ރިޕޯޓް

އުސް ރާޅުތަކުގެ ތެރެއިން، ބަނޑަށް 3 މަހުގައި ރުކަށް އެރުނުގޮތެއް އަދިވެސް ނޭނގެ، ހީކުރީ "ގިޔާމަތްވީ" ކަމަށް!

އަލީ ޔާމިން

1

ދ. ކުޑަހުވަދޫން: އަލީ ޔާމީން - ވަން އޮންލައިން

އަރައިގެން އައި އިރާއެކު، ދ. ގެމެންދޫގެ އަންހެންވެރިން، ހޭބޯނާރާ އުޅުނީ، އެރަށާ އެއް ފަޅެއްގައި އޮންނަ ތަނބަޅައިދޫ ކުނިކަހައި ސާފުކުރުމައިގެންނެވެ. ތަނބަޅައިދޫއަކީ ވަކި ރަށެއް ނަމަވެސް އެރަށް ބަލަހައްޓަމުން އައީ ގެމެންދޫގެ ރައްޔިތުންނެވެ. ގެމެންދޫ މީހުން ގަބޫލުކުރަނީ ތަނބަޅައިދޫއަކީ ގެމެންދޫގެ އަވަށެއްގެ ގޮތުގައެވެ. ތިލަ ފަޅެއްގައި އޮތް ދެރަށުގެ ދެމެދުގައި އެ ދެރަށް އޮތީ ޖެހިޖެހިގެން ކަހަލަ ގޮތަކަށެވެ. ގެމެންދޫން ތަނބަޅައިދޫއަށް ދިއުމަށް ފަސޭހައަކަށް ގެމެންދޫ ރައްޔިތުން ވަނީ ފާލަމަކުން އެ ދެ ރަށް ގުޅުވާލައިފައެވެ. ތަނބަޅައިދޫގައި ގެމެންދޫ މީހުން ދަނޑުހައްދައިވެސް އުޅުނެވެ.

ތަނބަޅައިދޫ ކުނިކަހައި ސާފުުކުރުމަށް ދިޔަ އަންހެންވެރީންގެ ގުރޫޕްގައި ހިމެނޭ އެކަކީ މިހާރު 36 އަހަރުގެ ސުފޫރާ އަބްދުލް ސަކޫރެވެ. އެއިރު ސުފޫރާ އިނީ އަލަތު ކައިވެނީގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. ސުފޫރާއަކީ، ގެމެންދޫ އަންހެނުންގެ ކޮމެޓީގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ޒުވާނަކަށްވީތީ، ރަށް ސާފުކުރުން ފަދަ ކޮންމެ ކަމެއްގައި ވެސް ސުފޫރާ ބައިވެރިވަމުން އައީ ކުރާ ހިތުން، އެއީ އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެންނެވެ. ސުފޫރާމެން އެ ދުވަހު ސާފުކުރަމުން ދިޔައީ ތަނބަޅައިދޫ ބޯޅަދަނޑު ސަރަހައްދެވެ. ތަނބަޅައިދޫގެ ބޯޅަދަނޑު ސަރަހައްދު އޮތީ، ރަށުގެ ހޭޅިއާ ކައިރީގައި ކަމުން، ކުނިކަހަން ތިބޭ މީހުންނަށް ގޮނޑުދޮށަށް ބީއްސާ ރާޅުތައް ސާފުކޮށް ފެނެއެވެ.

ތަނބަޅައިދޫ ކުނިކެހުމައިގެން ސުފޫރާމެން އުޅުނީ، ފޯރިއާއެކުގައެވެ. އިލޮށިފަތިތަކުންނާއި މަށަންދަތިތަކުން ކުނިތައް އެއްފަރާތްކޮށް، ގަސްތައް އުފުރުމުގައި އުޅުނުއިރު، ދޭތެރެ ދޭތެރެއަކުން މޫދާ ދިމާލަށް ބަލައިލެވެއެވެ. އެގޮތަށް ބަލައިލެވުނު ފަހަރެއްގައި ވަރަށް އާދަޔާ ހިލާފު ކަމެއް ސުފޫރާމެންނަށް ފާހަގަކުރެވުނެވެ. މޫދުގެ ލޮނުގަނޑު ކެކެމުން މައްޗަށް އަރަމުން އަންނަ މަންޒަރު ފެނުމުން އެއީ އާދައިގެ ކަމެއް ނޫންކަން އެންމެންނަށްވެސް އެނގުނެވެ. ކުރަން ތިބި މަސައްކަތް ހުއްޓާލާފައި، އެންމެންވެސް ތެދުވެ ދުއްވައިގަތީ، ގެމެންދޫއަށް ދާން އޮތް ފާލަމާ ދިމާއަށެވެ. ނަމަވެސް ކެކިއަރަމުން އައި ލޮނުގަނޑު ޕްރެޝަރުގައި އައިސް ސުފޫރާމެންނާ އަރައި ހަމަކުރީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

"ގޮނޑުދޮށުން ލޮނުގަނޑު ކެކިއަރަނީ އެއިރު. ހީވަނީ ފެން އެއްޗެއް ވަރަށް ބާރަށް ކެކިއަރާއިރު ބޮކި އަރާ ގޮތަށް ވަރަށް ބޮޑަށް ކެކި އަރާ. ދެން އެންމެންނަށްވެސް އެނގިއްޖެ އާދަޔާ ހިލާފު ކަމެއްކަން މިވަނީ. ދެން ހުރިހާ މީހުން ތެޅިގަނެފަ ތެދުވެއްޖެ. ހުރިހާ މީހުންވެސް ބޭނުން ވީ އަވަހަށް ރަށަށް ދާން. "ކުދިން ކޮޅޭ" "ރަށޭ" ކިޔާފަ އެންމެންވެސް ދުއްވައިގަނެއްޖެ ރަށާ ދިމާލަށް. ވަކި ހިސާބަކަށް ދުވެފައި ދިޔައިރު ލޮނުގަނޑު އަރައިގެން އައިސް ފައިތިލަ ފޮރުވޭވަރު ވެއްޖެ. ދެން ވަރަށް ޕްރެޝަރުކޮށް އައީވެސް ފެންގަނޑު، އޮއިގަނޑު ދެމިގެން އަންނަ ގޮތަކަށް އަރައިގެން އައީވެސް. ދެން ދުވެފައި ދިޔަ މީހުންނަށް ދުވެފައިދާން އުނދަގޫވާ މިންވަރަށްވެސް ފެންގަނޑު ބޮޑުވެގެން އައީ. އެ ހިސާބަށް ދިޔައިރު އެންމެންނަށްވެސް އެނގިއްޖެ ދެން ރަށަކަށް ނުދެވޭނެކަން. ފާލަންވެސް ވެއްޓޭ މަންޒަރު ފެނުނު." 2004 ވަނަ ވަނަ އަހަރު ރާއްޖެ ސުންނާފަތި ކޮށްލި ސުނާމީގެ ހަނދާންތައް އާކުރަމުން ސުފޫރާ "ވަން" އަށް ކިޔައިދިނެވެ.

ގެމެންދުއަށް ނުދެވޭނެކަން ޔަގީންވުމުން ތަނބަޅައިދޫގައި ތިބި އެންމެންވެސް މަސައްކަތް ކުރީ އަމިއްލަ ސަލާމަތް ހޯދުމަށެވެ. އެމީހަކަށް ކިޔުނު ހެޔޮ އެއްޗެއް ކިޔަމުން ރޮމުން ގިސްލަމުން ކޮޅުކޮޅު މައްޗަށް ދުވެ އުޅުނެވެ. ސުފޫރާވެސް، މަސައްކަތް ކުރީ އަމިއްލަ ސަލާމަތް ހޯދުމަށެވެ. ބާރު އޮޔާއެކު އުފުލެމުން އައި ފެންގަނޑުތެރޭގައި ސަލާމަތް ނުވާނެ ކަން ޔަގީންވުމާއެކު ބޭއިހުތިޔާރުގައި ސުފޫރާއަށް ބެއްދުނީ، ކައިރީގައި ހުރި ރުކެއްގައެވެ. އެއިރު ސުފޫރާގެ ކަކުލާ ހަމައަށް ލޮނުގަނޑު އުފުލިއްޖެއެވެ. މީގެ ކުރިން ދުވަހަކުވެސް ރުކަކަށް އަރާފައި ނުވާ ސުފޫރާ ބުނި ގޮތުގައި، ސަލާމަތް ވުމަށް ރުކުގެ މެދެކާ ހަމައަށް އޭނާއަށް އެ ވަގުތު އެރުނެވެ.

"ރަށުގެ ފުޓުބޯޅަދަނޑުގެ ދެކުނަށް ވާ ގޮތަށް ހުންނާނެ ތަންކޮޅެއް ބިޔަ ގަސްތަކެއް ހެދިފަ. އެ ހިސާބަށް ދާން އެންމެންވެސް ދުއްވައިގަތީ. ނަމަވެސް އެހިސާބަށް ދާން ދުއްވައިގަތްއިރު ކަކުލާ ހަމައަށް ލޮނުގަނޑު އަރައިފި. ދެން އެހިސާބުން ފައިވާންވެސް އެއްލާލައިފިން ނުދުވެވޭނެ ކަން އެނގުނީމަ. ދެން އެންމެ ކައިރީގައި ހުރީ ފަލަ ރުކެއް ދެން އެރުކުގައި ބައްދައިފިން. ނޭނގެ ކިހިނެއްކަމެއް ވެސް ރުކަށް އެރުނީ. އުނދަގޫކަމެއް އިހުސާސެއް ނުކުރެވޭ. ބަނޑަށް ތިން މަހުގަ އަދި އެހާ އުހަށް އަރާ އޮވެވުނީ ކިހިނެއް ކަމެއް އަދިވެސް ނޭނގެ ހަމަ އަރާ ލޮނުގަނޑު ނުޖެހޭ ހިސާބަށް އަރާ އޮވެވުނީ. ރުކަށް އެރުމުގެ ތެރޭގައި ގައިގެ ބައެއް ތަންތަނުން ހަން މަށައިގެންގޮސްފަ ހުރި." ސުފޫރާ ބުންޏެވެ.

ރުކުގައި އޮތް އިރުވެސް، ސަލާމަތް ވާނެކަމުގެ އެއްވެސް އުންމީދެއް ސުފޫރާގެ ނެތެވެ. އެެއީ ވަށައިގެން ފެނުނު ހިތްދަތި މަންޒަރާއި ލޮނުގަނޑު ބޮޑުވަމުންދާލެއް އަވަސްކަމުންނެވެ. އަދި ގަސްތައް މުލުން ލުހެލައިގެން ފުޅިމަދުކޮޅެއްހެން ފެނުމަތީގައި އޮޔާ ދެމެމުންދާ މަންޒަރާއި ބައެއް މީހުން ލޮނުގަނޑު ތެރޭ ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ މަންޒަރު ފެނުމުން ސުފޫރާ އަށް ރޮވެމުންދިޔައެވެ. ސުފޫރާ ބުނީ އެ ހިތްދަތި މަންޒަރުތައް ފެނުމުން ގިޔާމަތް ވީ ކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ.

"ރުކަށް އަރާ އޮތް އިރު އަހަރެންގެ ފަހަރި އާއި އަދިވެސް އެހެން ދެމީހަކާ އެތަނުގެ ކައިރީގައި ދެރަދެރަކޮށް އޮތް މަގޫގަސްތަކެއްގައި ތިބިއިރުގައި ބޯ ހިއްލާލާއިރު އެއްފަހަރު މޫނު ފެނޭ އަނެއްބައިފަހަރު މޫނު ނުފެނޭ، އެހާ ހިސާބުން ދަނީ ފެންގަނޑު، އެމީހުން ރޯ އަޑު އިވޭ ހަޅޭ ލަވާ އަޑުވެސް އިވޭ. އެ މަންޒަރު ފެނުނީމަ ވަރަށް ހިތްދަތިވި. ފަހަރި ބޯމަތިން ފެންގަނޑުދާތަން ފެނުނީމަ ހަމަ ބާރަށް ރޮވުނު. އެކަހަލަ ގޮތަކަށް ދިޔައީ ކުރިމަތީގަ އެހެން މީހެއްވެސް ދިއްގާގަހެއްގައި ހިފަހައްޓައިގެން އިން. އެމީހާގެ އިންނާނެ ކުއްޖެއްވެސް ނަމަވެސް އެއިރު އެ ކުއްޖާއެއްވެސް ނެތް. ދެން އިރުކޮޅަކު އެގޮތަށް ފެންގަނޑު އޮތްއިރު ބައެއް މީހުން އޮޔާ މޫދަށްވެސް ދިޔަ." ސުފޫރާ ކިޔައިދިނެވެ.

ސުފޫރާ ކިޔައިދިން ގޮތުގައި، އޭނާ ރުކުން ފޭބީ، ލޮނުގަނޑު އެއްކޮށް ހިނދުނީމައެވެ. ރުކުން ފޭބި ގޮތަށް ގެމެންދުއަށް ދިއުމަށް ފަޔަށް ލެވުނު ބާރެއް ލައިފައި ދުއްވައިގަތެވެ. އެއިރު، އެހެން ބައެއް މީހުންވެސް ސުފޫރާއާއެކު ދިޔައެވެ. އެންމެންވެސް ޖަމާވީ ވެއްޓިފައި އޮތް ފާލަަން ކައިރިއަށެވެ. އެއިރުވެސް ފަޅުތެރޭގައި ވަނީ ބާރު އޮއިވަރެކެވެ. އެހީއަށް އެދި އެންމެންވެސް ގޮވަން ފެށިއެވެ. ސުފޫރާމެންގެ ނަސީބަކަށް ވީ، ކުޑަ ބޮއްކުރައެއްގައި، ބާރު އޮއިވަރުގެ ތެރެއިން ތަނބަޅައިދުއަށް އައި ޒުވާނެކެވެ. އެ ބޮއްކުރާ ތަނބަޅައިދުއާ ކައިރި ނުކުރެވިވެސް އެތައް އިރެއްވިއެވެ. ސުފޫރާމެންނަށް ބޮއްކުރައަށް އެރުނީ، އެތައް އިރެއްގެ މަސައްކަތުންނެވެ.

"ބޮއްކުރައަށް އެރިއިރު ބައެއް މީހުންގެ ހަރުވާޅެއްވެސް ނެތް. އޮއިގަނޑުތެރޭގައި ދިޔައީ. އެ ބޮއްކުރައަށް އަރައިގެން ރަށަށް ދިޔައީ. އެއިރު ވަރަށް ގިނަ މީހުން މަދު" ސުފޫރާ ކިޔައިދިނެވެ.

ގެމެންދޫ ގޮނޑުދޮށަށް ބޮއްކުރާ ބީއްސާލުމާއެކު، އެންމެންވެސް ޖަމާވީ އެރަށުގެ މީހުން މީގެ ކުރިން އާންމުކޮށް އެއްވުންތަކުގައި ޖަމާވެ އުޅޭ "ވަކަރު" ކިޔާ ސަހަރައްދަކަށެވެ. އެ ސަރަހައްދަށް ޖަމާވުމަށް ފަހު ކުޑަހުވަދޫ ދޯންޏަކަށް އެންމެން އަރައިގެން ދިޔައީ ކުޑަހުވަދުއަށެވެ.

"ވަރަށް ހިތްދަތިވި، އިމާރާތްތައް ވެއްޓި ހުރިހާ ތަނެއް ހުރީ ބިމާ ހަމަވެފަ. މިހާ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ދުވަހަކުވެސް ހީއެއް ނުކުރަން. އެންމެ ދެރަވީ ވަރަށް މަސައްކަތުން ރަށް ކުރިއަރުވަން އަހަރެމެން މަސައްކަތް ކުރަމުން އަންނަނިކޮށް މިފަދަ ކަމެއް ވެ މުޅި ރަށް ހަލާކުވެގެން ދިޔައީމަ." ސުފޫރާ ކިޔައިދިނެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ސުފޫރާމެން ދިރިއުޅެމުން އަންނަނީ ކުޑަހުވަދޫގައެވެ. މިއަދު ސުފޫރާމެންނަކީ ކުޑަހުވަދޫގެ ރަށްވެހީންނެވެ. ސުނާމީގެ ހިތްދަތި ހަނދާންތައް މިއަދުވެސް ސުފޫރާއަށް އުނދަގޫކުރެއެވެ. ނަމަވެސް އެ ހަނދާންތަކަށް ތަސައްލީއެއް ގެނެސްދިނީ ކުޑަހުވަދޫގެ މާހައުލުން ސުފޫރާމެންނަށް ލިބުނު އަޅައިލުމާއި ލޯތްބެވެ.