ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްޒް ރަން"ގެ ދުވުން މިއަދު ބާއްވައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ، ހަތަރު އުމުރުފުރާއެއްގެ ޖުމުލަ 900 އަށްވުރެ ގިނަ ބައިވެރިންނާއެކު އެ ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގައި ކަމަށެވެ.
މި ދުވުމާ ގުޅުވައިގެން ބީއެމްއެލުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ) އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި ފައިސާ އެ ޖަމިއްޔާއާ ހަވާލުކޮށްދެއްވީ ބޭންކުގެ ބޯޑުގެ ޗެއާމަން ޔޫޝައު ސައީދާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓާ ސަހާ ވަހީދެވެ.
ބީއެމްއެލުން ބުނީ، އެމްއޭޕީޑީން އެ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ އެ ޖަމިއްޔާ އިން ހިންގަމުންދާ 'ހެލްތީ ޕީޑަބްލިއުޑީސް" ޕްރޮގްރާމަށް ކަމަށެވެ. އަދި އެ ޕްރޮގުރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯތެރަޕީ ދިނުމާއި ބިހޭވިއާއި ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
"ބީއެމްއެލް ވާއު ކިޑްޒް ރަން" އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ، ޓީއެފްޖީއާއެކު އެ ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވުނުކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައި ދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށާއި މި ފަހަރުގެ ދުވުމާ ގުޅުވައިގެން ބޭންކުން އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމަކީވެސް މުޖުތަމައަށް ވަރަށް ވެސް ބޭނުންތެރި ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ.
ހަތަރު އަހަރާއި ހަ އަހަރާ ދެމެދު، ހަ އަހަރާއި އަށް އަހަރާ ދެމެދު، އަށް އަަހަރާއި ދިހަ އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން ދިހަ އަހަރާއި 13 އަހަރުގެ އުމުރުފުރާގެ ކުދިންނާ ގުޅޭ ގޮތަށް، މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި ދެ ކިލޯމީޓަރާއި ތިން ކިލޯ މީޓަރު އަދި ހަތަރު ކިލޯ މީޓަރުގެ ދިގުމިނަށެވެ.
ބީއެމްއެލުން ބުނީ ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކުވެސް ދުވުން ނިންމި ވަގުތު މެޑަލް ދީފައިވާނެ ކަމަށެވެ. އެ ދުވުމަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެއް ކަމަށް ބުންޏެވެ.
"ބީއެމްއެލް ވާއު ކިޑްޒް ރަން" އަކީ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުވުމެކެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ދުވުމުގައިވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ބީއެމްއެލުން ހުޅުވާލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު