ކުޅިވަރު

ޗިލްވެލް ސާޖަރީއަކަށް ތައްޔާރުވެއްޖެ، ސީޒަން އެއްކޮށް ގެއްލޭނެ

ޗެލްސީން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި އިނގިރޭސި ޑިފެންޑަރު ބެން ޗިލްވެލް ކަކުލުގެ އޮޕަރޭޝަނަކަށް ތައްޔާރުވެއްޖެއެވެ.

ޗިލްވެލްގެ ކަކުލުގެ އެސީއެލްއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސާޖަރީއަކަށް ނުގޮސް ވޭތޯ ކްލަބުން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ފުރަތަމަ ސްކޭންތައް ބެލުމަށްފަހު ޑޮކްޓަރުންގެ ޓީމުން ބުނެފައި ވަނީ އޮޕަރޭޝަނަކަށް ދާން ޖެހޭނަމަ އެނގޭނީ ހަ ހަފުތާގެ ރިހެބްލިޓޭޝަނަށް ފަހުން ކަމަށެވެ.

އެ އަނިޔާގެ ތަފުސީލު ޗެލްސީން މިރޭ ހާމަކޮށްފައިވާ އިރު، ކްލަބުން ބުނެފައި ވަނީ މި ހަފުތާ ތެރޭ ޗިލްވެލްގެ ކަކޫ އޮޕަރޭޝަން ކުރާނެ ކަމަށެވެ.

އެސީއެލްގެ އަނިޔާތަކުގެ ސަބަބުން އާންމުކޮށް ގިނަ ކުޅުންތެރިންނަށް ސާޖިރީއަކަށް ދާން ޖެހެއެވެ. ޗިލްވެލްގެ ކަކޫވެސް ސާޖަރީއަކަށް ގޮސް ރިކަވާ ކުރަން ޖެހޭތީ އޭނާއަށް ސީޒަންގެ ބާކީ ބައި އެއްކޮށް ގެއްލޭނެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީން ދަނީ ޗިލްވެލްގެ ސާޖަރީއަކަށް ސްކޮޑު ތައްޔާރު ކުރަމުންނެވެ. މިވަގުތު ޗިލްވެލް ނެތްތައް ފޫބައްދަމުން ދަނީ މާކަސް އެލޯންސޯ އެކަނި ކަމަށްވާއިރު، ލޯނުގައި ހުރި ޗެލްސީގެ އިޓަލީ ވިންގް ބެކް، އެމަސަން ޕަލްމިއެރީ އަނބުރާ ކްލަބަށް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށްވެސް ނޫސްތަކުން ބުނެއެވެ. މިވަގުތު އެމަސަން ލޯނުގައި ހުރީ ފްރާންސް ލީގުގެ ލިޔޯން ގައެވެ. އޭނާ ވަނީ ސީޒަންގައި ލިޔޯންއަށް 14 މެޗުވެސް ކުޅެދީފައެވެ.

އޭގެ އިތުރުން އެވަޓަންގެ ފްރާންސް ވިންގް ބެކް، ލޫކަސް ޑީން ގެންދަންވެސް ޗެލްސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ޗިލްވެލްއަށް އަނިޔާވުމަކީ ޗެލްސީއަށް ލިބުނު ބޮޑު ނާއުންމީދެކެވެ. އުމުރުން 24 އަހަރު ފުލްބެކް ޗިލްވެލްއަށް އަނިޔާގެ ކުރިން ދިޔައީ ރަނގަޅު ކުޅުމެއްވެސް ދައްކަމުންނެވެ. އަނިޔާގެ ކުރިން އޭނާ ޑިފެންސަށް ކުޅުނު ނަމަވެސް ތިން ގޯލާއެކު އެއް އެސިސްޓްވެސް ވަނީ ހަދައިފައެވެ.