ބައިނަލްއަގުވާމީ ފެންވަރުގެ އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރެވޭ ފެންވަރުގެ "އޭޓީސީ ޓަވާ ސިމިއުލޭޓާ" އެއް އެމްއޭސީއެލްގެ ތަމްރީންތަކުގައި ބޭނުންކުރަން ފަށައިފިއެވެ.

މިއީ މި ފެންވަރުގެ ތަމްރީން ރާއްޖޭގައި ފަށާ ފުރަތަމަ ފަހަރެވެ. އެމްއޭސީއެލުން ގެނައި، އެއާ ޓްރެފިކް ކޮންޓްރޯލް ސިމިއުލޭޓާ އިފުތިތާހުކޮށްދެއްވީ އެކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރު އަދި އެކްޓިން އެމްޑީ އަދި ސީއީއޯ އިބްރާހިމް ތާހާއެވެ.

އޭޓީސީ ޓަވާ ސިމިއުލޭޓަރުން އެއާޕޯޓްގެ 50 މޭލުގެ ރޭޑިއަސް ސަރަހައްދެއްގެ އުދުހުންތައް ބަލައިލެވޭނެއެވެ. މި ސިމިއުލޭޓަރު ގާއިމު ކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފެށި އިރު، އެ ސިސްޓަމަކީ ހަތަރު މިލިއަން ރުފިޔާގެ ސިސްޓަމެކެވެ.

އެ ރަސްމިއްޔާތުގައި ތާހާ ވިދާޅުވީ އޭސީޓީ ޓަވާ ސިމިއުލޭޓާގެ ސަބަބުން ރާއްޖެއިން ބޭރަށް ފޮނުވައިގެން މުވައްޒަފުންނަށް ތަމްރީންތައް ދިނުމަށް ކޮންމެ އަހަރަކު ކުރާ ހޭދަތައް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ.

އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ދުނިޔޭގެ ފެންވަރުގެ ސިމިއުލޭޓަރެއް ގާއިމު ކުރުމުކީ މުޅި އެއާޕޯޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއާ ޓްރެފިކް ކޮންޓްރޯލް ކުރަން މީގެ ކުރިން ވަރަށް ބޮޑު ގޮން ޖެހުމަކާ ކުރިމަތިވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމީދު ވިދާޅުވީ އެމްއޭސީއެލުން ތަމްރީނުތަކުގައި ބޭނުންކުރަން ފެށި "އޭޓީސީ ޓަވާ ސިމިއުލޭޓާ" އަކީ މިހާރު ދުނިޔޭގައިވެސް ބޭނުންކުރާ އެންމެ ޒަމާނީ ސިމިއުލޭޓާ ސިސްޓަމް ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އެމްއޭސީއެލްއަކީ އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރުމުގައި ސަރަހައްދީ ގޮތުންވެސް އެންމެ ކުރިއަރާފައިވާ ތަމްރީންދޭ މަރުކަޒު ހުރި ކުންފުންޏަށް ހެދުން،" ރާއްޖޭގެ 17 ވައިގެ ބަނދަރުގެ އެއާ ޓްރެފިކް ކޮންޓްރޯލްކުރާ އެމްއޭސީއެލްގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމީދު ވިދާޅުވިއެވެ.

އެމްއޭސީއެލުން ރާވާފައި އޮތީ ފުރަތަމަ ތަމްރީނުތައް އަންނަ ޖެނުއަރީ މަހު ފެށުމަށެވެ.