ޚަބަރު

ހިތަދޫގައި ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ މުދާ ވަގަށް ނަގައިފި

އަލީ ޔާމިން

އައްޑޫ ސިޓީ، ހިތަދޫގައި އިލެކްޓްރޯނިކް ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ މުދާ ވަގަށް ނަގައިފިއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ، ހިތަދޫގައި އިލެކްޓްރޯނިކް ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލައެއް މިއަދު ހެނދުނު 6:33 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

"އީހަބް މޯބައިލްސް" ފިހާރައިގެ އެތެރޭގައި ހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖު ޓުވިޓާގައި އާންމު ކޮށްފައިވާއިރު، އެ ވީޑިއޯގައި ފެންނަ ގޮތުން އެ ފިހާރަ ފަޅާލާފައިވަނީ ބޭރުގެ ބިއްލޫރި ދޮރުގައި ގާބުރިއަކުން ޖަހައި ތަޅާލައިގެންނެވެ. އަދި އެ ފިހާރައަށް މޫނު ނިވާކޮށްގެން ތިބި ދެމީހަކު ވަދެ ވައްކަން ކުރާ މަންޒަރު ފެނިގެންދާއިރު، ބޭރުގައި ދެ މީހަކު ފޯރިމަރަން ތިބި މަންޒަރުވެސް ފެނިގެންދެއެވެ.

ވީޑިއޯއިން ފެންނަ ގޮތުން ފިހާރައަށް ވަން އެކަކު މަސައްކަތް ކުރީ ކައުންޓަރުގައި ހުރި ފައިސާތައް ނެގުމަށެވެ. އަދި ދެ ވަނަ މީހާ މަސައްކަތް ކުރީ ދަގަނޑު ބުރިއަކުން ޝޯކޭސްތައް ތަޅާލައި، ފޯނުތައް ވަގަށް ނެގުމަށެވެ. އޭނާ ވަނީ އެ ޝޯކޭސްތަކުގައި ހުރި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ދަބަހަށް އަޅައިގެން ގެންގޮސްފައެވެ.

ރޭ މެންދަމު 3:22 ގައި މި ވައްކަން ކޮށްފައިވާއިރު، އެމީހުން ވައްކަން ކޮށްގެން ދިއުމަށް ނެގީ މިނެޓެއްހާއިރެވެ.

އެނގިފައިވާ ގޮތުގައި މިއީ އެ ފިހާރަ ފަޅާލައި ވައްކަން ކުރި ދެވަނަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 12 ފޯނު ވަގަށް ނެގާފައިވެއެވެ. އޭގެ ތެރޭގައި ސެމްސަންގް ފޯނާއި ޒިއޯމީ ބްރޭންޑްގެ ފޯނުތައް ހިމެނެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.