ރިޕޯޓް

ދަރިފުޅު ގެއްލުނުތާ 17 އަހަރު، އަދިވެސް ހީވަނީ އެކުއްޖާ ދުވެފައި އައިސް އުނގަށް އަރައިފާނެހެން

އަލީ އަފާފް ރަމީޒު

1

ލ. މާބައިދޫން: އަލީ އަފާފް ރަމީޒް - ވަން އޮންލައިން

2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުގެ ހެނދުނު ލ. މާބައިދޫ، ހަވީރީގުލްޝަން، ފާތިމަތު މޫސާ، 58އ، އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު މައުލޫމް އިބްރާހިމް ރީތިކުރުމަށްފަހު ގޭގައި ބަހައްޓާފައި ރަށު އޮފީހަށް ދިޔައީ ގޭގެ ކަރަންޓް ބިލު ދެއްކުމަށެވެ. އެވަގުތު ކަރަންޓު ބިލް ދެއްކޭނެ ގޮތެއް ނެތުމުން އޭނާގެ ކޮއްކޮއާ ފައިސާ ހަވާލު ކުރުމަށްފަހު ބޭރުގައި ރައްޓެއްސަކާ ވާހަކަ ދައްކާލުމަށް މަޑުކޮށްލިއެވެ. އިރުކޮޅަކުން އޮފީސް ދޮށަށް އައި ކުއްޖަކު ދިން ހަބަރު ވެގެން ދިޔައީ އެންމެނަށްވެސް ސިހުން ގެނުވި ހަބަރަކަށެވެ. "މުޅި ރަށަށް ރާޅު އަރައިގެން އެބައުޅޭ'" އެކުއްޖާ ބުންޏެވެ.

އެހެން ބުނުމާއެކު ފާތިމަތުވެސް އަވަސްވެގަތީ ގޭއާ ދިމާލަށް ދިއުމަށެވެ. އެންމެ ހަގު ފިރިހެން ދަރިފުޅު ގޭގައި ބަހައްޓާފައި އާދެވުމުން، އެ ދަރިފުޅު ކައިރިއަށް އަވަހަށް ދިއުމަށެވެ. ނަމަވެސް ގެއަށް ދިޔައިރު ގޭ ކައިރީގައި އެއްވެސް ކުއްޖަކު ނެތެވެ. ހޯދަމުންދަނިކޮށް އެނގުނީ އެންމެ ހަގު ކުއްޖާ އޭނާގެ ޅިޔަންބެއާ އެކު އެރަށާ ގުޅިފައި އޮންނަ ކެރެންޑުއަށް ގޮސްފައިވާ ކަމެވެ. ފާތިމަތުގެ ޅިޔަންބެއަކީ ލ. މާބައިދޫ ހަސަން ހުސެއިންއެވެ. އޭނާގެ ދެ ދަރީންވެސް ވަނީ ސުނާމީގައި މަރުވެފައެވެ.

"ދެން ރަށު އޮފީހަށް ގޮސް އެކުދިން ހޯދަން އެދުނީ. ނަމަވެސް އެކަމަށް އެއިރު އެއްބާރުލުމެއް ނުލިބުމުން ދިޔައީ ޅިޔަންބެގެ ދަރިއަކާ އެއްކޮށް ކެރެންޑުއަށް. ދިޔައިރު ކެރެންޑު އާއި މާބައިދޫ ގުޅޭ ހިސާބު ވަނީ ރާޅު އަރައިގެން ކަނޑައިގެން ގޮސް. ދެން އެތަން ހުރަސް ކުރަން އުޅެނިކޮށް ގަނބައިގެން ދިޔައީ. ޅިޔަންބެގެ ކުއްޖާ އަޅުގަނޑު ދަމާފައި މައްޗަށް ނަގައި ކެރެންޑުއަށް އެރުވީ،" ފާތިމަތު ކިޔައިދިނެވެ.

އެ ދެ މީހުން އެރަށަށް ދިޔައިރު އެރަށުގައި އެހެން މީހަކު އުޅުނެވެ. އެމީހާ ކައިރީގައި މައުލޫމާއި ހަސަނާއި އޭނާގެ ދަރިން ފެނުނުތޯ ސުވާލު ކުރުމުން "ނުދެކެމޭ، އެއްވެސް މީހަކު ނެތް ކަމަށް ބުނެ، އަނެއްކާ އަނެއް ރާޅު ނަގަނީއޭ ރަށަށް އަނބުރާ ދާން ހިނގާށޭ" ބުންޏެވެ. އަނބުރާ ރަށަށް ނުގޮސް ފާތިމަތު ބޭނުންވީ އަމިއްލަ ދަރިފުޅު ހޯދުމަށް މުޅި ސަރަހައްދު ބަލާށެވެ. ނަމަވެސް ނަސީބުގައި ދަރިފުޅު ފެނުން ނެތީއެވެ.

"ކުއްޖާ ހޯދަން މުޅި ސަރަހައްދު ބެލިން މޫދާ އެއްކޮށް ބެލިން. ހޯދާ ހޯދާ ނުފެނިގެން އެންމެ ފަހުން އަނބުރާ ރަށަށް އައި އިރު ފިރިމީހާ ހުރީ މަހަށް ގޮސް އައިސް ރަށު ތޮށިގަނޑު މަތީ. އަހަރެން ހޭރިގެންފައި ބުނީ ކުއްޖާއެއް ނުފެނުނޭ. ދެން އޭނާ މަހަށް ދިޔަ ދޯނީގައި އަނެއްކާ ފުރީ ކަނޑުމައްޗާއި ފަރު މަތި ހޯދައި ބަލަން. އެކަމަކު އެކުއްޖާއެއް ނުފެނުނު،" އިއްޔެ ވީ ކަމެއް ފަދައިން އެ ހަނދާންތައް އާކުރަމުން ފާތިމަތު ކިޔައިދިނެވެ.

އިތުރު ސުނާމީއެއް އަރައިފާނެތީ އެންމެން ދޯނިތަކުގައި ރަށުން ބޭރަށް ގެންދިޔައެވެ. ފާތިމަތުވެސް އެންމެ ފަހުން އެތަނުން ދޯންޏަކަށް އެރިއެވެ. އޭނާ ބުނިގޮތުގައި އެވަގުތުވެސް ކުއްޖާ މަތިން ހަނދާންވެގެން ގިސްލެވި ރޮވެން ފެށިއެވެ. ކުއްޖާ ނުފެނި އެތައް އިރެއް ވެފައިވާތީ ގަނެފައިވާ ބިރުގެ ސަބަބުން ހުއްޓާނުލައި ދޯނިމަތީގައިވެސް އޭނާއަށް ރޮވުނީއެވެ. ނަމަވެސް ދަރިފުޅު ނުފެންނާނެ ކަމަށް ނިންމައި އެއްވެސް ވަރަކަށް އޭނާ އުންމީދު ކަނޑައެއް ނުލައެވެ.

"އަހަރެންގެ ދަރިފުޅު ލޮނުގަނޑު ތެރޭގައި ދަމަނިކޮށް އެންމެ ފަހުން ފެނުނީ ތިމާގެ ކުއްޖަކަށް. އޭނާ ބުނީ އޭނާއަށް އެކުއްޖާ ފެނުނު ގަޑީގައި ރާޅާ ދަމައިގަތީ ކަމަށް. ދެން ރަނގަޅަށް ނުތެދުވެ އުޅެނިކޮށް އެކުއްޖާ ބޭބޭ ކިޔާފައި ގޮވާލި އަޑު އިވުނު ކަމަށް. ދެން އޭނާ ތެދުވިއިރު އެކުއްޖާއެއް ނެތޭ. ދެން ނުފެނުނޭ،" އަސަރުން ފުރިފައިވާ ލޮލަކާއެކު އޭނާ މަޑުމަޑުން އެވާހަކަތައް ކިޔައިދިނެވެ.

ކުއްޖާ ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކާއި ރަށުގެ ރައްޔިތުންނާ ގުޅިގެން ހުއްޓައިނުލައި ކުރިއަށް ގެންދިޔައެވެ. ތިން ދުވަސް ވަންދެން މުޅި ސަރަހައްދާއި ކެރެންޑު ބެލިއެވެ. ދަރިފުޅު ފެންނާނެ ކަމުގެ އުންމީދުގައެވެ. ތިން ދުވަސް ފަހުން ހަސަންގެ ދަރިޔަކު ފެނުނު ހަބަރު ލިބުނެވެ. އެކަމަކު އެކުއްޖާ ފެނުނު އިރު އޮތީ މަރުވެފައެވެ.

އެ ހަބަރާއެކު ދިރިހުއްޓައި ފާތިމަތުގެ ދަރިފުޅު ފެންނާނެ ކަމުގެ އުންމީދަށް އަސަރުކޮށްފިއެވެ. އެއީ އޭނާގެ ދަރިފުޅުވެސް ގެއްލުނީ ހަސަންގެ ކުދިންނާއެކު ކަމަށްވާތީއެވެ. އެކަމަކުވެސް އޭނާ އުންމީދު ކުރީ ދިރިހުއްޓައި ދަރިފުޅު ފެންނާނެ ކަމަށެވެ. އެކަމަކު ދުވަސްތައް ހަފުތާއިން މަސްތަކަކަށް ވެގެންދިޔީއެވެ. ފާތިމަތުގެ ދަރިފުޅެއް ނުފެނުނެވެ.

"ދެ ދުވަސް ތިން ދުވަސް ވީ އިރުވެސް ކުއްޖާ ނުފެނުނު. އަޅުގަނޑުމެން ދަރި ހޯދަން ދެ ދުވަހު ތިން ދުވަހު ކެރެންޑުއަށް ދިޔައިން. އަހަރެންގެ ދަރިއަށް ވީ ގޮތެއް އަދި އަދަށްވެސް ނޭނގެ،" ފާތިމަތު ބުންޏެވެ.

ދެ އަހަރު ވަންދެން ކުއްޖާ ފެންނާނެ ކަމުގެ އުންމީދު ކުރި

ކުއްޖާ ދިރިހުއްޓައި ފެންނާނެ ކަމަށް ފާތިމަތުގެ ދެމަފިރިން ކުރި އުންމީދަކަށް އެއްވެސް ބަދަލެއް ނައެވެ. ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލައެވެ. ކުއްޖާ ގެއްލުނުތާ ހަ މަސް ފަހުން އެރަށު ކުރީގެ ކަތީބުގެ ކުއްޖަކަށް ހުވަފެނުގައި، މައުލޫމް ކެރެންޑޫގައި ފަސްގަނޑު ތެރޭގައި އުނަގަނޑާ ހަމައަށް ގެނބިފައި އިންދައި ފެނުނެވެ. އެ ހުވަފެނުގެ ވާހަކައާއެކު ދެމަފިރިން އަނެއްކާވެސް އެރަށަށް ދިޔައީ ކުއްޖާ ހޯދާށެވެ. ދިރިހުއްޓައި ނުފެނުނު ނަމަވެސް ދަރިފުޅަށް ވީގޮތް އެނގެން ބޭނުންވާތީއެވެ. ފުރާނަ ނެތް ހަށިގަނޑު ނަމަވެސް ދެކެން ބޭނުންވާތީއެވެ.

"އުދެލި ހިފައިގެން ކޮންނަންވެސް ކޮނުނިން އަހަރުން ގޮސް. އެކުއްޖާ އެންމެ ފަހުން ފެނުނު ހިސާބުން، ކަކުލަށް ވުރެ މައްޗަށް. އެކަމަކު ނުފެނުނީމަ އަހަރެން ބުނިން ކިތަންމެ ވަރަކަށް ކޮނުނަކަސް ކުއްޖާގެ އަސަރެއް ނެތެން ނޫންހޭ ފެންނާކަށް ދެން ކޮންނާނެ ކަމެއް ނެތޭ، ކިޔައިފައި ހުއްޓާލާފައި އައީ،" ފާތިމަތު ކިޔައިދިނެވެ.

ފާތިމަތު ބުނީ ސުނާމީއަށް ދެ އަހަރު ވެގެންދިޔަ އިރުވެސް ކުއްޖާ ފެންނާނެ ކަމަށް އުންމީދު ކުރި ކަމަށެވެ. އެއީ ސުނާމީގައި ގެއްލުނު ކުދިން ހަތަރު މަސް ނުވަތަ ފަސް މަސް ފަހުންވެސް ފެނައިވާތީ ކަމަށެވެ. އެހެންވެ އޭނާގެ މައުލޫމް ނުފެންނާނެ ކަމަށް އުންމީދު ކަނޑައެއް ނުލައެވެ. އުންމީދު ކުރީ ފެންނާނެ ކަމަށެވެ. ނަމަވެސް ސުނާމިއަށް މިއަދު 17 އަހަރުވެފައިވާއިރު، މައުލޫމްގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ. މައުލޫމް ފެންނާނެ ކަމަށް ދެމަފިރިން ކުރި އުންމީދު މިއަދާ ހަމައަށްވެސް ވަނީ ފުރިހަމަ ނުވެއެވެ.

ފާތިމަތު ބުނި ގޮތުގައި މިހާރުވެސް ކެރެންޑުއަށް ދެވުމުން ހިތަށް އަސަރު ކުރެއެވެ. ހިތް ބިރުގަނެ، ހިތަށް "ގޮތްގޮތް" ވާ ކަމަށެވެ. ވަރަށް ބޮޑަށް އަދިވެސް ހަނދާން ވާ ކަމަށެވެ.

"އަހަރެން މިހެން ތަންތާ އެކަނި އިންނައިރު ހީވަނީ ހަމަ އަހަރެންގެ ދަރި އަހަރެންގެ އުނގަށް އަރައިދާނެހެން. އެހާވަރަށް އެކުއްޖާ މަތިން ހަނދާންވޭ މިހާރުވެސް. އެހާ ހަލަނިކޮށް އުޅުނު ކުއްޖެއް އެއީ. މަޑުން ނުހުންނާނެ އެންމެ އިރުކޮޅަކުވެސް،" އެންމެ ހަގު ފިރިހެން ދަރިފުޅު ހަނދާންވާ މިންވަރު ހާމަކޮށްދެމުން ފާތިމަތު ބުންޏެވެ.

"ހުކުރު ދުވަހު ހުކުރަށްދާން ލެއްވީ ރަތް ކުލައިގެ ގޮޅިޖެހި ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނަކާ. ދެން އޭނަ ހޮނިހިރު ދުވަހުގެ ރޭވެސް ނިދަން ވެގެން އެއްޗެހި ބަދަލު ކުރަން ހެދީމަ ބުނީ މަންމާއޭ މަ މި އެއްޗިއްސެއް ނުބާލާނަމޭ. މަ ނިދާނީ މި އެއްޗެހީގައޭ. ދެން އަނެއް ދުވަހު ހެނދުނު ތެދުވެފައިވެސް ހަމަ އެ އެއްޗިއްސާ އެއްކޮށް އޭނަ ހުރީ. ވަރަށް ހަލަނިވާނެ. އީދު ތެރޭގައިވެސް ވަރަށް ދާނެ އެހެން ސަކަރާތް ޖަހަންވެސް،" މައުލޫމްގެ އެންމެ ފަހު ވަގުތުކޮޅުގެ ހަނދާންތައް އާކުރަމުން ފާތިމަތު ބުންޏެވެ.