ހަބީބު ބޭންކުން ނަގާފައިވާ ލޯނަކާ ގުޅިގެން 25.9 މިލިޔަން ރުފިޔާ ދައްކަން ވާދީ ޓްރޭޑާސް އާއި މ. ވާދީ، ރޯސް މުހައްމަދު އަހުމަދު ދީދީގެ މައްޗަށް ސިވިލްކޯޓުން އަމުރު ކުރި މައްސަލައިގައި، ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން އެއްވެސް ފަރާތަކަށް އެފައިސާ ދޫ ނުކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ މ. ވާދީ ރޯސް މުހައްމަދު އަހުމަދު ދީދީ އާއި ވާދީ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޔަގީންކަން ދީގެން އަދި ވާދީ ޓްރޭޑް ސެންޓަރުގެ ނަމުގައިވާ ބީއައިއެފް ނަންބަރު ގޯއްޗާއި މ. ވާދީވިއު ގޯތީގައިވާ އިމާރާތްތައް ރަހުނު ކުރުމަށްފަހު، ހަބީބް ބޭންކް ލިމިޓެޑުގެ ފަރާތުން ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑާއި މުހައްމަދު އަހުމަދު ދީދީއަށް 27 ސެޕްޓެންބަރު 1998 ގައި ލެޓާ އޮފް މޯގޭޖް އެންޑް ލޯން އެގްރީމެންޓުގައި ސޮއިކޮށް ދޫކޮށްފައިވާ ލޯނެއްގެ މައްސަލައެކެވެ.

އެފަރާތުން އެއްބަސްވެފައިވާ ގޮތަށް އެ ލޯނުތަކަށް ފައިސާ ދައްކާފައި ނުވާ ކަމަށް ބުނެ، ކޮންޓްރެކްޓާބެހޭ ގާނޫނަށް ރިއާޔަތްކޮށް، ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑާއި މުހައްމަދު އަހުމަދު ދީދީގެ ފަރާތުން ހަބީބު ބޭންކަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ކުރަން ޖެހޭ އެންމެހާ ހަރަދަކާއި ގެއްލުމުގެ ބަދަލު، ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑާއި މުހައްމަދު އަހުމަދު ދީދީ ކިބައިން އެކީ އެއްފަހަރާ ހޯދުމަށް އެދި ހަބީބް ބޭންކުން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ހަބީބު ބޭންކުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވެފައި ވާތީ، އެ ބޭންކުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް 27 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ނިޔަލަށް ދައްކަން ޖެހި ނުދައްކައިވާ އެކު ޖުމުލަ 25،906،606.76 އާއި ހަބީބް ބޭންކް ލިމިޓެޑުން ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހަރަދު ކުރަން ޖެހުނު 21،200 ރުފިޔާ، 30 އޯގަސްޓް 2018 އިން ފެށިގެން ހަތް މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށް ޖެހޭ ވަރު ދައްކަމުން ގޮސް، އެ މުއްދަތުގެ ތެރޭގައި ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަށް ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑަށާއި މުހައްމަދު އަހުމަދު ދީދީއަށް އަންގާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ނުކޮށްފިނަމަ، މި މުއާމަލާތުގައި ރަހުނު ކުރެވިފައިވާ ބީއައިއެފް ނަންބަރު ގޯއްޗާއި މ.ވާދީވިއު ގޯތި ވިއްކާލުމުގެ ހުއްދަ ހަބީބް ބޭންކަށްދީ ހުކުމް ކުރާ ކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑް އާއި މ. ވާދީ ރޯސް، މުހައްމަދު އަހުމަދު ދީދީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި ވެސް އިސްތިއުނާފު ކުރިއެވެ.

އެފަރާތުން ހައިކޯޓުގައި އެދުނީ އެ މައްސަލަ އަލުން ބަލައި ދިނުމަށް އެދި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލު ކޮށްދިނުމަށެވެ.

ނަމަވެސް އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުލީލު ކުރަން ޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރިއެވެ.

އެހެންކަމުން އެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި ސިވިލްކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެދުނެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ، ސިވިލްކޯޓަށް ފައިސާ ދައްކަމުން ދިޔަ ނަމަވެސް އެ ފައިސާއާމެދު އަމަލު ކުރާނެ ވަކި ގޮތެއް ސުޕްރީމް ކޯޓުން އަންގަންދެން އެއްވެސް ފަރާތަކަށް އެ ފައިސާ ދޫނުކޮށް ބެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ކުރާ ކަމަށެވެ.