މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަނާއި ކޮރަޕްޝަންތައް ތަހުގީގު ކުރުމަށް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނަށް މިހާތަނަށް 15.4 މިލިޔަން ރުފިޔާ ދައުލަތުން ހަރަދު ކޮށްފައިވާކަން ހާމަވެއްޖެއެވެ.
މަރު ކޮމިޝަނަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާނާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު ހިމެނޭގޮތުން ތަހުގީގު ނުނިމިހުރި އެފަދަ މައްސަލަތައް ތަހުގީގުކޮށް، އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ފުޅުގެ ދަށުން އުފެއްދެވި ކޮމިޝަނެކެވެ. އަދި ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަކީ އެމްއެމްޕީއާރުސީ ފަދަ ދައުލަތަށް ބޮޑެތި ހިޔާނާތްތައް ވެފައިވާ މައްސަލަތައް ތަހުގީގުކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދައިދެއްވުމަށް ރައީސް ކުރެއްވި ވައުދުފުޅުގެ ދަށުން އުފެއްދެވި ކޮމިޝަނެކެވެ.
މި ކޮމިޝަންތަކަށް ދއުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަމުންދިޔަ ނަމަވެސް ރައީސް ސޯލިހުގެ ރިޔާސީ ދައުރުގެ ތިން އަހަރުގެ މުއްދަތު ނިމުނު އިރު އެކަށީގެންވާ ނަތީޖާއެއް ނެރެދީފައިނުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.
އެކަމާ ގުޅިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގަައިވާ ގޮތުގެމަތިން އެ ދެ ކޮމިޝަނަށް ދައުލަތުގެ ބަޖެޓް ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު ހޯދުމަށްފަހު އާއްމު ކޮށްފައިވަނީ ސޯޝަލް އެކްޓިވިސް އައިމަން ލަތީފެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭނާއަށް ދިން މައުލޫމާތުން ހާމަވާގޮތުގައި މިހާތަނަށް މަރު ކޮމިޝަނަށް ވަނީ 5.5 މިލިޔަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި އެސެތް ރިކަވަރީ ކޮމިޝަނަށް 9.95 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މަރު ކޮމިޝަންގެ ހަރަދުތަކަށް ބަލާއިރު، މުސާރަ އާއި އެލަވަންސްއަށް 4.9 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ދަތުރު ފަތުރަށް 270،363 ރުފިޔާ ހަރަދު ކޮށްފައިވާއިރު، އޮފީސް ހިންގުމަށް ބޭނުމަށް ހޯދާ ތަކެއްޗަށް 2،204 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އޭގެ އިތުރުން އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދަށް 230،813 ރުފިޔާ އާއި މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ހަރަދަށް 614 ރުފިޔާ އާއި ހަރު މުދާ ހޯދުމަށް 212،341 ހަރަދު ވެފައިވާ ކަމަށްވެސްވެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ތަފުސީލުގައި ވާގޮތުން މުސާރަ އާއި އެލަވަންސްތަކަށް 9.2 މިލިޔަން ވަނީ ހަރަދުކޮށްފައެވެ. އޮފީސް ހިންގުމަށް ބޭނުމަށް ހޯދާ ތަކެއްޗަށް 3،198 ރުފިޔާ ހަރަދު ކޮށްފައިވާއިރު، އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދަށް 135،935 ރުފިޔާ އާއި މަރާމާތު ކުރުމާއި ބެލެހެއްޓުމަށް 3،233 ރުފިޔާ އާއި ހަރު މުދާ ހޯދުމަށް 667،503 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް އެހިސާބު ތަކުގައިވެއެވެ.