ބިދޭސީންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި ހެލްތު ކޭމްޕެއް ބާއްވައިފިއެވެ.

ބައިނަލްއަގުވާމީ ހިޖުރަކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑްކްރެސެންޓާއި މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިޔުއެމް) އިން އިސްނަގައިގެން އެ ކޭމްޕު ބާއްވާފައި ވަނީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)އާ ގުޅިގެންނެވެ.

އެމްއެމްޑަބްލިޔުއެމުން މިއަދު ބުނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން އެ ކޭމްޕުގެ ތެރެއިން ކޮވިޑް19ގެ ފުރަތަމަ އަދި ދެވަނަ ޑޯޒްގެ ވެކްސިން ޖެހުންވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ އިތުރުން ލޭގެ ޕްރެޝަރާއި ހަކުރު ބެލުމާއި ހިލޭ ޑޮކްޓަރަށް ދެއްކުމާއި ޑޮކްޓަރަށް ދެއްކި މީހުންނަށް އޭޑީކޭއާއި ލައިފް ސަޕޯޓާ ގުޅިގެން ހިލޭ ބޭސް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސައިދިން ކަމަށް ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ، ކޭމްޕުގެ ތެރެއިން 200 އަށް ވުރެ ގިނަ ބިދޭސީން ސްކްރީންކޮށްފައިވާ ކަމަށެވެ.

އެ ކޭމްޕުގައި ޝީގެ ފަރާތުން ބިދޭސީންނަށް ހާއްސަކޮށްގެން ހެޕަޓައިޓިސްއާއި އެޗްއައިވީ ސްކްރީނިންގެ އިތުރުން ބްލަޑް ގްރޫޕް ޓެސްޓިން ކުރިއަށް ގެންދިޔަ އިރު، ސީއެސްއެމްގެ ފަރާތުން ވަނީ ބިދޭސީންނަށްޓަކައި އޯރަލް ކެންސާ ސްކްރީނިން ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތުގައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުންވެސް ބައިވެރިވެ، ބިދޭސީންނަށް ލީގަލް އެއިޑް ވަނީ ފޯރުކޮށްދީފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނާއި ވެލްފެއާ އެސޯސިއޭޝަން ފޯ ޓެމިލް އެކްސްޕެޓްރިއޭޓްސްއާއި އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް އިން މޯލްޑިވްސްގެ އިތުރުން ޔުނިސެފް މޯލްޑިވެސްގެ ފަރާތުންވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.