ރިޕޯޓް

ރާޅުތަކުގެ ތެރެއިން ހަގުދަރިފުޅު އޮޔާގޮސް ގެއްލުނީ ލޮލުކުރިމަތީގައި، އަދިވެސް ފެންނާނެ ކަމުގެ އުއްމީދުގައި

އަލީ ޔާމިން

1

ދ. ކުޑަހުވަދޫން: އަލީ ޔާމީން - ވަން އޮންލައިން

މީގެ 17 އަހަރު ކުރިން 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު، ރާއްޖެއަށް އެރި ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވި އެއްރަށަކީ ދ. ގެމެންދުއެވެ. މީސްކޮޅު މަދު އެރަށް ސުނާމީގައި އެއްކޮށް ސުންނާފަތިވިއެވެ. އެރަށު އެންމެންގެ ގެދޮރު ގެއްލުނެވެ. ސުނާމީގައި ކުޑަކުދިން ހިމެނޭހެން އެރަށުގެ އަށް މީހަކު މަރުވިއެވެ. އޭގެ ތެރެއިން އެންމެ ހަގު ކުއްޖަކީ، އެއިރު، އުމުރުން ދެ އަހަރާއި ހަ މަަހުގެ އައިޝަތު ރަމީޒާއެވެ.

އައިޝަތު ރަމީޒާއަކީ، ގެމެންދޫ އަންހެނުން މިސްކިތު ވަޒީފާގައި އުޅުނު ހަދީޖާ ގާސިމާއި އެރަށު، ހެލްތު ވޯކަރަކަށް މަސައްކަތް ކުރި އާދަމްގެ އެއިރުގެ އެންމެ ހަގު ދަރިފުޅެކެވެ. ތުއްތު ރަމީޒާ، ސުނާމީގައި ގެއްލުނު އިރު، މިއަދާ ހަމައަށްވެސް ފެނިފައެއް ނުވެއެވެ. ދަރިފުޅު ގެއްލުނު ހާދިސާއިން ހަދީޖާއަށް އަދިވެސް މުޅިން އަރައި ނުގަނެވެއެވެ. އެހަނދާންތައް ހަދީޖާގެ ދެމަފިރިން އަބަދުވެސް ކުރެއެވެ.

ސުނާމީގެ ބިޔަ ރާޅު ރާއްޖެއަށް ބިންދާލި ދުވަހަކީ، ދ. ގެމެންދޫ މީހުން، އެރަށާއި ޖެހިގެން އޮތް ތަނބަޅައިދޫ ކުނިކަހަން ގޮވާފައި އޮތް ދުވަހެވެ. އެހެންވެ، ހަދީޖާވެސް ބަރޯ ހިފައިގެން ނުކުތީ ތަނބަޅައިދޫ ސާފުކުރުމަށް ދިއުމަށެވެ. ދެ ރަށް ގުޅުވާލަން އޮތް ފާލަން މަތިން ބަރޯ ހިފައިގެން ގޮސް، ތަނބަޅައިދޫ ސާފުކުރުމުގެ މަސައްކަތުގައި ހަދީޖާމެން އުޅުނެވެ. ތަނބަޅައިދޫން އެއްކުރާ ކުނި ގެންނަނީ ގެމެންދުއަށް ކަމުން ބަރޮލަކަށް ވާ ވަރަށް ކުނި އެއްވުމުން، ހަދީޖާ ދިޔައީ ކުނި ބަރޯ ހުސްކުރުމަށް ގެމެންދުއަށެވެ. ކުނި ބަރޯ ހުސްކޮށް އެނބުރި ތަނބަޅައިދުއަށް ހަދީޖާ ދިޔައީ ހަގު ދަރިފުޅު ރަމީޒާ ގޮވައިގެންނެވެ. ބަރޮލުގެ ތެރޭގައި ރަމީޒާ ބައިންދައިގެން މޫދު ތެރެއިން މަސްތައް ދައްކަމުން ހަދީޖާ ތަނބަޅައިދުއަށް ގޮސް، ރަމީޒާ އަތިރިމަތީގައި ބެހެއްޓުމަށް ފަހު އަނެއްކާވެސް ކުނިކެހުމައިގެން މަސްއޫލުވިއެވެ. ހަދީޖާމެން ކުނިކަހަން ތިބީ ރަށުގެ ހޭޅިއާ ކައިރީގައި ކަމުން ރަމިޒާގެ ހަރަކާތްތައް ގާތުން ފެނެއެވެ. ހަދީޖާ ކިޔައިދިން ގޮތުގައި އޭނާއާ، ދަރިފުޅު ރަމީޒާއާ ދެމެދު ހުންނާނީ 30 ވަރަށް ފޫޓުގެ ދުރުމިނެވެ.

ތަނބަޅައިދޫ ކުނިކެހުމައިގެން، ހަދީޖާމެން ފޯރިއާއެކު އުޅެނިކޮށް، މީހެއްގެ ހަޅޭކުގެ އަޑުއިވިގެން، ހަދީޖާއަށްވެސް ބަލައިލެވުނެވެ. އެއިރު މޫދުގެ ތެރެއިން ލޮނުގަނޑު ކެކިއަރަނީއެވެ. ފަޔަށް ލެވުނު ބާރެއް ލައިފައި، ހަދީޖާ ދުއްވައިގަތީ ދަރިފުޅު ރަމީޒާ ހުރި ދިމާއަށެވެ. ހަދީޖާއަށް ރަމީޒާއާ ހަމައަށް ދެވުނުއިރު، ރަމީޒާއާ ހަމައަށް ރާޅު އަރައިފިއެވެ. އެއިރު، ލޮނުގަނޑު ހުރީ ފައިތިލައާ ހަމައަށް ކަމުން ފަސޭހަކަމާއެކު ދަރިފުޅު ނަގައިގަނެގެން ކިހިލި ޖަހައިގެން ހަދީޖާއަށް ދުއްވައިގަނެވުނެވެ. ހަދީޖާ ފުރަތަމަ މަސައްކަތް ކުރީ، ފާލަމާ ދިމާލަށް ދިއުމަށެވެ. ފާލަމާ ހަމައަށް ދިޔައިރު ފާލަން މަތިން ރާޅު ބިންދާލާ މަންޒަރު ފެނުމުން ސަލާމަތްވުމަށް ދުއްވައިގަތީ ތަނބަޅައިދޫ ބޯޅަދަނޑު ސަރަހައްދަށެވެ.

ސަލާމާތްވާން ހިފެހެއްޓީ އުނިގަހެއްގައި، ކުއްޖާ އަތުން ދޫވީ ނޭނގި

ކެކިއަރަމުން ބާރު އޮއިވަރާއެކު އައި ރާޅުތަކުން ސަލާމަތްވުމަށް ހަދީޖާ ހިފެހެއްޓީ ބޯޅަދަނޑު ކައިރީގައި ހުރި އުނިގަހެއްގައެވެ. އެއް އަތުން އުނިގަހުގައި ހިފަހައްޓައިގެން، ދަރިފުޅު ރަމީޒާ ކިހިލި ޖަހައިގެން ހަދީޖާއަށް އޮވެވުނީ، އޮޔަށް ކުރިމަތިވާ ގޮތަށެވެ. އެއީ އެ ވަގުތު ގަހުގެ އަފިގަނޑުގައި ހިފުނުއިރު އޮވެވުނު ގޮތެވެ. އެއިރު ހަދީޖާގެ މެއާ ހަމައަށް ފެންގަނޑު އަރައިފިއެވެ. ބާރު އޮއިވަރާއެކު، ބައެއް ފަހަރު ބިންމަތީގައި ހަދީޖާގެ ފައިވެސް ނުޖެހެއެވެ. ހަދީޖާ ކިޔައިދިން ގޮތުގައި، ގަހުގައި ހިފަހައްޓައިގެން އޮތްއިރު އޮޔާ އެކު އެކި ކަހަލަ އެއްޗެހި އައިސް އެދެމައިންގެ ގައިގައި ތެޅެމުންދެއެވެ. ފަނާއި ކުނިބުންޏެވެ. ގަސްތަކުގެ އޮފިތަކެވެ. އުނބާއި ކާށި ފަދަ ތަކެއްޗެވެ. އެ ގޮތަށް އައިސް ޖެހޭ ބައެއް އެއްޗެހިން ސަލާމަތް ވުމަށް ބޭއިހުތިޔާރުގައި ހަދީޖާއަށް އަތް ފޮޅައިލެވުނެވެ. އެއިރު، ކިހިލީގައި އިން ދަރިފުޅު މަތީން ހަދީޖާ ކުޑަކޮށްވެސް ހަނދާނެއް ނުވިއެވެ.

"ދެން އެތާނގައި އޮއްވައި ފަންތަކާއި އެއްޗެހި އައިސް ގައިގައި އެޅެން ފެށީމާ ފޮޅާލައި ދުރަށްލި ފަހަރަކު ކުއްޖާވެސް ދުރަށް ލެވުނީ. އެއިރު ކުއްޖާ މަތިން ކުޑަކޮށްވެސް ހަނދާނެއް ނެތް. އިރުކޮޅެއް ފަހުން ކުއްޖާ ނެތްކަން އެނގުމުން ބަލައިލިއިރު ކުއްޖާ އޮޔާ ދަނީ. ލޮލުކޮޅުން ކުއްޖާ ފެންނަނީ ކިރިޔާ. ދެން ކުއްޖާއާ ދިމާއަށް އަހަރެންވެސް ފަތައިގަތީ. އެހާ ހިސާބުން އޮއިގަނޑާއެކު އަހަރެން ދަމައިގަނެއްޖެ." ހަދީޖާ ބުންޏެވެ.

އޮޔާއެކު ހަދީޖާ ދަމައިގަތީ ކަނޑަށް، ސަލާމަތްވާނެ ކަމުގެ އުންމީދު ކަނޑާލި

ގަދަ އޮއިވަރުގެ ތެރޭގައި ހަދީޖާ ދަމައިގަތީ އެތެރެވަރީ ކަނޑަށެވެ. ފަތަން އެނގުނު ނަމަވެސް އެ ގަދަ އޮއިވަރުގެ ތެރޭގައި ހަދީޖާއަށް އެކަމުގެ މަންފާއެއް ނުކުރިއެވެ. އޮއިވަރުގެ ތެރޭގައި އެކި ގޮތްގޮތަށް އެނބުރެމުން ގޮސް އަމިއްލަ ބާރުގައި ފަތައިގަނެވޭ ވަރުވީ، ކަނޑަށް ގެންދިޔަ ފަހުންނެވެ. ހަދީޖާ ކިޔައިދިން ގޮތުގައި ސަލާމަތްވުމަށް އޭނާ ފަތާފައި ވަނީ ވިލުތެރެއަށެވެ. ވިލުތެރޭގައި އޮއްވާ އައި ރާޅެއްގައި އަނެއްކާވެސް ތަނބަޅައިދޫއާ ކައިރިއަށް ހަދީޖާ ގެންދިޔައެވެ. އެއިރު ބައެއް ހިސާބުތަކުގައި ފައިޖެހުނު ކަމަށް އޭނާ ބުންޏެވެ. ހަދީޖާ ސަލާމަތްކުރީ، ކަނޑުވި މީހުން ސަލާމަތް ކުރަން އައި ބޮއްކުރައެއްގައި އައި ބައެކެވެ.

"ތަނބަޅައިދޫއާ ދިމާލަށް ބަލައިލިއިރު ތަނބަޅައިދޫ ރުއްތަކުގެ ފަންތައް ހުރީ ހަމަ މޫދު ތެރޭ. ދެން މަ ހިތަށް އެރީ ތަނބަޅައިދުއަށްވެސް ނުދެވޭނެއޭ. އެއްތަނަކަށްވެސް ނުދެވޭނެއޭ. ދެން އެހެން އައި ރާޅެއްގައި ތަނބަޅައިދޫ ކައިރިއަށް އަނެއްކާވެސް ޖައްސައިލީ. ދެން އޮތީ ތަނބަޅައިދޫ ކައިރީ ވިލުތެރޭގައި. އެތާ އޮއްވާ ފެނުނީ ބޮއްކުރައެއް އަންނަތަން މީހުން ނަގަމުން. މަ އެކަނި އެތާ އޮތީ. ދެން މަ ފެނިގެން ނެގީ. ނެގިއިރު ހެދުންވެސް ކަރުން ފަށައިގެން ހުރީ ވަރަށް ބޮޑަށް އިރައިގެން ގޮސްފަ." ހަދީޖާ ކިޔައިދިނެވެ.

ބޮއްކުރާގައި ހަދީޖާމެން ދިޔައީ ގެމެންދުއަށެވެ. އެއިރު ގެމެންދޫ ވަނީ އެއްކޮށް ސުންނާފަތި ވެފައެވެ. ހަދީޖާ ކިޔައިދިން ގޮތުގައި ގެމެންދުއަށް ގޮސް ދަރީންކޮޅު ގޮވައިގެން އެހެން މީހުންނެކޭވެސް އެއްގޮތަށް އޭނާވެސް ދިޔައީ ރަށުގެ އަތިރިމައްޗަށެވެ. އެއިރު، މީހުން ސަލާމަތްކުރަން ކުޑަހުވަދޫގެ ދޯންޏެއް އެރަށުގެ ފަޅުތެރޭގައި އޮތެވެ. ހަދީޖާމެން ކުޑަހުވަދޫއަށް ދިޔައީ އެ ދޯނީގައެވެ.

ހަދީޖާ ކިޔައިދިން ގޮތުގައި ކުޑަހުވަދޫއަށް ގޮސް، އެރަށުގައި ވަޒަންވެރިވެ މިއަދާ ހަމައަށް އުޅުނު ނަމަވެސް އުފަން ރަށާއި ގެއްލުނު ދަރިފުޅުގެ މަތިން އަބަދުވެސް ހަނދާންވެއެވެ. ދިރިހުއްޓާ ފެންނާނެކަމުގެ އުންމީދު މިހާރު ގެއްލިފައިވިޔަސް ފުރާނެ ނެތް މަސްގަނޑު ނަމަވެސް ފެންނާނެ ކަމަށް އަދިވެސް ހަދީޖާގެ ދެމަފިރިން އުންމީދު ކުރެއެވެ. ސުނާމީގައި ދަރުފުޅު ގެއްލުމުން ނަފުސާނީ ގޮތުން ލިބުނު ގެއްލުންތަކުން އަދިވެސް އެ ދެމަފިރިންނަށް މުޅިއަކުން އަރައެއް ނުގަނެވެއެވެ.