ފައިޒާއިން ކޮވިޑަށް އުފެއްދި ކާ ބޭސް ''ޕެކްސްލޮވިޑް'' އެމެރިކާގައި ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ އެފްޑީއޭ އިން ދީފިއެވެ.

ކޮވިޑު ބަލީގެ މީހުންނަށް ފަރުވާ ކުރުމަށް ފައިޒާއިން އުފެއްދި މި ބޭހަށް އެފްޑީއޭއިން ހުއްދަދީފައިވާއިރު މި ބޭހުގެ ސަބަބުން ބަލީގައި ބޮޑުވަރުވުމުން ދުރުކޮށްދީ އެނދުމަތިކުރަން ޖެހޭ އަދަދު ކުޑަކޮށްދޭނެ ކަމުގައި ފައިޒާ އިން ބުނެއެވެ. މިބޭސް ހުއްދަކޮށް ބޭހުގެ ސަބަބުން ވައިރަސް ފެތުރުން ކޮންޓްރޯލު ކުރުމުގައި ބޮޑު އިންގިލާބެއް ގެނުވާނެ ކަމުގެ އުއްމީދު ކުރެވޭ ކަމުގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސެންޓާ ފޮ ޑްރަގް އިވޭލުއޭޝަން އެންޑް ރިސާޗްގެ ޑިރެކްޓާ ޕެޓްރީޒިއާ ކެވެޒޯނީ ބުދަ ދުވަހު ނެރުއްވި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިވަގުތު އެމެރިކާގައިވެސް ހަލުވިކަމާއެކު އޮމިކްރޯން ވޭރިއަންޓު ފެތުރެމުން އަންނައިރު އެގައުމުގެ ސިއްހީ ނިޒާމު ބޮއްސުންލައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ސިއްހީ ދާއިރާގެ މާހިރުން ވަނީ ދެއްވައިފައެވެ. އޮމިކްރޯނުގެ ސަބަބުން ވެކްސިން ފުރިހަމަކޮށްފައި ތިބޭ މީހުންނަށް ބަލީގައި ބޮޑުވަރުވުމުން ދުރުކޮށްދޭ ނަމަވެސް އެމެރިކާގައި ވެކްސިން ފުރިހަމަ ނުކުރާ މީހުންގެ އާބާދީ ބޮޑުވުމުގެ ސަބަބުން ބަލީގައި ބޮޑުވަރު ވެ އެނދުމަތި ކުރަން ޖެހޭ މީހުންގެ އަދަދުތައް އިތުރުވެގެން ދާނެކަމުގައި ވަނީ ލަފާކޮށްފައެވެ.

މި ބޭސް ހުއްދަކުރުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ބޭހުގެ ސަބަބުން ބައްޔަށް ފަރުވާކުރުމުގައި ކުރިއެރުންތައް ލިބިގެންދާނެ ކަމަށާއި އެނދުމަތި ކުރަން ޖެހޭ އަދަދު އަދި ބަލީގައި މަރުވާ މީހުންގެ އަދަދަތައް ކުޑަކޮށްދޭނެ ކަމަށެވެ. އަދި މި ބޭސް އުފެއްދުން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ރައީސް ބައިޑެން ވިދާޅުވިއެވެ. ބައިޑެން ވިދާޅުވީ މިވައިރަހާ ދެކޮޅަށް އެގައުމުން ހަނގުރާމަކޮށް ކާމިޔާބުކުރުމަށް ތައްޔާރަށް ތިބި ކަމަށާއި އޮމިކްރޯނުން އަރައިގަތުމަށްވެސް އެގައުމުން ތައްޔާރަށް ތިބި ކަމަށެވެ.

ޕެކްސްލޮވިޑް ބޭސް ކޮވިޑާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ހެދުނު ދިރާސާތަކުގައި ވެކްސިން ފުރިހަމަ ނުކޮށް ތިބި، ބަލީގައި ބޮޑުވަރު ވާ މީހުންނަށް މި ބޭސް 5 ދުވަސް ވަންދެން ދިނުމުން އެނދުމަތިކުރަން ޖެހޭ ހާލަތަށް ދިއުމުން 88 ޕަސެންޓް ދުރުކޮށްދިންކަމުގައި ވަނީ ދައްކައިފައެވެ.

އެމެރިކާއިން މި ބޭސް ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު އެގައުމުގެ ސަރުކާރުން ވަނީ މި ބޭސް ގަތުމަށް 5.3 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ހަރަދުކުރުމަށް ނިންމާފައެވެ.