ބޮލީވުޑްގެ މަގުބޫލު ތަރި ޓައިގާ ޝްރޮފް އާއި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޝާ ޕާޓްނީ ޗުއްޓީ ހޭދަކުރުމަށް އަނެއްކާވެސް ރާއްޖެ އައިސްފިއެވެ.

އާ އަހަރާއި ދިމާކޮށް ގިނަ ތަރިންތަކެއްގެ މަގުބޫލު މަންޒިލަކަށް އަނެއްކާވެސް ރާއްޖެ މިވަނީ ވެފައެވެ. ބޮލީވުޑް ތަރިން ކަމަށްވާ އަކްޝޭ ކުމާރު އަދި ޓްވިންކަލް ކަންނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ޓައިގާ ޝްރޮފް އަދި ދިޝާ ޕާޓްނީވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތައް އިންސްޓަގުރާމުގައި ހިއްސާކުރަމުން އެބަގެންދެއެވެ.

އިއްޔެގެ ވަގުތެއްގައި ބަތަލާ ދިޝާ، މުމްބާއީ އެއާޕޯޓުން ފެނިފައިވާއިރު އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް މިއަދު ވަނީ އިންސްޓަގުރާމަށް ލާފައެވެ. ދިޝާ އެކަނި ދަތުރުކުރި ނަމަވެސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ބެލެވޭ ގޮތުގައި ޓައިގާ ޝްރޮފް އާއެކުގައެވެ. ޓައިގާ ޝްރޮފް ވަނީ އޭނާވެސް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރާ މަންޒަރުތައް އިންސްޓަ ކޮށްފައެވެ.

ޓައިގާ އަދި ދިޝާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ހާމަކޮށްފައިނުވި ނަމަވެސް މި ދެތަރިންގެ މަގުބޫލު މަންޒިލަކަށް ރާއްޖެ ވަނީ ވެފައެވެ. އަދި މި ދެތަރީން އާއްމުކޮށް އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ވަނީ އައިސްފައެވެ. މި ދެ ތަރީން އާ އަހަރު ފެށުން ފާހަގަ ކުރަން އެންމެ ފަހުންވެސް އައިސްފައިވަނީ ރާއްޖެއަށެވެ.

އެންމެ ފުރަތަމަ މި ދެ ތަރިން އެކުގައި ރާއްޖެ އައިސްފައިވަނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް އެކުގައި ނަގާފައިވާ އެއްވެސް ފޮޓޯއެއް ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދެ ތަރިން އަބަދުވެސް ދޮގު ކުރެއެވެ.