ކޮވިޑުގައި އިތުރު މީހަކު މަރުވެ ރާއްޖެއިން މަރުވި މީހުންގެ އަދަދު 262 އަކަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރޭ ފަތިހު 5:30ގައި ތ. ވިލުފުށި ހެލްތު ސެންޓަރަށް ގެނައި 86 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެއީ ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 262 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 245 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.