ރިޕޯޓް

ދެ ދަރީން މާކަނޑަށް ދަމައިގަނެ މަރު! މަދު ސިކުންތުކޮޅެއްގެ ތެރޭ ރަށުގެ ހުރިހާ އިމާރާތެއް ބިމާ ހަމަ!

އަލީ ރިފްޝާން

1

ލ. ގަމުން: އަލީ ރިފްޝާން - ވަން އޮންލައިން

ޑިސެމްބަރު 26, 2004 ގެ ސުނާމީއާއެކު މުޅި މުންޑޫ ދޮވެލިއެވެ. ލ. އަތޮޅުން އެންމެ ބޮޑު ގެއްލުމެއްވީ އެއް ރަށަކީ ވެސް މުންޑޫއެވެ. ރަށު ތެރެޔަށް އެރި އުސް، ބިޔަ ރާޅުތައް ދިޔައީ ޖެހުނު އެއްޗެއް ހިފައިގެންނެވެ. އިމާރާތެއް ވިއްޔާ ބިމާ ހަމަކޮށްފަ އެވެ. މުންޑޫން ހަތް މީހަކު މަރުވިއެވެ. އެތައް ބަޔަކަށް އަނިޔާވިއެވެ.

މުންޑޫން މަރުވި ހަތް މީހުންގެ ތެރެއިން ދެ ކުދިންނަކީ އެ ރަށު އަބްދުލް ޖަލީލު އަބްދުލްޤަފޫރުގެ ދެ ދަރިންނެވެ. އެއީ ހަ އަހަރުގެ އަންހެން ކުއްޖަކާއި ފަސް އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކާރިސާގައި އެންމެ ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހުނު އެއް އާއިލާއަކީ ވެސް ޖަލީލުގެ އާއިލާއެވެ. އެ ކާރިސާއިން މުޅި އާއިލާއަށް ނިކަމެތިކަމާއި އަނދިރިކަން ގެނުވިއެވެ. ހެމުން ސަކަރާތް ޖަހަމުން މުޅި އާއިލާއަށް އުފާވެރިކަން ގެނެސްދެމުން ދިޔަ ލޯބި ލޯބި ދެ ދަރީން، ރަށުތެރެޔަށް އެރި ބިޔަ ރާޅުތަކުގެ ތެރޭގައި ބެހި، މަރުވީއެވެ. އެކަމަށް ނެގީ މަދު ސިކުންތުކޮޅެކެވެ.

ޖަލީލު ވެސް އެ ދުވަސް ފެށީ އާދައިގެ ދުވަހެއްގެ ގޮތުގައެވެ. އެހާ ބޮޑު ކަމެއް ވާން އުޅޭކަމުގެ ކުޑަ ވެސް އިހުސާސެއް ނުކުރެވެއެވެ. އެ ދުވަހު "ބޮޑު ރާޅު" އަރައިގެން އައީ, މަހަށް ގޮސް އައުމަށްފަހު, ޖަލީލު އެހެން މަސައްކަތެއް ކުރަން އުޅެނިކޮށެވެ.

ރާޅާއެކު ގިނަ ބަޔަކު ދަމައިގަތް

ސުނާމީއަށްފަހު މިހާރު ލ. ގަމުގައި ދިރިއުޅެމުން އަންނަ ޖަލީލުގެ އެ ހަނދާންތައް "ވަން"ގެ ޓީމާ ހިއްސާކުރަމުން ކިޔައިދިން ގޮތުގައި އޭނާ ގެންގުޅުނު ކުޑަ ބައްތެއްޔެއްގައި ވެލި ނަގަން ދާން އުޅެނިކޮށް, ރާޅެއް އަރާކަމުގެ ހަބަރު ދިނީ ވަރަށް ބާރަށް ސައިކަލުގައި އައި މީހެކެވެ.

"ރަށަށް ބޮޑު ރާޅެއް އެބަ އަރައޭ ބުނީ. އެހެން ބުނީމަ ވެސް މާބޮޑަކަށް ހިތަކަށް ނާރާ މިކަހަލަ ކަމެއް މެދުވެރިވެދާނެއެކޭ. އެހެން ބުނިތަނާ ކުޑަކުޑަ އިރުކޮޅެއް ވެސް ނުވެ, ކުއްލިއަކަށް ގަދަ އަޑުފައްގަނޑެއް އިވިއްޖެ," އޭނާ ބުންޏެވެ.

އޭނާ އެ ހަބަރު ދިންތާ މާގިނަރުތަކެއް ނުވެ ޖަލީލަށް ފެނުނީ ގަދަ އަޑުފައްގަނޑާއެކު މަގުން 2500 ލީޓަރުގެ ކަޅުހަމެއް ފުންމައިގެން ގޮސް މޫދުގައި ޖެހުނު ތަނެވެ. މޫދުގައި އެ ކަޅުހަން ޖެހުމާއެކު ދެން ލޮނުގަނޑު ބައިފައިގެން ދިޔައެވެ.

"ފެންގަނޑު ފައިބައިގެން ދިޔަ އިރު, މީހުންނާއި ގޭގޭގެ ފަރުނީޗަރާއި އަހަރެމެން އާންމުކޮށް ބޭނުންކުރާ ހުރިހާ އެއްޗެއްހެން އެ މަގުން ފައިބައިގެން ދިޔަ. ގޭގޭގެ ޓިނުތަކާއި ދޮރުތަކާއި ހުރިހާ އެއްޗެއް. ލޮނުގަނޑުގެ އުސްމިން ގާތްގަނޑަކަށް އިސްކޮޅާ ހަމައަށް ހުރި," އޭނާ ކިޔައިދިނެވެ.

ޖަލީލު އެވަގުތު އަވަހަށް މިސްރާބު ޖެހީ އޭނާގެ އާއިލާ ހޯދުމަށެވެ. ދަރީންކޮޅު ހޯދުމަށް ގެއާ ދިމާއަށް ދިއުމަށެވެ. އެކަމަކު އާދައިގެ މަތީން ކުރީން ހަމަފަސް މަތީގައި ބާރަށް ހިނގާފައި، ނުވަތަ ދުވެފައި ދާ ގޮތަށް ދެވޭނެ ގޮތެއް މިވަގުތަކު ނެތެވެ. ހިކިފަސްތަނެއް ނެތެވެ. ރަށުތެރެއެކޭ ފުން މޫދެކޭ އެއްގޮތެވެ. އެއަށްވުރެވެސް ހާލަތު ގޯހެވެ. ރަށު ތެރެޔަށް ބިންދާލި ބާރުގަދަ ބިޔަ ރާޅުތަކާ އެކު މުޅި ރަށު ތެރެ އޮތީ އެކި ކަހަލަ ކުނިބުނީން ފުރި ބާރުވެފައެވެ. އެތަކެތީން ސަލާމަތް ވެވޭނެ ގޮތެއްވެސް ނެތެވެ. ލޮނުގަނޑުގެ ތެރެއަށް ފުންމާލުމާއެކު އޮއިގަދަކަމުން ޖަލީލު ދަމައިގަތީ މޫދަށެވެ. ލޮނުގަނޑުތެރޭގައި އެނބުރެމުން އެނބުރެމުން ގޮސް ބޯ ހިއްލައިލެވުނީ މޫދުތެރެއިން އެ ބާރުގަނޑު ކެނޑުނީމަ އެވެ. އެވަގުތު ވަރުބަލިކަން އިހުސާސްކުރެވިފައިވީ ނަމަވެސް, ހިތްވަރުކޮށްފައި ޖަލީލު އަނެއްކާވެސް މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާއަށެވެ. ދަރީންކޮޅާއި އަނބިމީހާ ކޮބައިތޯ ބެލުމަށެވެ. މިފަހަރު ރަށު ތެރެއަށް އެރި އިރު, ރާޅުގެ އަސަރެއް ނެތެވެ.

ހުރިހާ ގެތަކެއް ބިމާ ހަމަވެފައި, ދެ ދަރީންނަށް ވީނުވީއެއް ނޭނގޭ

ޖަލީލު ރަށު ތެރެއަށް އަރައިގެން ދުވެފައި ދިޔަ އިރު, ފެނުނީ މުޅީން ތަފާތު މަންޒަރެކެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރަށުގެ ހުރިހާ ގެއެއް އެހުރީ ބިމާ ހަމަވެފައެވެ. އޭގެ ތެރޭގައި މަންޑޫގައި އެންމެ ވަރުގަދައަށް ހަދާފައި ހުރި ޖަލީލުގެ ގެ ވެސް ހިމެނެއެވެ. ޖަލީލުގެ އަމިއްލަ ގެ ހުރި ތަނުގައި ވެސް މިހާރު ހުރީ ބިމާ ހަމަވެފައި ހުރި ގާ ފުންޏެކެވެ. އާއިލާ ހޯދަމުން ދަނިކޮށް, ޖަލީލަށް އޭނާގެ އަންހެނުންނާ ދިމާވިއެވެ.

"ތަންކޮޅަކަށް ދިޔަތަނާ އެއްބަނޑު އެއްފަބާ މީހަކާ އިނދެގެން އުޅޭ މީހަކާ ދިމާވެއްޖެ. ދިމާވިތަނާ ބުނެފި އޭނާގެ ދަރި އައިމަން ކޮބައިހޭ. މަ ބުނެފިން އައިމަން ވީ ތަނެއް ނޭނގެއޭ. ދެން އަހަރެންގެ އަންހެނުންނާ ދިމާވެގެން އަހައިފިން ކޮބައިހޭ ކުދީންކޮޅު. އެހިތަނާ ބުނެފި އައިމަން އާއި މަރިޔަމްއާ ދެމީހުން ގޭތެރެއަށް ވަންތަން ދެކުނީމޭ. ދެން ސުނާމީ އައިތަނާ ތިމަންނައަކަށް ނޭނގުނޭ ވީގޮތެއް," ޖަލީލު ބުންޏެވެ.

އަންހެން ގައުމީ ފުޓުބޯޅަ ޓީމަށް ކުޅޭ މަރިޔަމް ރިފާއަކީ ޖަލީލުގެ ދަރިއެކެވެ. ފުޓުސަލުގައި ވެސް ފާހަގަކޮށްލެވޭ ރިފާއަކީ އޭރު ގޭތެރެއަށް ވަން ކަމަށް ޖަލީލުގެ އަންހެނުން އެ ބުނާ ދަރިއެވެ. އެ ކާރިސާގެ ތެރޭގައި ރިފާގެ ފައިގެ ފުންނާބަށް ވަނީ ބޮޑު އަނިޔާއެއް ލިބިފައެވެ. ޖަލީލުގެ ތިން ދަރީންގެ ތެރެއިން ސަލާމަތްވީ މަރިޔަމް ރިޔާ އެކަންޏެވެ.

ޖަލީލު މަސައްކަތް ފެށީ ދެން ތިބި ދެ ކުދިން ހޯދާށެވެ. ގަލެއްގެ ދަށުވެފައި އޮތްތޯ ވެސް ޖަލީލު ބެލިއެވެ. ނަމަވެސް އެކުދިންގެ ހަބަރެއް ނުވުމުން ޖަލީލު ދެން ދިޔައީ މޫދާ ދިމާއަށެވެ. ކަނޑުތެރެއިން ވެސް އެކުދިން ފެނޭތޯ ޖަލީލު އެރީ ބައްތެއްޔަށެވެ.

މޫދުން ތިން މީހަކު ނެގި, ގޮނޑުދޮށުގައި މީހުން ރާޅާ ތަޅަތަޅައި ތިބި

ގެއްލުނު ދެ ކުދީން ހޯދަމުން ދިޔަ ދިއުމުގެ ތެރޭގައި މޫދުން ޖަލީލަށް ފުރަތަމަ ފެނުނީ މީހެއްގެ އިސްތަށިގަނޑެކެވެ. ފެނުމާއެކު އެމީހާ މޫދުން ނެގިއެވެ. އޭނާގެ ހަރަކާތެއް ނެތެވެ. އެމީހާއަށް ފަހު ދެ ކުއްޖަކު ފެނިގެން ވެސް ބައްތެއްޔަށް އެ ކުދިން ވެސް ނެގިއެވެ. އޭގެ ތެރޭގައި ވެސް ޖަލީލުގެ ދަރީންނެއް ނެތެވެ.

"ބައްތެލި ސްޓާޓުކޮށްލައިގެން ދިޔަ ދިއުމުގެ ތެރޭގައި ކުންޏާއި ހުރިހާ އެއްޗެއް ހުރީމަ ނޭނގޭ ތަނެއް ދޮރެއް. އޭރު ވެސް ރަށަށް ދިޔައީ ރާޅު އަރަމުން. އެ ދިޔަ ދިއުމުގެ ތެރޭގައި އަހަރެން ނަގައިފިން ގެއާ ޖެހިގެން ހުންނަ ގޭގައި އުޅޭ މީހަކު. ބޮލުގެ އިސްތަށިގަނޑު ފެނިގެން, އެއީ އިންސާނެއްހެން ހީވެގެން ފުރަތަމަ ބަލައިލީ. އޭނާގެ އެއްވެސް ހަރަކާތެއް ނެތް. އެހެން ދަމުން ނެގިން ތިން މީހުން. ދެ ކުދިންނާއި އަންހެނަކު ނެގިން," އޭނާ ކިޔައިދިނެވެ.

އޮއިގަދަވުމުގެ ސަބަބުންނާއި ކުނިބުނީގެ ސަބަބުން އެއްވެސް ވަރަކަށް ބައްތެލި ދުއްވޭ ގޮތް ނުވުމުން, އެ ތިން މީހުން ގެންދިިޔައީ ދޯންޏަކަށެވެ. ދޯޯންޏަށް އެކުދިން އަރުވާފައި ގޮނޑުދޮށާ ގާތްކުރި ތަނާ ފެނުނީ މީހުންނެވެ. އެމީހުންގެ ގައިން ލެޔާއެކު ގިނަ އަނިޔާތަކެއް ވެސް ފެންނާން ހުއްޓެވެ.

"ގޮނޑުދޮށަށް ގާތްކުރި އިރު ގޮނޑުދޮށުގައި މީހުން ރާޅާ ތަޅަތަޅާ ތިބި. ބޮޑެތި މީހުންގެ ގައިންވެސް ލޭ ފައިބަނީ. ދެން ބައްތެލި ބާއްވާފައި އެރީ ރަށަށް،"

ލޯބިވާ ދެ ދަރިންގެ ހަށިގަނޑު ފެނުނީ ސުނާމީއަށް ދެ ދުވަސް ފަހުން

ޖަލީލުގެ ކުޑަ ދެ ދަރިން ހޯދުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. ގަމަށް އައުމަށްފަހު 15 މީހުންގެ ގްރޫޕަކާއެކު ކުދިން ހޯދުމަށް އެނބުރި މުންޑުއަށް ވެސް ދިޔައެވެ. ނަމަވެސް އެއްގޮތަކަށް ވެސް ރަށު ތެރެއިން އެކުދިން ފެންނަ ގޮތެއް ނުވިއެވެ.

ޖަލީލުގެ ފިރިހެން ދަރީގެ ހަށިގަނޑު ފެނުނީ ލ. ފޮނަދޫ އާއި އެ އަތޮޅު ގާދޫއާ ދޭތެރޭ ކަނޑުތެރެއިންނެވެ. އަދި އަންހެން ދަރީގެ ހަށިގަނޑު ފެނުނީ ތިންވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފޮނަދޫ ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ.

"ދެވަނަ ދުވަހުގެ ހަވީރު ފޮނަދޫ އާއި ގާދޫއާ ދޭތެރެއިން ފިރިހެން ކުއްޖާ ފެނުނު ހަބަރު ލިބިއްޖެ. އޭރު ސުނާމީ އަރައިގެން ކައްދޫ އާއި ފޮނަދޫއާ ދޭތެރޭ އޮތް މަގު ވެސް އޮތީ ހަލާކުވެފައި. ދެން ވަރަށް އުނދަގުލުން ފޮނަދުއަށް ދިޔައީ. އެކުއްޖާ ނަގައިގެން ގޮސް, ފޮނަދޫގައި ވަޅުލީ," އަސަރާއެކު ޖަލީލު ކިޔައިދިނެވެ.

"އަނެއް ދުވަހު ހެނދުނު ހައެއް ޖެހިއިރު ފެނިއްޖެ އަންހެން ކުއްޖާ ފޮނަދޫ ގޮނޑުދޮށުގައި ލައްގާފައި އޮއްވައި. ފަތިސް ނަމާދުކޮށްގެން އަތިރިމައްޗަށް ދިޔަ މީހަކަށް ފެނުނީ. އެ ހަބަރު ލިބިގެން އަނެއްކާ ދިޔައީ ފޮނަދުއަށް. ފޮނަދުއަށް ގޮސް, އެކުއްޖާ ނަގައިގެން އައިސް, މަތިމަރަދޫ އަތިރިމަތީގައި ހިނަވާފައި, މަތިމަރަދޫ ޒިޔާރަތްދަށުގައި ވަޅުލީ،"

މުޅި ދިރިއުޅުން ނިކަމެތިވި, ލޮލުން ކަރުނަ ނުހިކޭ ހަނދާންތަކެއް

ދަ ދަރިން ވަކިވެގެންދިޔަ ހަނދާން އާކުރާ ކޮންމެ ފަހަރަކު ޖަލީލުގެ ދެލޮލުން ކަރުނަ ނުހިލެއެވެ. އެ ކާރިސާއަކީ ޖަލީލުގެ ހުރިހާ އެއްޗެއް ބީވެގެންދިޔަ ކާރިސާއެވެ. ސުނާމީގެ ކުރިން ރަނގަޅު ދިރިއުޅުމެއް އުޅެމުންދިޔަ އާއިލާއަށް, އެ ކާރިސާއިން ލިބުނީ ނިކަމެތިކަމެވެ.

"ސުނާމީގެ ކުރިން އުޅުނީ ވަރަށް ރަނގަޅު ދިރިއުޅުމެއް. އެކަމަކު ސުނާމީއަށް ފަހު ނުހުންނާނެ އަހަރެންނަށް ވުރެ ނިކަމެތި މީހެއް. ގެދޮރު ވެސް ދިޔައީ, ދަރިންކޮޅު ވެސް ދިޔައީ. ހުރިހާ އެއްޗެއް ވެސް ދިޔައީ. ވަރަށް ފަހަކާ ޖެހެންދެން ވެސް ކުދިންގެ މަހާނަ ދޮށަށް ދިޔައިން. އެ ހަނދާންތައް ފިލައިގެންނެއް ނުދޭ. އެތައް ދުވަހެއް ވަންދެން އެކަމުގެ ހިތާމައިގައި އުޅުނިން," އެ ހަނދާންތައް އާކުރަމުން ޖަލީލު ބުންޏެވެ.

ޖަލީލުގެ އާއިލާއެކޭ އެއްގޮތަށް މުންޑޫގެ ގިނަ މީހުން މިހާރު ދިރިއުޅެމުން އަންނަނީ ގަމުގައެވެ. ނަމަވެސް މުންޑޫ ދޫކޮށް ދާން ބޭނުން ނުވާ މީހުން އަދިވެސް ދިރިއުޅެމުން އަންނަނީ އަމިއްލަ ރަށުގައެވެ. ސުނާމީގައި ސަރުކާރުން އެހީތެރިވި މީހުންގެ ތެރޭގައި މުންޑޫގެ ރައްޔިތުން ވެސް ހިމެނެއެވެ. މުންޑޫގެ ރައްޔިތުންގެ ހިތްތަކުން އަދިވެސް ނުފިލާ ހަނދާނަކީ އެ ބިރުވެރި ދުވަހެވެ. އެ ވަގުތުކޮޅެވެ. މީގެ 17 އަހަރު ކުރިން މުޅި ރަށް ދޮވެލި ސުނާމީ ކާރިސާގެ ހަނދާންތަކެވެ.