ދައުލަތުގެ ބަޖެޓު

2021 ޜިވައިންޑް: އާ އަހަރު ފެށެނީ ވައުދުފުއްދަން ހިސާބުޖެހި އުއްމީދީ ބަޖެޓާ އެކު

އިބްރާހިމް ޒަކީ

ކޮވިޑް 19 އަށްފަހު އިގްތިސޯދީގޮތުން ރާއްޖެ ރަނގަޅަށް ހުޅުވައިލެވިގެން ދިޔައީ ނިމިގެން މި ދިޔަ 2021 ވަނަ އަހަރުއެވެ. ބަޖެޓު ރިވިއުތައް ގިނަވެ، ބަދަލުތަކާއި އެކުވެސް 2021 ނިމިގެން ދިޔައީ ރާއްޖޭގެ އިގުތިސޯދަށް ދިރުން އައުމުގެ އުއްމީދުތަކާއި އެކު ޓޫރިޒަމްގެ ވަރުގަދަ ބޫސްޓަކާ އެކުގަ އެވެ. އަހަރަށް ކަނޑައެޅި ޓޫރިޒަމްގެ މައި ލަނޑުދަނޑިތައް ވަނީ ހީކުރިވަރަށްވުރެ ފުރިހަމަޔަށް ހާސިލުވެފައެވެ.

އެހެންކަމުން އަންނަ މި ފެށޭ 2022 ވަނަ އަހަރަށް ލަފާކޮށް މިއަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަކީވެސް އުއްމީދުތަކެއް ގެނުވައިދޭ މުހިއްމު ކަންތައްތަކެއް ހިމެނޭ ބަޖެޓެކެވެ.

ކޮވިޑްގެ ސަބަބުން އިނދަ ޖެހުނު ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ދަށުން ރައްޔިތުންނަށް ދޭން ނިންމާފައިވާ ހިދުމަތްތަކަށް ބަޖެޓު ވަނީ ވަރަށް ބޮޑަށް ހާއްސަކޮށްފައެވެ. އެއާއެކު އުމްރާނީ ތަރައްގީއަށާއި، ތައުލީމާއި ބޯހިޔާވަހިކަމާއި ސިއްހީ ކަންތައްތަކަށްވެސް ބަޖެޓް ހާއްސަ ކޮށްފައިވެއެވެ.

ބަޖެޓުގައި ހިމެނޭ މުހިއްމު ކަންތައްތަކަށް ބަލައިލާއިރު ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަންނަ އަހަރަށް އަމާޒުކޮށް ފާސްކުރި ބަޖެޓުގައި ފުރަތަމަ ފަހަރަށް ކައުންސިލް ތަކަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީ ދިނުމަށް ވަނީ ހިމަނައިފައެވެ. އެގޮތުން ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓްކޮށްފައި ވެއެވެ.

އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދައި، ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް 4.6 ބިލިޔަން ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ. އެއާއެކު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 2.4 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަޖެޓުގައި ޖުމުލަ 3.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ސިއްހީ ހިދުމަތް ކަށަވަރުކުރުމަށެވެ. އެގޮތުން އާސަންދަ ސްކީމަށް 731 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފައެވެ.

ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އޭގެ ތެެރެއިން ސްޓޫޑެންޓް ލޯނަށް 240 މިލިއަން ރުފިޔާ އަދި ދަރިވަރުންގެ އެހެނިހެން ސްކޮލަޝިޕާއި ތަމްރީނުތަކަށް 208 މިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ހިލޭ ޑިގްރީ ޕްރޮގްރާމަށް 159 މިލިއަން ރުފިޔާ އާއި ސްކޫލް ދަރިވަރުންނަށް ސަރުކާރުން ދޭ އެހީގެ ގޮތުގައި 170 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ކަނޑައަޅައިފައިވެއެވެ. ސްކޫލް ދަރިވަރުންގެ ނާސްތާ ޕްރޮގްރާމަށް ކަނޑައަޅާފައިވަނީ 135 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އިތުރު ޓީޗަރުން ގެނައުމާއި، ސްކޫލްތައް އިމާރާތް ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.

މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަށް ޓަކައި މިނިމަމް ވޭޖާއި މުސާރައިގެ ހަމަހަމަކަން ގެނައުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މި ފެށޭ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅީ، 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ 34 ބިލިޔަން ހަރަދު ކުރަން ހިމަނައިގެންނެވެ. ނަމަވެސް އޮކްޓޫބަރު 31 ގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓް ހުށަހެޅުމާއެކު މިނިވަން މުއައްސަދާތަކުން އެ މުއައްސަސާތަކުގެ ބަޖެޓް ބޮޑުކޮށްދިނުމަށް އެދެން ފެށިއެވެ.

ސަރުކާރުގެ ވިސްނުމަކީ މިނިވަން މުއައްސަސާތަކަށް މިިނިވަންކަމާއި ބާރުވެރިކަމުުގައި މަސައްކަތް ކުރުުގެ ފުރުސަތު ދިނުން ކަމަށްވާތީ، އެ ކަމަށް އެދުނު މުއައްސަސާތަކަށް އިތުރަށް ބަޖެޓް ދިނުމަށް ސަރުކާރުން ނިންމި އެވެ. އެނިންމުމާއެެކު ބަޖެޓަށް 73 މިލިޔަން ރުފިޔާ ސަރުކާރުން އިތުރު ކޮށްދިނެވެ.

ބަޖެޓް އިތުރުކުރި ދާއިރާތަކުގެ ތަފްސީލު:

  • ސިވިލް ސާވިސްގެ އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާވިސް ޕްރޮޖެކްޓަށް 1،500،000 ރުފިޔާ
  • އޭސީސީއަށް އެމްއެމްޕީއާރުސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނަގަން 3،900،000 ރުފިޔާ
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މުވައްޒަފުން ނަގަން 865،636 ރުފިޔާ
  • އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ލޯ ފާމެއް ހޯދަން 204،000 ރުފިޔާ
  • އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް ގާނޫނުގައި ބުނާ ތާރީހަށް މަސައްކަތްތައް ނިންމަން ބޭނުންވާ މުވައްޒަފުން ނަގަން 2،200،000 ރުފިޔާ'
  • މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއަށް 73،782 ރުފިޔާ
  • ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރަން 500،000 ރުފިޔާ
  • ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް އަށް 7 މިލިއަން ރުފިޔާ

އެހެންކަމުން މި ފެށޭ އަހަރަށް މަޖިލީހުން ފާސްކުރީ 36.99 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސް ކުރަން ޖެހޭ 35.7 މިލިއަން ރުފިޔާ އެވެ.

މި ފެށޭ އަހަރު ހޯދަން ޖެހޭ ފައިނޭންސިންގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވެސް ވަނީ ރާވާފައެވެ.