ނ. މާފަރު ކައުންސިލުގެ ވަގުތީ ޒިންމާދާރުވެރިޔާ, އަހުމަދު ބަދީއު މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.
މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާން އާއި ސިވިލް ސާވިސް ކޮމިޝަނުންވެސް ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އަދުނާން ވިދާޅުވީ, އެ ކައުންސިލުގެ ވަގުތީ ޒިންމާދާރުވެރިޔާ, ބަދީއު މަސްއޫލިއްޔަތުން އެކަހެރި ކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ. ނަމަވެސް އޭނާގެ އެހެން މަސްއޫލިއްޔަތުތައް އަދާކުރުމަށް އޮފީހަށް ނުކުންނަ ކަމަށް ވިދާޅުވިއެވެ.
އަދުނާން ވިދާޅުވި ގޮތުގައި, ވަގުތީ ޒިންމާދާރުވެރިޔާ މަސްއޫލިއްޔަތުން އެކަހެރި ކުރި ސަބަބެއް ކައުންސިލަކަށް ނޭނގެއެވެ. އަދި އެކަން އަންގައިދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގައި އެދިގެންވެސް އެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް ވަކިން އެ މައްސަލަ ތަހުގީގު ކުރިން. ނަމަވެސް އަދި މިހާތަނަށް އެއްވެސް ކަމެއް ފާހަގައެއް ނުވޭ," އަދުނާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ, އެކަމުގެ ފުރިހަމަ މައުލޫމާތު ކައުންސިލަށް އަންގާފައި ނުވާތީ އިތުރު މައުލޫމާތު މީޑިއާއާ ހިއްސާކުރަން ބޭނުން ނުވާ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ލީގަލް އޮފިސަރަކު "ވަން" އަށް ވިދާޅުވީ, ބަދީއު މަސްއޫލިއްޔަތުތަކުން އެކަހެރި ކުރީ އިތުރުގަޑީގެ ފައިސާ އިތުރަށް ނެގި ކަމުގެ ތުހުމަތުގައި ކަމަށާއި ނަމަވެސް އެކަން ޔަގީން ވާނީ އެ މައްސަލަ ބަލައި ނިމުމުން ކަމަށެވެ. އަދި އޭނާ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރި ސީދާ ދުވަހެއް ބުނަން ނޭނގޭ ކަމަށާއި ހަފުތާއެއްހާ ދުވަސް ވެދާނެ ކަމަށް އޮފިސަރު ވިދާޅުވިއެވެ.
"މާފަރު ކައުންސިލުގެ އެހެން ބައެއް މުވައްޒަފުންވެސް އިތުރު ގަޑީގެ ފައިސާ އިތުރަށް ނެގި ކަމުގެ ތުހުމަތުތަކެއް އެބަ ބަލަން," އިތުރު ތަފުސީލު ނުދެއްވައި ސިވިލް ސާވިސް ކޮމިޝަނުގެ އޮފިޝަލު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު