މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއްކަމަކީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބޭ ރަނގަޅު ޖީލެއް އުފެއްދުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ 34 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ރަނގަޅު ޖީލެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވާހަކަފުޅު ދައްކަވައިފައި ކަމަށެވެ. އެމަނިކުފާނު ވަނީ މަދަރުސާތަކާއި، ދަރިންނަށް ކިޔަވައިދޭ ހުރިހާ އިދާރާތަކުންވެސް ހެޔޮލަފާ، މަސައްކަތްތެރި، ގާބިލު، ރަނގަޅު ޖީލެއް ބިނާކުރުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައި ކަމަށެވެ.

އެގޮތުން ނައިބު ރައީސް ވަނީ މި ސަރުކާރުން ގުރުއާން ކިޔަވައިދެއްވުމަށާއި އިސްލާމީ ތަރުބިއްޔަތު ކުދިންނަށް ދިނުމަށް ދެއްވާ ސަމާލުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ގައުމީ ގުރުއާން މުބާރާތެއް އިންޒިތާމުކޮށް ހިންގުމުގެ މަގުސަދަކީވެސް ވަރަށް ސާފު މަގުސަދެއް ކަމަށާއި އެއީ ތުއްތުކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބިޖައްސައި، ތަޖުވީދުގެ މަގުން ކިޔެވުމަށް ހިތްވަރުދިނުންކަމުގައެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން އެމަނިކުފާނު ވަނީ އެއްބައިވަންތަކަމާއެކު ގައުމު ކުރިއެރުވުމަށް ނަސޭހަތްތެރިވެވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެމަނިކުފާނު ވަނީ މާތްﷲ ގެ އިރާދަފުޅުން ދުވަހަކުވެސް މި ލޮބުވެތިފަސްގަނޑު ދެމި އޮތްހާ ހިނދަކު މި ފަސްގަނޑުގައި ބަޔަކު ދިރިއުޅޭހާ ހިނދަކު، އިސްލާމްދީނުގެ ނޫރު އަދި އަލިކަން ދުވަހަކުވެސް ފިލައިގެނެއް ނުދާނެ ކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ގަދަރާއި ލޯބި ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމުގައި ވިދާޅުވެފައި ކަމަށެވެ.