ލައިފް ސްޓައިލް

ދުނިޔޭގެ އެންމެ ދިގު ފިރިހެނާ ހަޔާތުގެ ބައިވެރިޔަކު ހޯދުމަށް ރަޝިއާއަށް

ދުނިޔޭގެ އެންމެ ދިގު ފިރިހެނާގެ ރެކޯޑު އޮންނަ ތުރުކީއަށް އުފަން އުމުރުން 39 އަހަރުގެ ސުލްތާން ކޯސެން ހަޔާތުގެ ބައިވެރިޔަކު ހޯދުމަށް ރަޝިއާއަށް ދަތުރުކޮށްފިއެވެ.

ތުރުކީގެ ކުރްދީ ދަރިކޮޅަށް ނިސްބަތްވާ ސުލްތާން ބުނިގޮތުގައި އޭނާއަށް އަންހެން ކުއްޖަކާއި އަދި ފިރިހެން ކުއްޖެއް އުފަންކުރުވާނެ އަންބެއް އޭނާ ބޭނުންވެއެވެ. އިސްކޮޅުގައި 8 ފޫޓު 3 އިންޗި ހުންނަ ސުލްތާން އަކީ މިވަގުތު ދުނިޔޭގައި ދިރިހުރި އެންމެ ދިގު ފިރިހެނާގެ ރެކޯޑު އޮންނަ މީހާއެވެ.

2013 ވަނަ އަހަރު ސުލްތާން ކޯސެން ވަނީ 5 ފޫޓު 9 އިންޗި ހުރި ސޫރިއާގެ އަންހެނަކާ ކައިވެނިކޮށްފައެވެ. ސުލްތާނަށްވުރެ 10 އަހަރު ހަގު މާވް ޑެބޯ އާ ދެމެދު އެންމެ ގިނައިން ނުކުންނަ މައްސަލައަކީ މުއާމަލާތު ކުރުމުގައި ނުކުންނަ މައްސަލަތައް ކަމަށް އޭރު އޭނާ ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. ތުރުކީ ބަހުން ވާހަކަ ދައްކާ ސުލްތާންގެ އޭރުގެ އަންހެނުންނަށް ވާހަކަ ދައްކަން އެނގެނީ ހަމައެކަނި އަރަބި ބަހުން ކަމުގައި އޭނާ ބުނެއެވެ. މި ތަފާތުތަކާއެކު ވެސް އެ ގުޅުން ސުލްތާން ވަނީ އެތައް އަހަރުތަކެއް ވާންދެން ދަމަހައްޓާފައެވެ.

ނަމަވެސް އެގުޅުން މިހާރު ނިމުމަކަށް އައިސް ވަރަށް ފަހުން ވަރިވެފައިވާ ސުލްތާން މިހާރު ބޭނުންވަނީ ހަޔާތުގެ އާ ސަފުހާއެއް ހުޅުވައި ރަނގަޅު ދިރިއުޅުމެއް ބިނާ ކުރާށެވެ. ހަމައެކަނި އެ ބޭނުމުގައި ސުލްތާން ވަނީ މިމަހުގެ ތެރޭގައި މޮސްކޯއަށް ދަތުރުކޮށްފައެވެ. އޭނާ ބުނިގޮތުގައި ހަޔާތުގެ ބައިވެރިޔާ ރަޝިއާއިން ހޯދަން ބޭނުންވަނީ ރަޝިއާގެ އަންހެނުން ރީތިވެފައި ހިތްވެސް ރަނގަޅުކަމަށް މީހުން ބުނާތީއެވެ.

އޭނާ ރަޝިއާ އަންހެނަކާ އިނދެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހޯދަން ބޭނުންވާ ކަމުގައި މިމަހުގެ 20 ވަނަ ދުވަހު ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. ސުލްތާން ބުނިގޮތުގައި އޭނާއާ ކައިވެނިކުރާ މީހަކު އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ އެވެ. ހުރިހާ ހަރަދެއްކޮށް އަނބިމީހާ ރަނގަޅަށް ބަލަހައްޓައިދޭނެ ކަމަށް އޭނާ ބުނެއެވެ. އަދި އޭނާއާ ކައިވެނިކުރުމަށްފަހު ތުރުކީއަށް ގެންގޮސް އެކުގައި ދިރިއުޅެން ބޭނުންވާ ކަމުގައިވެސް ސުލްތާން ވަނީ ބުނެފައެވެ.