"ކެކިއަރަމުން ލޮނުގަނޑު އައީ، ގަދަ އޮއިވަރާއެކު ވަރަށް އަވަހަށް ފެންގަނޑު މައްޗަށް އުފުލެމުން ދިޔައީ. ލޮނުގަނޑުގައި ގާތްގަނޑަކަށް ހަތަރުފަސްވަރަކަށް ފޫޓު ހުރި. ސަލާމަތްވާންވެގެން އެންމެންވެސް އެކި ދިމާލަށް ދިޔައީ. އަހަރެންވެސް ސަލާމަތްވުމަށް ކައިރީގައި ހުރި ރުކެއްގަ ބެއްދީ." 2004 ވަނަ އަހަރުގެ 26 ވަނަ ދުވަހު އެރި ސުނާމީގެ ހަނދާންތައް އާކުރަމުން، ލޮނުގަނޑުތެރޭގައި، ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރި، މުރުޝިދާ މުހައްމަދު ކިޔައިދިނެވެ.
މުރުޝިދާއަކީ ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވި އެއް ރަށް ކަމަށްވާ ދ. ގެމެންދޫ މީހެކެވެ. ސުނާމީ އެރި ވަގުތު މުރުޝީދާމެން ތިބީ، ގެމެންދޫ މީހުން އެރަށުގެ އަވަށެއްގެ ގޮތުގައި ބަލަހައްޓަމުން އައި ތަނބަޅައިދޫ ސާފުކުރުމަށް އެރަށުގައެވެ. ތަނބަޅައިދޫ ސާފުކުރުމަށް ވިއްސަކަށް މީހުންގެ ގްރޫޕެއް ދިޔައިރު، އެންމެންވެސް މަސްއޫލުވެ އުޅުނީ ތަނބަޅައިދޫގެ ބޯޅަދަނޑު ސަރަހައްދު ސާފުކުރުމަށެވެ. ބޯޅަދަނޑު ސަރަހައްދު ސާފުކުރަން ތިބޭއިރު، އުތުރުފަރާތު، ގޮނޑުދޮށާއި މޫދު ވަރަށް ރީއްޗަށް މުރުޝިދާމެންނަށް ފެނެއެވެ.
"ވަރަށް ރީއްޗަށް މޫސުންވެސް އޮތީ. އެއްވެސް އާދަޔާ ހިލާފުކަމެއް ފާހަގައެއް ނުވޭ. ކުނިކަހަން އޮއްވާ މި ފެނުނީ، ރާޅު އަރައިގެން އަންނަތަން. އެހާ ހިސާބުން ސަލާމަތްވުމަށް ދުއްވައިގަތީ. އެހެން ގޮސް އެ ސަރަހައްދުގައި ހުރި ރުކެއްގައި ބެއްދުނީ، އެއިރު މެޔާ ހަމައަށް ލޮނުގަނޑު އަރާ" ސުނާމީ އެރި ވަގުތު ކަންތައް ކުރި ގޮތް ކިޔައިދެމުން މުރުޝިދާ ބުންޏެވެ.
ރުކުގައި ބައްދައިގެން އޮތްއިރު، ކުރިމަތިން މީހުންތައް އޮޔާދާ މަންޒަރު އޭނާއަށް ފެނެއެވެ. މީހުންގެ ރުއިމުގެ އަޑާއި ހަޅޭކުގެ އަޑުން މުޅި ސަރަހައްދު އޮތީ ގުގުމާލައިފައެވެ. އަމިއްލަ ސަލާމަތަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަމުން ދިޔައިރު، ބައެއް މީހުން ގަސްތަކުގައި ހިފަހައްޓިގެންވެސް ތިއްބެވެ.
ރުކުގައި ބައްދައިގެން މާގިނައިރުތަކެއްވަންދެން މުރުޝިދާއަކަށް ނޯވެވުނެވެ. ބާރު އޮއިވަރާއެކު، މުރުޝިދާގެ އަތް ރުކުން ދޫވެ، އޮއިގަނޑުތެރޭގައި އެނބުރެމުން ގޮސް، ތަނބަޅައިދުއާއި ގެމެންދުއާ ދިމާ ބޭރުގައި އޮތް ވިލުތެރެއަށް ގެންދިޔައެވެ. އެއިރުވެސް ލޮނުގަނޑު ދިޔައީ ވަރަށް ބޮޑަށް އެނބުރެމުންނެވެ. ފަތާފައި އެއްވެސް ދިމާލަކަށް ދެވޭ ވަރަށްވުރެ އޮއި ބާރެވެ.
"ތަނބަޅައިދުއާ ޖެހިގެން ދެކުނަށް އޮންނާނީ އައްޔުކަލޯހުރާ، ގާތްގަނޑަކަށް އައްޔުކަލޯހުރައާ ތަނބަޅައިދޫއާ ދެފަޅުގެ ދޭތެރޭ ކަންނޭނގެ އޮތީ.
ހައްޓެއްވެސް ނުޖެހޭ. ފަތާފަ އެއްވެސް ކޮޅަކަށް ނުދެވޭ. އެހާވެސް އޮއިބާރު. ދެން އެތާނގަ އޮއްވާ ފެނުނު ބާލީހާއި ތެލިތަކާ އެއްޗެހިވެސް ފެނުމަތިން އަންނަތަން. އެހާ ހިސާބުން އެނގިއްޖެ ރަށަށް (ގެމެންދޫ) އަށްވެސް ރާޅު އެރީކަން. ދެން ވިލުތެރޭ އެހެން އޮއްވާ، މީހުން ސަލާމަތްކުރަން އައި ބޮއްކުރއަކަށް އަހަރެން ނެގީ. އޭގަ އެއިރު ތިބި ފަޅުން ނަގާފައި ތިބި އެހެން މީހުންވެސް." މުރުޝިދާ ކިޔައިދިނެވެ.
މުރުޝިދާ ބުނި ގޮތުގައި ބޮއްކުރަލުގައި ގޮސް އެރީ ގެމެންދޫ މީހުން އެއަތޮޅު ކުޑަހުވަދުއަށް ގެންދިއުމަށް މީހުން ބަލައި އައިސް އޮތް ދޯންޏަކަށެވެ. އެ ދޯނީގައި މުރުޝިދާމެން ގެންދިޔައީ ކުޑަހުވަދުއަށެވެ. އެއިރު ސުނާމީގެ ރާޅާއެކު ގެމެންދޫ އޮތީ މުޅިން ސުންނާފަތިވެފައެވެ. ގެތައް ވަނީ ބިމާ ހަމަވެފައެވެ. މުޅި ރަށުން އިވެމުންދިޔައީ ރުއިމާއި ގިސްލުމުގެ އަޑެވެ. ސުނާމީއަށް ފަހު މުރުޝިދާމެން ކުޑަހުވަދޫގައި ދިރިއުޅުނު ނަމަވެސް އުފަން ރަށް، ގެމެންދޫ މަތިން ހަނދާންވާ ކޮންމެ ފަހަރަކު މުރުޝީދާ ފެންކަޅިވެއެވެ. ކުޑައިރުގެ އެތައް ހަނދާނެއް، އެކުލެވޭ ގެމެންދޫގެ ފަސްގަނޑު ދޫކޮށް، ކުޑަހުވަދޫގައި ވަޒަންވެރި ވީ، އިތުރު ގޮތެއް ނެތިގެންނެވެ. ނަމަވެސް ކުޑަހުވަދޫގެ މާހައުލުން މުރުޝިދާމެންނަށް ލިބުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. މިހާރު، މުރުޝިދާމެން ކުޑަހުވަދޫގައި ދިރިއުޅެމުން އަންނަނީ އުފަލުންނެވެ. މުރުޝިދާމެންގެ ސިކުނޑީގައި ހަރުލާފައިވާ ސުނާމީގެ ހިތި ހަނދާންތަކަށް ކުޑަހުވަދޫގެ ތަހުޒީބީ މާހައުލުން ވަނީ ބޮޑު ތަސައްލީއެއް ލިބިފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް