެ.

އެގޮތުން އޭނާ ވިދާޅުވީ އޮޕަރޭޝަން ރިވެލި ފަށައިގެން މިއަދާ ހަމައަށް 2260 މީހުން ޗެކް ކުރެވިފައިވާ ކަމަށެވެ. އަދި 88 ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގައި ދަށުގައި ތިބި މީހުންގެ ތަފުސީލާއި އެމީހުން ހައްޔަރުކުރި ސަބަބު ހާމައެއް ނުކުރައްވައެވެ.

މިހާތަނަށް ފުލުހުން ވަނީ މި އޮޕަރޭޝަނުގައި 3516 ވެހިކަލެއް ޗެކު ކޮށްފައެވެ. އެގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި އެއްވެސް ގޮތަކަށް ލައިސެންސް ނެތި ދުއްވާކަމަށް 62 މީހުން ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ނުރައްކާތެރިކޮށް ދުއްވައިގެން ވެސް ހަތް މީހަކު ވަނީ ހުއްޓުވައިފައެވެ.

މީގެ އިތުރުން 84 ވެހިކަލް ވަނީ ޓޯ ކޮށްފައެވެ. މި އޮޕަރޭޝަންގައި ކޮވިޑްގެ މިންގަނޑުތަކަށް އަމަލު ކުރަނީ ކިހާވަރަކަށްތޯ ވެސް ބަލައެވެ. އެގޮތުން މާސްކު ނާޅައި އުޅުމުގެ ސަބަބުން 165 މީހަކު ހުއްޓުވާފައިވާއިރު 119 މީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ތަކުރާރުކޮށް ކުށްކުރާ މީހުން ކަމުގައި ފާހަގަ ކުރެވޭ މީހުންނަށް ފުލުހުންގެ މި އޮޕަރޭޝަނުގައި ހާއްސަ ސަމާލުކަމެއް ދޭނެއެވެ. މި އޮޕަރޭޝަނަކީ އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމުގައި ވިޔަސް އާ އަހަރު ފެށުމަށްފަހު ވެސް މި އޮޕަރޭޝަން ކުރިއަށް ދާނެކަމަށް ސުލްތާން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ހުޅުމާލޭ ޕޮލިސް ހެޑް އަބްދުލް މަތީން އަބްދުލް ކަރީމް ވިދާޅުވީ ހުޅުމާލޭގައި ވެސް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި ހުޅުމާލޭ ފޭސް ދޭކަށް ފުލުހުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އެގޮތުން ދެވަނަ ފިޔަވަހީގައި ބަލައިފާސް ކުރާ މިންވަރު އިތުރުވާނެ ކަމަށް މަތީން ވިދާޅުވިއެވެ.

މެރިން ޕޮލިސްގެ ހެޑް އިބްރާހިމް އަދްނާން ވިދާޅުވީ މި ދުވަސްވަރަކީ އަތޮޅުތެރެއަށް ވެސް ގިނަ ބަޔަކު ދަތުރުކުރަމުންދާ ދުވަސްވަރެއް ކަމުން ކަނޑުމަތީގައި ވެސް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތައް ވެސް ވަރުގަދަކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ފުލުހުން ކަނޑުދަތުރުކުރާ އުޅަނދުތައް ހުއްޓުވައި ބަލައި ފާސްކުރާނެ ކަމަށެވެ. އަދި އެގޮތަށް ބަލައި ފާސް ކުރާއިރު ސަލާމާތި ކަންކަން ފުރިހަމަނުވެ ހުންނަ އުޅަނދުތަކަށް ދަތުރު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ސުލްތާން ވަނީ އުޅަނދުތަކުގެ ކެޕްޓަނުން ހާއްސަ ސާމަލުކަމެއް ދޭންޖެހޭ ކަންކަން ވެސް ހިއްސާ ކުރައްވައިފައެވެ. އެގޮތުން ދަތުރަށް ފުރާއިރު ސަލާމަތީ ކަންކަން ޗެކް ކުރުމަށާއި މުވާސަލަތީ ވަސީލަތްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަށް އިލްތިމާސް ކުރައްވައިފައެވެ.

މީގެ އިތުރުން ކެޕޭސިޓީއަށްވުރެ އިތުރަށް މުދާ ނޭރުވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި ފަޅު ރަށްރަށަށް ކުދި ޑިންގީތައް ބަރުކޮށްގެން ދަތުރުނުކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.