ކޮވިޑްގައި އިތުރު މީހަކު މަރުވެ ރާއްޖެއިން މަރުވި މީހުންގެ އަދަދު 261 އަކަށް އަރައިފިއެވެ.

ގދ ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކަސްޓަމާ ރިލޭޝަން އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހަކު، ރޭގެ 10:50ގައި މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ މަރުވެފައިވަނީ ފަރުވާދެމުން އަންނަތާ 10 ވަނަ އަށް ވީ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 261 އަށް އަރައިފަ އެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 244 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.