"އިންޑިއާ އައުޓް" ސްލޯގަން ޖެހި ޓީޝާޓު ތުރުކުރެއްވުމަކީ ލިބޭ ޝަރަފެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ޖެހި ޓީޝާޓް ތުރުކުރައްވައިގެން ރައީސް ޔާމީން އުޅުއްވުމަކީ ލަދުވެތި މަންޒަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިފަހުން ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެއީ ތަރުޒީބީ އެއްވެސް މުޖުތަމައެއްގައި ރައީސްކަން ކޮށްފައި ހުރި މީހަކު އަމަލު ކުރާނެ ގޮތެއް ނޫން ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކަށް ރައްދުދެއްވައި "ދިޔަރެސް" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، "އިންޑިއާ އައުޓް" ޖެހި ޓީޝާޓް ތުރުކުރައްވައިގެން އެމަނިކުފާނު އުޅުއްވުމުން ފާޑުކިޔާ ބޭފުޅުން އުޅުއްވީ މާ ލަދުވެތިކޮށް ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންނަށް ފެނުނީ ދެއްތޯ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ވަކިވެފައި ހުރި މީހަކު ފުލުހެއްގެ މޫނަށް ކުޅުޖެހިތަންވެސް. އަޅުގަނޑުމެންނަށް ދެއްތޯ ފެނުނީ ކޯޓަށް ނުވަންނާންވެގެން ރޮއެ ވެއްޓި ތެޅިފޮޅި އުޅުނުތަންވެސް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، "އިންޑިއާ އައުޓް" ޖެހި ޓީޝާޓް ތުރުކުރެއްވުމަކީ ގޯސް އަމަލެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އެމަނިކުފާނަށް ލިބޭ ޝަރަފެއް ކަމަށެވެ.

"ރައީސް ޔާމީން ޓީޝާޓެއް ލައިގެން އުޅުނީމާ އެއީ އެހާ ގޯސް އަމަލެއްކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއަށްވުރެ މާ ހަޑިކޮށް އައްޗިކޮށް މިބޭފުޅުން އުޅުއްވާފައި ހުރީ، ދެންވެސް ނުކުންނަވާނީ އެގޮތަށް. އަޅުގަނޑު އެ ޓީޝާޓް ލައިގެން ނުކުތުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް. އެއީ ގައުމުގެ ހައްގުގައި އަޅުގަނޑު ކުރާ ވަރުގަދަ މަަސައްކަތެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެމަނިކުފާނު މިނިވަންވެވަޑައިގެންނެވި ފަހުން "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތްތައް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެ ޝިއާރުގެ ރަތް ޓީޝާޓް ތުރު ކުރައްވައިގެން ރައީސް ޔާމީން ގެންދަވަނީ މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން އެ ކެމްޕޭނަށް ރައީސް ޔާމީން މާދަމާ ފ. ނިލަންދުއަށް ވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ.