ކުޅިވަރު

ޕޮލިސް ބަލިކޮށް، މާބައިދޫ ހުއްޓުމެއް ނެތި ކުރިއަށް

1

ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގައި ލ. މާބައިދޫ ކައުންސިލުން ކުޅުނު ދެވަނަ މެޗުގައި ޕޮލިސް ކްލަބުވެސް ބަލިކޮށް، އެޓީމުން މުބާރާތުގައި ދެވަނަ މޮޅު ހޯދައިފިއެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗު މާބައިދޫން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އިއްޔެގެ މެޗަށް ނުކުތް އިރު، މާބައިދޫން އޮތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން އަމިގޯސް ބަލިކޮށްފައެވެ. ޕޮލިސް އިއްޔެ ނުކުތީ އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗަށެވެ.

އިއްޔެގެ މެޗުގައި މާބައިދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އަމީންގެ އިތުރުން އަބްދުﷲ ފަރީސް އަދި އިބްރާހީމް ހަނީފެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ މާބައިދޫގެ ޖާޒީ ނަންބަރު 21 އަމީނެވެ.

މުބާރާތުގައި މިއަދު އޮންނާނީ ގްރޫޕް އޭގެ މެޗެވެ. އެ މެޗުގައި ފޮނަދޫ ކައުންސިލް ނުކުންނާނީ ޓީއެސްސީއާ ދެކޮޅަށެވެ.

ގަމު ފުޓުބޯޅަ މުބާރާތަކީ ފުޓުބޯޅައިގެ ފޯރި މީގެ ކުރިންވެސް ގަދަކޮށް ފެންނަ ލ. އަތޮޅުގައި، ފުޓުބޯޅަ މުބާރާތެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ބާއްވާ މުބާރާތެކެވެ. އަދި އެ މުބާރާތް ވެގެންދަނީ މިދިޔަ އަހަރު ހުޅުވި ގަމު ޒޯން ސްޓޭޑިއަމްގައިވެސް ބާއްވާ ފުރަތަމަ މުބާރާތަށެވެ. މުބާރާތް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ ފޯމެޓަކަށެވެ.

މުބާރާތުގައި ޖުމުލަ ދިހަ ޓީމު ވާދަކުރާނެއެވެ. ގްރޫޕް އޭގައި ހިމެނެނީ އައިލެންޑް ޔޫތު ޔުނައިޓެޑް، ހައްދުންމަތީ ފޮނަދޫ ކައުންސިލް އިދާރާގެ އިތުރުން ތިއްތި ސްޕޯޓްސް ކްލަބާއި ކުނަހަންދޫ ކައުންސިލް އަދި ހައްދުންމަތީ ދަނބިދޫ ކައުންސިލް އިދާރާއެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ލ. މާބައިދޫ ކައުންސިލް، އަމީގޯސް ސްޕޯޓްސް ކްލަބު، ތުނޑި ގޯޅި ސްޕޯޓްސް ކްލަބު، މާހިންނަ ސްޕޯޓްސް ކްލަބު އަދި ޕޮލިސް ކްލަބެވެ.