ޚަބަރު

ޕަރީ ފެންގަނޑު ހިމެނޭހެން ހައްދުންމަތީގެ ހަ ސަރަހައްދެއް ހިމާޔަތްކޮށްފި

އަލީ ޔާމިން

ހައްދުންމަތީ ގަމުގައި އޮތް ޕަރީ ފެންގަނޑު ހިމެނޭހެން އެ އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތްކޮށްފިއެވެ.

އެ ހަ ސަރަހައްދު ހިމާޔަތްކޮށްފައި މިވަނީ އެ ސަރަހައްދުތައް ހިމާޔަތްކުރުމަށް މިދިޔަ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެންނެވެ.

ލ. އަތޮޅުން ހިމާޔަތް ކުރި 6 ސަރަހައްދުގެ ތަފްސީލާއި އެ ސަރަހައްދުތައް ހިމާޔަތް ކުރި ސަބަބުތައް ތިރީގައި އެވަނީއެވެ.

ގަމު ބޮޑު ފެންގަނޑު ސަރަހައްދު

ގަމު ބޮޑު ފެންގަނޑަކީ ކުޑަ ހިންނައިގެ އިރުމަތީ ފަރާތުގައި އޮންނަ "ރަން" ކުލައިގެ ފެންގަނޑެކެވެ. މިތަނަށް ޕަރީ ފެންގަނޑު ނުވަތަ ނަރަކަ ފެންގަނޑުވެސް ކިޔައެވެ. ރަށުގެ ތާރީހާ ގުޅިފައިވާ އެ ފެންގަނޑާ ގުޅިގެން އެކިއެކި ފުލޯކު ވާހަކަތައްވެސް ދެކެވެއެވެ. މި ފެންގަނޑުގައި ކުޅިފާ ޗަސްބިމުގައި ހެދޭ ބާވަތްތަކުގެ ގަހެއް ކަމަށްވާ ރަނޑޫ ގިނަ އަދަދަކަށް ހެދިފައިވެއެވެ. މި މާހައުލަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏާއި ހިޖުރަކުރާ ދޫނިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިއްމު މާހައުލެކެވެ. މީގެ އިތުރުން މި މާހައުލުގައި ދަނޑިފުޅު ދޫނި ވިހައި އާލާވާކަމަށް ރެކޯޑް ކުރެވިފައިވެއެވެ. އަދި ކުޅިފާ ޗަސްބިން ސަރަހައްދަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމަށް މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. ހަމައެއާއެކު ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަންޑައިއޮކްސައިޑް ރައްކާތެރިކޮށް ހިފަހައްޓާ "ކާބަން" ސިންކް ތަކެކެވެ. ލ. ގަމު ބޮޑުފެންގަނޑު ސަރަހައްދު ހިމާޔަތްކޮށްފައިވަނީ ގުދުރަތީ އަދި ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓައި ގިންތީގެ ހަތް ވަނަ ގިންތި "ޕްރޮޖެކްޓެޑް އޭރިއާ ވިތު ސަސްޓެއިނަބަލް ޔޫޒް" (ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭ ހިމާޔަތްކުރެވިފައިވާ ސަރަހައްދު)ގެ ގޮތުގައެވެ.

ލ. މާބައިދޫ ކޯރު އަދި ފުށި ކަނޑު ސަރަހައްދު

ޒޯން 1 - މާބައިދޫ ކޯރު ސަރަހައްދުގެ

ލ. މާބައިދޫގެ އުތުރުކޮޅުގައި އޮންނަ މާބައިދޫ ކޯރު ސަރަހައްދަކީ މޫދާއި ގުޅިފައިވާ ލޮނު ފެނުގެ ކުޅިއެކެވެ. މިއީ މޫދާއި ގުޅިފައިވާ ކުޅިއެއްކަމުން ފަރުގެ ދިރުންތައް ވިހާ އާލާވާ ނާސަރީއެއްގެ ދައުރު އަދާކުރެއެވެ. ކުޅިފާ ޗަސްބިމުގައި ހެދޭ ގަސްގަހާގެހީގެ ތެރެއިން ރަނޑޫ (Red Mangrov | Rhizophora mucronata)، އަދި ކަރަމަނަ (Yellow Mangrove | Ceriops tagal) ހުރިކަމަށް ރެކޯޑް ކުރެވިފައިވެއެވެ. މި ޒޯންގައި ހިމެނޭ މޫދުވިއަކީވެސް ވެލާ ކަހަނބުގެ ކާނާ ފޯރުކޮށްދޭ، އެތަކެތީގެ ދިރިހުރުމަށް މުހިއްމު ސަރަހައްދެކެވެ. ރަށުގެ ވަށައިގެންވާ ފަރާއި މޫދުވަނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނައާއި 86 ބާވަތެއްގެ ފަރުމަސް ފެނިފައިވާކަމަށް ރެކޯޑް ކޮށްފައިވެއެވެ. މީގެ އިތުރުން، ކުޅިފާ ޗަސްބިން ސަރަހައްދަކީ ރަށުގެ ފެންފަށަލަ ތާޒާކޮށްދޭ، ރަށްގިރުމުން ސަލާމަތްކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. އަދި ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަންޑައިއޮކްސައިޑް ރައްކާތެރިކޮށް ހިފަހައްޓާ "ކާން" ސިންކް ތަކެކެވެ. މާބައިދޫ ކޯރު ސަރަހައްދު ހިމާޔަތްކޮށްފައިވަނީ ގުދުރަތީ އަދި ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތީގެ ހަތް ވަނަ ގިންތި "ޕްރޮޓެކްޓެޑް އޭރިއާ ވިތު ސަސްޓެއިނަބަލް ޔޫޒް (ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ހިމާޔަތްކޮށްފައިވާ ސަރަހައްދު)ގެ ގޮތުގައެވެ.

ޒޯން 2 - ފުށި ކަނޑު ސަރަހައްދު

ށ. ފުށިކަނޑަކީ ހައްދުންމަތީގެ އިރުއުތުރު ބިތުގައިވާ ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅި އަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި، ފަރުގެ ދިރުންތައް ވިހައި އާލާވުމަށް ބޭނުންކުރާ ޑައިވަރުންގެ މެދުގައި މަގުބޫލު ސަރަހައްދެކެވެ. ބައިނަލްއަގުވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން، ވެލާ، ކަހަނބާއި އެންމަނޑީގެ އިތުރުން އެކި ބާވަތްތަކުގެ މިޔަރު އެ ސަރަހައްދުން ފެންނަ ކަމަށް ރެކޯޑް ކޮށްފައިވެއެވެ. ފުށި ކަނޑު ސަރަހައްދު ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތީގެ ހަ ވަނަ ގިންތި "ސްޕީސިސް ހެބިޓެޓް މެނޭޖްމަންޓް އޭރިއާ" އެއްގެ ގޮތުގައެވެ.

ޒޯން 3 - ކަނުހުރާ އަދި ފުށިރަށް

މި ރަށަކީ އައިންމަތީ ދޫނި، ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. ކަނުހުރާ އަދި ފުށިރަށް ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތީގެ ހަތް ވަނަ ގިންތި، ދެމެހެއްޓެނިވި ބޭނުންކުރެވޭ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގޮތުގައެވެ.

ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު

ލ. ވަޑިނޮޅު ކަނޑުއޮޅިއަކީ ހައްދުންމަތީގެ ހުޅަނގު އުތުރު ބިތުގައިވާ ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅިއަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ޑައިވަރުންގެ މެދުގައި މަގުބޫލު ސަރަހައްދެކެވެ. މި ސަރަހައްދަކީ ފާނައާއި މާހުޅުނބުލަނޑާ ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. މި ސަރަހައްދުގައިވާ ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި، ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތީގެ ހަތްވަނަ ގިންތި "ޕްރޮޓެކްޓެޑް އޭރިއާ ވިތު ސަސްޓެއިނަބަލް ޔޫޒް (ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ޙިމާޔަތްކޮށްފައިވާ ސަރަހައްދު) ގެ ގޮތުގައެވެ.

ލ. ގާދޫ ރަށުގެ ވެލާ އަރާ ސަރަހައްދާއި، ޗަސްބިމާއި، ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވަނަ ސަރަހައްދު

ލ.ގާދޫ އަކީ 2016 ވަނަ އަހަރު ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ، އޭގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ.

ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށް: މި ސަރަހައްދަކީ ދިވެހިރާއްޖޭގައި ވެލާ ބިސްއަޅާ، ވިހާ އާލާވާކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. މިގޮތުން މި ސަރަހައްދުގައި އެންމެ ގިނައިން ބިސް އަޅާކަމަށް ރެކޯޑް ކުރެވިފައިވަނީ ކަހަނބު (Hawksbill turtles / Eretmochelys imbricate) އާއި ވެލާ (Green turtle / Chelonia mydas) އެވެ. މި ދެ ބާވަތުގެ ވެލާ ކަހަނބަކީވެސް ދިވެހިރާއްޖޭގައި ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ، އަދި ދުނިޔޭގެ ފެންވަރުގައި ނެތި ދިޔުމުގެ ހީވެފައިވާ ދެ ބާވަތެވެ.

ރަށުގެ ވަށައިގެންވާ މޫދު ވިނައާއި ފަރުގެ ސަރަހައްދު: މިއީ ވެލާ ކަހަނބުގެ ކާނާ ފޯރުކޮށްދޭ، އެތަކެތީގެ ދިރިހުރުމަށް މުހިންމު ސަރަހައްދެކެވެ. މީގެ އިތުރުން މޫދު ވިނައަކީ ފަރުމަހުގެ ދިރުންތައް އާލާވުމަށް ބޭނުންކުރާ މާހައުލެކެވެ. އަދި ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަން ރައްކާކުރާ ކާބަން ސިންކް" އެކެވެ. ރަށުގެ ވަށައިގެންވާ މޫދުވަނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނައާއި 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާކަމަށް ރެކޯޑް ކޮށްފައިވެއެވެ.

ކުޅިފާ ޗަސްބިން: މި ކުޅިއަކީ ރަށުގެ އިރުމަތީ ފަރާތުގައިވާ ޗަސްބިން ސަރަހައްދުގައިވާ މީރު ފެން ކުޅިއެކެވެ. މި މާހައުލަކީ، މި ސަރަހައްދަށް ޒިޔާރަތްކުރާ މޫސުމީ ދޫންޏާއި ހިމާޔަތްކޮށްފައިވާ ދޫނީގެ މާހައުލުތައް ދެމެހެއްޓުމަށްޓަކައި މުހިއްމު މާހައުލެކެވެ. ލ. ގާދޫ ރަށުގެ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވަނަ ސަރަހައްދު ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތީގެ ހަ ވަނަ ގިންތި ސްޕީސިސް ހެބިޓެޓް އެއްގެ ގޮތުގައެވެ.

ލ. ގާދޫ - ހިތަދޫ ކަނޑު ސަރަހައްދު

ހައްދުންމަތީގެ ދެކުނު ބިތުގައި، ގާދޫ އަދި ހިތަދޫގެ މެދަށް ވާގޮތަށް އޮންނަ ގާދޫ-ހިތަދޫ ކަނޑަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ސަރަހައްދެކެވެ. މި ސަރަހައްދަކީ ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް ވިހާ އާލާވާކަމަށް ރިކޯޑް ކޮށްފައިވާ ސަރަހައްދެކެވެ. ސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބު ބާވަތްތަކުގެ ވެލާ ( Green turtles / Chelonia mydas ) އާއި ކަހަނބު ( Hawksbill turtles / Eretmochelys imbricate ) އިތުރުން، އެންމަޑި (Reef Manta Rays / Mobula Alfredi)، މާހުޅުނބު ލަނޑާ ( Napolean Wrasse / Cheilinus undulates) ހިމެނެއެވެ. އަދި މީގެ އިތުރުން ތަފާތު ބާވަތްތަކުގެ މިޔަރާއި، ފެހުރިހި، އަދި މަނޑި މި ސަރަހައްދުން ފެންނަކަމަށް ކުރެވިފައިވެއެވެ. ލ. ގާދޫ ހިތަދޫ ކަނޑު ސަރަހައްދު ހިމާޔަތްކުރެވިފައިވަނީ ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތީގެ ހަ ވަނަ ގިންތި 'ސްޕީސިސް ހެބިޓެޓް މެނޭޖްމަންޓް އޭރިއާ" އެއްގެ ގޮތުގައެވެ.

ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދު ސަރަހައްދު

ލ. ހިތަދޫ ކުޅި ސަރަހައްދަކީ ހިތަދޫގެ ހުޅަނގު ދެކުނުގައި އޮންނަ މޫދާއި ގުޅިފައިވާ ލޮނު ފެނުގެ ކުޅިއެކެވެ. މިއީ މޫދާއި ގުޅިފައިވާ ކުޅިއެއްކަމުން ފަރުގެ ދިރުންތައް ވިހާ އާލާވާ ނާސަރީއެއްގެ ދައުރުއަދާކުރެއެވެ. ކުޅިފާ ޗަސްބިމުގައި ހެދޭ ގަސްގަހާގެހީގެ ތެރެއިން ރަނޑޫ، ކަރަމަނަ އަދި ބުރެވި ހުރިކަމަށް ރެކޯޑް ކުރެވިފައިވެއެވެ. މީގެ އިތުރުން، ކުޅި ފާ ޗަސްބިން ސަރަހައްދަކީ ރަށުގެ ފެންފަށަލަ ތާޒާކޮށްދޭ، ރަށްގިރުމުން ސަލާމަތްކޮށްދޭ ތިކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. އަދި ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަންޑައިއޮކްސައިޑް ރައްކާތެރިކޮށް ހިފަހައްޓާ މެޓާ ކާބަން ސިންކް" ތަކެކެވެ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދު ސަރަހައްދު ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބީއީގޮތުގައި ދަމަހައްޓާ ގިންތީގެ ހަތް ވަނަ ގިންތި "ޕްރޮޓެކްޓެޑް އޭރިއާ ވިތު ސަސްޓެއިނަބަލް ގިނަބަލް ޔޫޒް (ދެމެހެއްޓެނިވި ބޭނުންކުރުމަށް ހިމާޔަތް ސަރަހައްދު) ގެ ގޮތުގައެވެ.

ލ. އަތޮޅަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ "ހޯޕް ސްޕޮޓް" އެއްގެ ގޮތުގައި ގްލޯބަލް ކޯލިޝަނެއް ކަމަށްވާ މިޝަން ބްލޫ އިން 2021 ވަނަ އަހަރު ފާހަގަކޮށްފައިވާ އަތޮޅެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން، މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި ފުވައްމުލަކު ސިޓީގެ ސަރަހައްދަކާއި ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް (ޖުމުލަ 14،423 ހެކްޓަރު) މިހާތަނަށް މި ސަރުކާރުން ވަނީ ހިމާޔަތްކޮށްފައެވެ.