ގާލްގައިޑް އެސޯސިއޭޝަންގެ ފަރާތުން "ނުވަވަނަ ނޭޝަނަލް ސިކްސާސް ކޭމްޕް 2021" ބާއްވައިފިއެވެ.

ހުޅުމާލޭ ގާޒީ ސްކޫލްގައި މި ކޭމްޕް ކުރިއަށް ގެންދިޔައީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.

ގާލްގައިޑް އެސޯސިއޭޝަނުން ބުނީ ރާއްޖޭގެ ލިޓްލް މެއިޑް ހަރަކާތް ހިންގާ ހުރިހާ ސްކޫލްތަކުގެ އުމުރުން 10 އަހަރާއި 11 އަހަރާ ދެމެދުގެ 308 ލިޓްލް މެއިޑުން އަދި 75 ގައިޑަރުން އޮފިޝަލުންގެ ގޮތުގައި މި ކޭޕްގައި ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 13 އަތޮޅަކުން 42 ސްކޫލުން މި ކޭމްޕްގައި ބައިވެރިވެފައިވާ ކަމަށްވެސް ބުންޏެވެ.

މި ކޭމްޕްގެ މިއަހަރުގެ ޝިއާރަކީ "ގާލް ޕަވާޑް ނިއުޓްރިޝަން" އެވެ.

އެސޯސިއޭޝަނުން ބުނީ ގާލް ޕަވާޑް ނިއުޓްރިޝަންގެ މުގައްރިރަކީ ވޯލްޑް އެސޯސިއޭޝަން ފޯ ގާލްގައިޑްސް އެންޑް ގާލް ސްކައުޓް (ވެގްސް) އަދި ނިއުޓްރިޝަން އިންޓަނޭޝަނަލް ގުޅިގެން ތައްޔާރު ކޮށްފައިވާ މުގައްރިރެއް ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން ކެއުމުގައި ރަނގަޅު ކާނާ ހިމެނުމާއި ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައި ކުދިންގެ އުމުރާ ގުޅޭގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ހިންގައިފައެވެ.

މީގެ އިތުރުން "ސިކްސާސް ޗެލެންޖް" ވެސް ބައިވެރިން ވަނީ ފުރިހަމަ ކޮށްފައެވެ. އެއީ ތަފާތު އެކި ހުނަރުތަކާއި ދިރިއުޅުމުގެ އަމަލީ މައިދާނުގައި އިސްނަގައިގެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ އާދަ އަށަގެންނެވުމަށް މަގުފަހި ކޮށްދޭނެ ހަރަކާތްތަކެއް ކަމަށްވެސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ނޭޝަނަލް ސިކްސާސް ކޭމްޕް 2021 ގެ ދަށުން ލިޓްލްމެއިޑްސް އެޑްވޮކެސީ އިވެންޓް އިއްޔެ ހަވީރު 4:15 އިން 6:00 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އިވެންޓްގެ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަހުމަދެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން މެޑަމް ފަޒްނާ ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނިއުޓްރިޝަން ލިބޭ ފަދަ އެކި ބާވަތްތަކުގެ ދުޅަހެޔޮ ކާނާ ކެޔުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

މިގޮތުން ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ނުވަތަ ނުކެއުމުގެ ސަބަބުން ދިމާވާ ސިއްހީ ކަންކަން ގުޅިފައިވަނީ އަންހެނުންނާއި ފުރާވަރަށް އަރާ އަންހެން ކުދިންގެ ނިއުޓްރިޝަންއާ ކަމަށް ތަޖުރިބާކާރުން ވިދާޅުވާ ކަމަށާއި އާންމުކޮށް ރާއްޖެއިން ލިބެން ހުންނަ ތަކެތި ބޭނުން ކޮށްގެންވެސް ސިއްހަތަށް ފައިދާހުރި ކާނާ ކެވޭނެ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.