އައްޑުއަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ، އިތުރު ދެ މަތިންދާ ބޯޓު އެ ސިިޓީއަށް ބާއްވަން ފަށައިފިއެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ މިއަދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޮތް ޑިމާންޑް ބަލައި، ޑިމާންޑް އިތުރުވާ ވަރަކަށް ފްލައިޓްތައް ބާއްވާ މިންވަރުވެސް އިތުރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި ޑިސެމްބަރު މަހުގެ މިހާތަނަށް އެއާބަސްގެ 11 ފްލައިޓް ގަމަށް ބާއްވާފައިވާ ކަމަށާއި އަދި އަހަރު ނިމުމުގެ ކުރިން އައްޑުއަށް ދަތުރު ކުރުމަށް އިތުރު ދެ ފްލައިޓް އިތުރުކުރަން ރާވަމުން އަންނަ ކަމަށެވެ.

އައްޑުއަށް މިހާރުވެސް ކޮންމެ ދުވަހަކު ފަސް ފްލައިޓް ބާއްވައެވެ.

ރާއްޖޭގެ 15 ސަރަހައްދަކަށް މޯލްޑިވިއަނުން ދަތުރުތައް ބާއްވަމުން އަންނައިރު، މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ބައެއް ބޯޓުތައް މަރާމާތަށް ގްރައުންޑުކޮށްފައި ވުމުގެ ސަބަބުން އެ ކުންފުނީގެ ފަސިންޖަރުންނަށް ހިދުމަތް ދޭން، އަމިއްލަ ދެ އެއާލައިން ކަމަށްވާ މަންޓާ އެއާ އާއި ވިލާ އެއާގެ ބޯޓުތައް އަންނަނީ ޗާޓަރު ކުރަމުންނެވެ.