މެންޗެސްޓާ ޔުނައިޓެޑަށް އަލަށް ގެންނަ ކުޅުންތެރިން ހޯދަން ޓްރާންސްފާ މާކެޓްގައި މަސައްކަތް ކުރާ އިރު، ކުޅުންތެރިން ވެކްސިން ޖަހާފައި ވޭތޯ ބަލާނެ ކަމަށް ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

ޕްރިމިއާ ލީގުގައި މިހާރުވެސް ކޮވިޑް 19ގެ ކޭސްތައް އިންތިހާއަށް ގިނަވެ މެޗުތައް ފަސްކުރަން ޖެހިފައިވާ އިރު، ވެކްސިން ޖެހުމުގެ ވާހަކަ އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. ކުޅުންތެރިންނަށް ވެކްސިން ޖެހުމަށް މަޖުބޫރު ނުކުރި ނަމަވެސް ކޯޗުންވެސް އަންނަނީ ވެކްސިން ޖެހުމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ. ހާއްސަކޮށް ބޮޑެތި ޓީމުތަކުގެ ބައެއް ކޯޗުން ވަނީ ވެކްސިން ޖެހުމަށް ކުޅުންތެރިންނަށް އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި ޔުނައިޓެޑާއި ލިވަޕޫލްވެސް ހިމެނެއެވެ.

"ޓްރާންސްފާތަކުން އާ ކުޅުންތެރިން ގެންނައިރު ވެކްސިން ފުރިހަމަ ކުރިތޯ ބަލާނެ. ވެކްސިން ނުޖަހައި ހުރި ނަމަ ކްލަބުތަކުން ވަރަށް ސީރިއަސްކޮށް ނަގަންވެސް ޖެހޭ މައްސަލައެއް އެއީ. ކުޅުންތެރިން ވެކްސިން ނުޖަހާ ތިބިކަން އެނގި ތިބެވެސް ގެންނަ ނަމަ އެ ކުޅުންތެރިންނަށް މެޗުތައް ގެއްލޭނެ ކަން މިހާރު އެނގޭނެ. އެއީ ކޮވިޑްގެ ކަންކަން ދާ ގޮތުން. އެންމެ 10 ދުވަހަކަށް ނޫން، ކޮވިޑް މިހާރު އޮތް ހާލަތަށް ބަލައިލިޔަސް، އެކަހަލަ ކުޅުންތެރިންނަށް ސީޒަންގެ ތެރެއިން ގިނަ މެޗުތަކެއް ގެއްލުން އެކަށީގެންވޭ،" ޔުނައިޓެޑްގް ކޯޗު ރަންގްނިކް ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕުވެސް ވަނީ އެ ބީދައިން ވާހަކަ ދައްކައިފައެވެ. ޔުނައިޓެޑާއި ލިވަޕޫލްގެ މެޗުތަކެއްވެސް މި ބުރުގައި ކޮވިޑް 19ގެ ސަބަބުން ފަސްކުރަން ޖެހިފައިވާ އިރު، ގިނަ ދުވަސްތަކެއް ވަންދެން ޔުނައިޓެޑްގެ ޓްރެއިނިން ސެންޓަރުވެސް ވަނީ ބަންދު ކޮށްފައެވެ.

ޕްރިމިއާ ލީގުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ކުޅުންތެރިންގެ 84 ޕަސެންޓް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނެއް 16 ޕަސެންޓް ކުޅުންތެރިން ވެކްސިން ނުޖަހައި ތިބި އިރު، ރަންގްނިކްގެ ޕްރެސްގައި އޭނާ ވަނީ ޖަރުމަނުގެ ޖޯޝުއާ ކިމިކަށް ދިމާވި ހާލަތަށް ވާހަކަ ދައްކާފައެވެ.

"ކިމިކް ހުރީ ވެކްސިން ނުޖަހާ. އެ ހާލަތުގައި ކޮވިޑް ޖެހި އިތުރު އެއް މަހަށް އެދިޔައީ ކުޅުމާ ދުރަށް. ވެކްސިން ނުޖަހާ ހުރުމުން ދިމާވާ ކަންކަން އެއީ. ވެކްސިން ޖަހައިލުމަކީ ހަމަ ކުޑަކުޑަ ކަމެއް." ރަންގްނިކް ބުންޏެވެ.