އިންޑިއާގެ އެގްޒިމް ބޭންކުން ޝޯޓުލިސްޓްކޮށްފައިވާ ފަރާތްތަކަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބީލަން ހުށަހަޅަން ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރުމަށް ނިންމާފައިވެއެވެ. އަދި 624،0000 އަކަފޫޓްގެ އޭޕްރަންގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް މަޝްރޫއުގެ ދަށުން ގާއިމު ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއާބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް އެ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ ކަމަށެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސޯދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ ސަބަބުން އުތުރުގައި ރިސޯޓުތަކާއި ސިޓީ ހޮޓަލާއި ގެސްޓުހައުސްތައް އިތުރުވެ ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ބޮޑު ކަންނެލީގެ މަސްވެރިކަމާއި އެނޫންވެސް ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގުތިސޯދު ފުޅާކުރުމަށް މި މަޝްރޫއު މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަޝްރޫއަކީ އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ހިންގަން ރާވާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން މަރުހަލާ މެއި މަހުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.