އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސޯސުން ހުޅުދޫ އާއި މީދޫ ވަކިކޮށްލުމާ މެދު އެ ދެރަށުގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމުގެ މަސައްކަތް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފައްޓަވައިފިއެވެ.
ރޮޒެއިނާ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުދޫ އާއި މީދޫ، އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮވެގެން އެ ދެރަށުގެ ރައްޔިތުންނަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އެއީ ވިސްނައި ބަހުސްކޮށް، ހައްލު ހޯދަން ޖެހިފައި އޮތް މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހުޅުދޫ އާއި މީދޫއާ ގުޅޭ ކޮންމެ ކަމެއް ނިންމުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ތެރެއިން އެ ދެރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާތައް އަބަދު ލިބެމުން އަންނަ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އެ ޝަކުވާތަކަށް އާ ކައުންސިލާއެކު ހައްލުތަކެއް ލިބޭނެ ކަމަށް ދެރަށުގެ ރައްޔިތުން އުންމީދުކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ޝަކުވާތަކަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސޯސުން ހުޅުދޫ އާއި މީދޫ ވަކިކޮށްލާނަމަ އޭގެ ކުރިން ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލަން ބޭނުންވާ ކަމަށެވެ.
ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ކަމަށްވާނަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޖިލިސް ހުޅުވުމާ އެކު ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައިގެން އެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފޭސްބުކުގައި ރޮޒައިނާ ކުރި ޕޯސްޓަށް ކޮމެންޓުކުރި ގިނަ މީހުން ތާއިދުކޮށްފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސޯސުން ހުޅުދޫ އާއި މީދޫ ވަކިކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު