ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ލ. މާބައިދޫ ކައުންސިލާއި ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުން އެއްވަރުވެ، ގޯޅިއަށް ވަނީ ސެމީއަށް ދާން އިތުރު މަސައްކަތެއް ކުރަން ޖެހިފައެވެ. އަނެއްކޮޅުން މާބައިދޫ ވަނީ ސެމީގެ ފުރުސަތު ފަހިކޮށްފައެވެ.

މިހާތަނަށް ގްރޫޕް އޭގައި މާބައިދޫ އާއި ގޯޅިންވެސް ތިން މެޗު ކުޅެފައިވާ އިރު، މާބައިދޫ ވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފައެވެ. އެޓީމު ހަތް ޕޮއިންޓާއެކު ގްރޫޕް އެއްވަނައިގައި މިވަގުތު އޮތް އިރު، ގޯޅިއަށް ތިން މެޗުން ލިބެނީ ހަތަރު ޕޮއިންޓެވެ. ގޯޅިން މިވަގުތު ދެވަނައިގައި އޮތީ ފައިދާ އެއް ގޯލުންނެވެ. ތިންވަނައިގައި އޮތީ ދެމެޗުން ހަތަރު ޕޮއިންޓާއެކު އޮތް މާހިންނައެވެ.

އެގްރޫޕުގެ ހަތަރުވަނައިގައި އޮތް ޕޮލިހަށް ދެމެޗުން ޕޮއިންޓެއް ލިބިފައިވާ އިރު، ޕޮލިހުން ދެން ނުކުންނާނީ ގޯޅިއާ ދެކޮޅަށެވެ. ޕޮލިހަށް އަދި ދެމެޗު ބާކީ އޮތް އިރު، ގޯޅި މެޗަށް ފަހު ދެން ޕޮލިސް ނުކުންނާނީ ގްރޫޕް ފުލުގައި ޕޮއިންޓެއް ނުލިބި އޮތް އަމިގޯސްއާ ދެކޮޅަށެވެ.

މާހިންނައަށްވެސް އަދި ބާކީ ދެމެޗު އެބައޮތެވެ. އެއީ މާބައިދޫއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އިތުރުން އަމިގޯސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމުގެ ފަހަތުންވެސް ރަނގަޅަށް ޑިފެންސް ކުރިތަން ފެނުނު އިރު، ފުރަތަމަ ހާފުގައިވެސް ރަނގަޅު ހަމަލާއެއް ލިބިފައެއް ނުވެއެވެ. ދެވަނަ ހާފުގައި މެޗު ކޮންމެވެސް ވަރަކަށް ހުޅުވި، މަދުމަދުން ފުރުސަތުތައް ލިބުނު ނަމަވެސް، އެއްވެސް ޓީމަކުން ނުރައްކާތެރި ހަމަލާއެއް އުފެއްދިތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް ބީގައި ފޮނަދޫ ކައުންސިލާއި ކުނަހަންދޫ ވާދަކުރާ މެޗެވެ.