ރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓަވާނެކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިންއަށް ދެއްވައިފިއެވެ.
"ވަން ޗައިނާ" ޕޮލިސީ އަކީ ޗައިނާ އާއި ޓައިވާނަކީ ދެ ދައުލަތަކަށްވުރެ ބޮޑަށް، ޓައިވާނަކީވެސް ޗައިނާގެ ބައެއް ކަމަށް އެއްބަސްވާ ސިޔާސަތެކެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޗައިނާގެ އާ ސަފީރު ލީޝިންއަށް ނައިބު ރައީސް މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ މުއްދަތުގެ ތެރޭގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުންތައް ހަރުދަނާވެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމުގައިވެސް ވިދާޅުވި ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ވަރަށް ޒަމާންވީ ގާތް ގުޅުމެއް ގާއިމުވެފައިވާ ކަމުގައި ވިދާޅުވެ، ތަރައްގީގެ ސަފުގައި އެ ގައުމުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ކޮވިޑުގެ ހާލަތުގައި ޗައިނާއިން ފޯރުކޮށްދިން އެހީތެރިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ޗައިނާއިން ރާއްޖެއަށް އެކިއެކި ދާއިރާތަކުން، ހާއްސަގޮތެއްގައި ފަތުރުވެރިކަމާއި ސިއްހަތާއި އުމްރާނީ ތަރައްގީއާއި މަތީ ތައުލީމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ފޯރުކޮށްދޭ އެހީތެރިކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ، ރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ނައިބު ރައީސް އަރުވާފައިވާ ކަމަށާއި ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަންގައި ރާއްޖެއިން ބައިވެރިވުމަށް ކުރި މަސައްކަތަށް ޗައިނާ ސަރުކާރުން ދިން އެއްބާރުލުމަށްޓަކައިވެސް ޝުކުރު އަދާކުރެއްވި ކަމަށެވެ. އެގޮތުން ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަންގައި ރާއްޖެއަށް ބައިވެރިވެވުމުގެ ސަބަބުން ކޮވިޑަށްފަހު ގައުމުގެ އިގުތިސާދު އަލުން ފަށައިގަތުމަށް ވަރަށް ބޮޑު އެހީއަކަށްވި ކަމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބައްދަލުވުމުގައި ޗައިނާގެ ސަފީރު ވަނީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމުގައި ދިވެހި ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ކާމިޔާބުކަމާއެކު ފަތުރުވެރިކަން ހުޅުވާލާފައިވާތީ، އެކަމަށްޓަކައި ތައުރީފުކުރައްވައިފައެވެ. އޭގެ އިތުރުން އަންނަ އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވައި އެ މުނާސަބަތު ފާހަގަކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމަށް ރާވަމުން އަންނަ ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު ލީޝިން ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެގޮތުން މެޑިކަލް ޓީމުތައް ފޮނުވުމާއި ދެ ގައުމު ދޭތެރޭ އޮތް އިޖުތިމާއީ އަދި ޒަމާންވީ ސަގާފީ ގުޅުންތައް ހަރުދަނާކުރުމަށް އިސްކަންދެއްވާނެކަން ވެސް ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން ނިންމާލާފައިވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތައް ކުރިއަށްހުރި ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމުގެ ރޫހު އާލާކުރަމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު