ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީއެސްސީ ބަލިކޮށް، ފޮނަދޫ ކައުންސިލުން ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު، ފޮނަދޫ ކައުންސިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ފޮނަދޫން ޖެހީ މެޗު ނިމެން ދަނިކޮށް ފަހު 10 މިނެޓު ތެރޭގައެވެ. އެ ގޯލު ފޮނަދުއަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް އަހުމަދު ނަދީމް (އައްމަޑޭ) އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ފޮނަދު އޮތީ ފުރަތަމަ ކުޅުނު މެޗުގައި އައިލެންޑް ޔޫތު ޔުނައިޓެޑް އަތުން 3-0 އިން ބަލިވެފައެވެ. އެހެންކަމުން އަމިއްލަ ބާރުގައި ސެމީއަށް ދިއުމުގެ އުންމީދު ދެމެހެއްޓުމަށް މިއަދުގެ މެޗުގެ ތިން ޕޮއިންޓް ފޮނަދުއަށް އޮތީ މުހިއްމު ވެފައެވެ. އަނެއްކޮޅުން ނުކުތް ޒުވާން ޓީއެސްސީ މިހާތަނަށް މުބާރާތުގައި ކުޅުނު ދެމެޗުންވެސް ބަލިވެ، އެޓީމަށް މިހާރު ވަނީ ސެމީގެ އުންމީދަށް ހުރަސްތަކެއް އެޅިފައެވެ.

މިއަދުގެ މެޗުގައި ގިނަ ހަމަލާތައް އުފެއްދީ ފޮނަދޫން ނަމަވެސް އެޓީމަށް ވަނީ ޓީއެސްސީގެ ގޯލު ފޫއަޅުވާލަން އުނދަގޫތަކަކާ ކުރިމަތިވެފައެވެ. ހާއްސަކޮށް މެޗުގައި ޓީއެސްސީގެ ގޯލްކީޕަރު އަބްދުﷲ ޝާފިއުގެ ކުޅުން ފާހަގަވިއެވެ. އޭނާ ގިނަ ސޭވްތަކެއް ކުރި އިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ޝާފިއުއެވެ.

މުބާރާތުގައި މާދަމާ އޮންނާނީ މަތިމަރަދޫ އަމިގޯސް ސްޕޯޓްސް ކްލަބާއި ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބު ބައްދަލުކުރާ މެޗެވެ.

ގަމު ފުޓުބޯޅަ މުބާރާތަކީ ފުޓުބޯޅައިގެ ފޯރި މީގެ ކުރިންވެސް ގަދަކޮށް ފެންނަ ލ. އަތޮޅުގައި، ފުޓުބޯޅަ މުބާރާތެއް ނުބާއްވައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތަކީ މިދިޔަ އަހަރު ހުޅުވި ގަމު ޒޯން ސްޓޭޑިއަމްގައިވެސް ބާއްވާ ފުރަތަމަ މުބާރާތެވެ. މުބާރާތް ކުޅެނީ ދެ ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ފޯމެޓަކަށެވެ.