ރިޕޯޓް

ރަށު ތެރޭގައި އުޅުނީ ދަރީންކޮޅު ގޮވައިގެން ފަތާފައި، ދިޔަވަރު ބޮޑުވުމުން މިހާރުވެސް ބިރުގަނޭ!

އަލީ ރިފްޝާން

ލ. މާބައިދޫން: އަލީ ރިފްޝާން - ވަން އޮންލައިން

މީގެ 17 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީގެ ހާދިސާއަކީ ރާއްޖޭގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާއެވެ. އެ ކާރިސާގައި 82 މީހުން މަރުވެ, 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެތައް ރަށަކަށް ގެއްލުން ވެ, ބައެއް ރަށްރަށް މީހުންނަށް ދިރިނޫޅެވޭ ވަރަށް ސުންނާފަތިވުމުން އެރަށްރަށުން މީހުންވެސް ބާލަން ޖެހުނެވެ.

ސުނާމީ ކާރިސާގައި އެންމެ ބޮޑެތި ގެއްލުންވީ ރަށްތަކުގެ ތެރޭގައި ލ. މާބައިދޫ ހިމެނެއެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށެކޭ އެއްފަދައިން އެ ދުވަހު އެ ރަށު މީހުން ވެސް ހޭލައްވައިލީ ސުނާމީގެ ބިރުވެރި ރާޅުތަކުގެ ތެރެޔަށެވެ. ގެތައް ވީނާރާވެގެންދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މުޅި އުމުރުގައި ކުރި މަސައްކަތުން ކޮޅަށް ޖެހި ދިރިއުޅުން ބިޔަ ރާޅުތަކުގެ ބާނިތަކުގެ ތެރޭގައި ބެހިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ ރަށުން ތިން މީހަކު މަރުވިއެވެ. މާބައިދޫ މީހުންގެ ހިތްތަކުން އަދިވެސް އެ ބިރުވެރިކަން ފިލައިގެން ނުދެއެވެ. މީގެ 17 އަހަރު ކުރީގެ އެ ހަނދާންތައް އިއްޔެ ވީ ކަމެއްހެން މިއަދު ވެސް ހަނދާނުގައި އެބަހުއްޓެވެ.

މާބައިދުއަށް "ވަން"ގެ ނިއުސް ޓީމު ކުރި ދަތުރުގައި އެރަށުގެ ބައެއް މީހުން ވަނީ އެ ހަނދާންތައް ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ.

އެހެން ދުވަސް ތަކެކޭ އެއްފަދައިން އެ ދުވަސް ވެސް ފެށުނީ އާދައިގެ ދުވަހެއް ފަދައިންނެވެ. ބޮޑު ކާރިސާއެއް އަންނަން އުޅޭ ކަމުގެ އެއްވެސް އިހުސާސެއް ނުކުރެވެއެވެ.

އެ ރަށުން ވާހަކަދެއްކި މާބައިދޫ، ލިލީމާގެ، ހަދިއްޖާ އަލީ (53އ) ކިޔައިދިން ގޮތުގައި އެ ދުވަހު ފަތިހު ކޮންމެވެސް އަޑެއް އިވިގެން ބަލައިލި އިރު, ޓީވީ މަތީގައި ހުރި މާ ގަސްތައް ހުރީ ބިންމައްޗަށް ވެއްޓިފައެވެ. ނަމަވެސް އޭރު ވެސް އެއީ ބިންހެލުމެއް ކަމެއް ނޭނގެއެވެ. އެހެންކަމުން އާދައިގެ މަތިން ހަދިއްޖާ ވެސް ދިޔައީ ފިހާރައަށެވެ.

"އެ ދުވަހު ސައިބޮއެލައިގެން ހިތަށް އެރީ ކޮންމެވެސް އެއްޗެއް ފަހަން ބަރަންޏެއް އެއްޗެއް ގަންނަން ދާނަމޭ ހިތާ ކުޑަ މަންޖެ ކިހިލި ޖަހާލައިގެން މި ނުކުތީ. ވަކި ހިސާބަކަށް ދިޔަ ހިސާބުން ދެން ހުރި ކުއްޖާ ބުނެފި އެ ފިހާރައިގައި ނެތޭ. ދެން އެހެން ފިހާރައަކަށް ވަންތަނާ އެހެން ކަހަލަ އަޑެއް އިވުނީ. މަގުމައްޗަށް ނުކުތްތަނާ ދަރިފުޅު ހުރިކަމެއް ވެސް އިހުސާސެއް ނުވޭ. އެ ވަގުތު ރޮއެގަނެފައި ހަޅޭއްލަވައި ގަނެފަ ބުނެވުނީ މި ދުނިޔެއެއްވާ ނެތޭ. ތިހެން ނުތިބެ ދުއްވައިގަންނާށޭ. ވަރަށް ބާރަށް ދުއްވައިގަނެވުނުކަން އެކަނި ދައްތައަށް އެނގުނީ," ހަދިއްޖާ ބުންޏެވެ.

ހަދިއްޖާ އޭރު ދުއްވައިގަތީ ގެއާ ދިމާއަށެވެ. ގެއާ ހަމައަށް ދެވުނުތަނާ އޭނާގެ ދޮށީ ތިން ދަރިން ނުކުތެވެ. ނަމަވެސް ހަގު ތިން ދަރީން ތިބީ ތަންކޮޅެއް ދުރުގައެވެ. އޭރު ރާޅު ވަރަށް މައްޗަށް އަރައި, މަގުމައްޗަށް ބިންދައިލަނީއެވެ.

"ރާޅު ހަމަ ލަނބާލާފައި މި އަންނަނީ ކެކެމުން, ކަޅު ވިލާ ގަނޑެއްހެން. ލަކުޑި ފަދަ އެއްޗެއްސާ އެއްކޮށް އައީ. ރާޅުގެ ކުރިއަށް ދައްތަގެ ކުޑަ ތިން ކުދިން ދުވެފައި އަންނަނީ. އެއީ ފަސް އަހަރުގެ ކުއްޖަކާ ތިން އަހަރުގެ ކުއްޖަކާ ހަ އަހަރުގެ ކުއްޖެއް. މި ތިން ކުދިން އެއްކޮށް އަންނަން ފެށީމަ ބުނެފިން ބޮޑަށް ތިބި ތިން ކުދިން ކައިރީ ތިހެން ނުތިބެ ދާށޭ އެ ކުދިން ބަލާ. ބޮޑަށް ތިބި ތިން ކުދިން ގޮސް, ކުޑަ ތިން ކުދިން އަތުގައި ހިފާފައި ދުއްވައިގަނެފި," އެ ދުވަހުގެ ހަނދާންތައް އާކުރަމުން ހަދިއްޖާ ބުންޏެވެ.

ހަދިއްޖާ ކިޔައިދިން ގޮތުގައި ދަރިންނާއެކު ސަލާމަތަށް ދުވަން ދަނިކޮށް, ދެ ގެ ދޫކޮށް ތިންވަނަ ގެއާ ހަމައަށް ދެވުނުތަނާ, ފުރަތަމައަށް ހުރި ގެ ވެއްޓުން މަންޒަރު ފެނުނެވެ. އޭރު މަގެއް ވެސް ރަނގަޅަކަށް ނުފެނެއެވެ. ރާޅާއެކު އަންނަމުންދިޔައީ ބޮޑެތި ކަޅު ހަމާއި, ލަކުޑިގަނޑުތަކެވެ. އެހެން މިހެން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ހަދިއްޖާއަށް އަތިރިމައްޗަށް ދެވުނުތަނާ ފެނުނީ ލޮނުގަނޑުގެ ތެރެއިން ގެންނަ އަންހެނުންނާއި, ލޮނުގަނޑުތެރެއިން ކުޑަކުދީންނެވެ. ކަނޑުތެރެޔަށް ކާށިތަކެއް އުކާލާފައި ތިބި ފަދައިން ފެނުނީ ކައިރީގައި އޮތް ލ. މުންޑޫގެ މީހުން ކަނޑުގައި ތިބި މަންޒަރެވެ.

"އެވަގުތު ހިތަށް އެރި ކޮބައިބާއޭ ފިރިމީހާ. މަހަށް ގޮސްއޭ ވީ. ދައްތައަށް ފެނުނު މެދުފަޅު ތެރެއިން ކޮންމެވެސް މީހަކު އެއްޗެއް ހޫރުވާ ތަން. ހަޅޭއްލަވައި ގަނެވުނީ އެއްޗެއް އެބަ ހޫރުވައޭ. މާންދޫގައި ހުރި ދޮއްޓަށް ހުރި ފިރިހެން ކުއްޖާއަށް އަދި ފިރިމީހާއަށް ވެސް ނުގުޅޭ. އެހެން އުޅެނިކޮށް ވަރަށް ފަހުން ފިރިމީހާއަށް ގުޅުނީ. ފިރިމީހާ ބުނި ތިމަންނަ ހީކުރީ ކުއްޖަކު މަރުވީ އެއީ ތިމަންނަގެ ދަރިންނޭ. ދައްތަ އެރި ފުރަތަމަ ދޯނީގެ އިންޖީނު ހަލާކުވެފައި, އަނެއް ދޯނީގެ ވެސް އިންޖީނު ހަލާކުވެފަ، ދެން އެރި ދޯނީގެ ވެސް އިންޖީނު ހަލާކުވެފަ. ދައްތަ ހިތަށް އެރީ ދެން މިއަދު އުޅޭނީ ކިހިނެއްބާއޭ," އޭނާ ބުންޏެވެ.

އެ ދުވަހު އިވުނީ މީހުން ރޯ އަޑު، ފެނުނީ ލޮނުގަނޑު ތެރޭ ފަތަމުންދިޔަ މަންޒަރު

އެ ދުވަހުގެ ހަނދާންތައް އާކުރަމުން މާބައިދޫ، ފެބްރިކް ވިލާ، މަރިޔަމް ހަސަން (53އ) ކިޔައިދިން ގޮތުގައި، ކުދީންނަށް ސައިދޭން ހުއްޓާ އަޑެއް އިވުމުން އެންމެ ހައްގު ކުއްޖާއާއެކު ނުކުތީ މަގުމައްޗަށެވެ. އެވަގުތު އެ ގޭ ކައިރީގައި ހުރި އެހެން ކުއްޖަކު ރާޅެއް އަންނަ ކަމުގެ މައުލޫމާތު ދިނެވެ.

"އެކުއްޖާ އެހެން ހުރެފަ ބުނެފި މަށެއް ނުހުންނާނަމޭ, އަހަރެން މިދަނީއޭ. މި ހިސާބަށް ރާޅު ބިންދާލަންދެން ހުރީ. ކުޑަމީހާއާ ޖެހުނު މީހާ އޭރު ގެއަށް ވަދެއްޖެ. އަހަރެން ވެސް އެކުއްޖާއާ އެއްކޮށް ގެއަށް ވަނީ. އުނދުންމަތީގައި އެއްޗެއް އުދާފަ ހުރުމުން, އުނދުން ހަމަ ނިއްވާލި ތަނާ ގެއަށް ރާޅު ވައްދާލީ. އޭރު ގޭގަ ބޭރު ޓީޗަރެއް އުޅޭނެ. އޭނާ ބޭރުގަ ހުރީމަ ބުނިން ދޮރު ލައްޕާށޭ. އުޅެއުޅެ ދޮރެއް ނުލެއްޕުނު. އޭނާ ދެން ވަނީ ކޮޓަރި ތެރެއަށް," އޭނާ ބުންޏެވެ.

ރާޅު އަންނަން ފެށުމުން މަރިޔަމްގެ އެއް ކުއްޖަކު އެރީ ގޭގެ ކުޑަދޮރު މައްޗަށެވެ. އުނދުން ނިއްވާލުމަށް ގޭތެރެއަށް ވަން މަރިޔަމް, ދެ ކުދިންނާއެކު ދަމައިގަނެ ބާނިގަނޑުގެ ތެރެއިން ވެއްޓި, ދަމައިގަތެވެ. އެ އާއިލާއަށް ސަލާމަތްވެވުނު އިރު, މަރިޔަމްއަށް ހުރީ ޖޯލިފައްޗެއްގެ މައްޗަށް އެރިފައެވެ.

"ކުދިންނާ އެއްކޮށް ޖޯލިފައްޗެއްގެ މައްޗަށް އެރިފަ ހުރީ. އޭރު ބަލައިލި އިރު, ކަނޑުތެރެއަށް އޮޔާ އެއްކޮށް އެއްޗެހިތައް ފައިބައިގެންދޭ. އޭރު ފިރިމީހާއާއެކު އަންހެން ދެ ކުދިން ޑޮކްޓަރަށް ދައްކަން މާލެ ގޮސް ވީ. ދައްތަގެ ދެ ކުދިން ދިޔައީ ރާޅު ފެނުނީމަ ކަތީބަށް އަންގަން. އެގެއަށް ގޮސް ނުކުތް އިރަކު އެ ދެ ކުދިން ދިޔަ ބައިސްކަލެއް ނެތް. އެކުދިން އައީ ލޮނުގަނޑު ތެރޭގައި ފަތާފައި. އެ ދެކުދިން އައި އިރު, ދައްތަ ހުރީ އެތަނަށް އަރައި," އޭނާ ބުންޏެވެ.

މަރިޔަމްއަށް އަޑުއިވުނީ އެތަންމިތަނުން މީހުން ރޯ އަޑެވެ. ފެނުނީ ލޮނުގަނޑުގެ ތެރޭގައި މީހުންނާއި ކުޑަކުދީން ސަލާމަތް ވުމަށް ޓަކައި ފަތާ މަންޒަރެވެ. އޭރުވެސް ލޮނުގަނޑު ހުރީ ދައްތަގެ ކަރާ ހަމައިގައެވެ. އެހެންކަމުން ދަރިންނާއެކު މަރިޔަމްވެސް އަތިރިމައްޗަށް ދާން ޖެހުނީ ފަތައިފައެވެ.

ހަ މަސް ފަހުން ވަގުތީ ހިޔާއަށް, އޭރު އެއީ ގަނޑުވަރެއް

މަރިޔަމް ބުނިގޮތުގައި އެދުވަހު އެއްޗެއް ކާހިތެއްވެސް ނުވެއެވެ. ބަނޑުހައެއްވެސް ނުވެއެވެ. އެ ކާރިސާގެ ހިތްދަތި މަންޒަރުތައް ފެނި, ކާ އެއްޗެއް ނުދިރެއެވެ. ތިން ދުވަސްވަންދެން ހުންނަން ޖެހުނީ ކޮޅަށެވެ. ނިދައިލާނެ ތަންކޮޅެއް ވެސް ނެތެވެ.

"ކުޑަކުއްޖާ އަތަށް ލައިގެން, އޮށޯވެލާނެ ތަންކޮޅެއް ވެސް ނެތް. ލާނެ އެއްޗެއް ވެސް ނެތް, ކުޑަމީހާއަށް ނެޕީއެއް ހޯދަން ވެސް ޖެހުނީ އާދޭސްކޮށްގެން. ގެ ހުރީ އެއްކޮށް ހަލާކުވެފައި. ކައިރީ ގެއެއް ސާފުކޮށްގެން އަހަރެމެން ދިޔައީ ކައިރީ ގެއަކަށް. ބަދަލުވީ ތިން އާއިލާ އެއްކޮށް. ދިހަ ރުފިޔާއަށް ވިއްކި ކޯލާ ފުޅިއެއް އެ ދުވަހު ލިބުނީ 18 ރުފިޔާއަށް. އެމީހާ ބުނީ މިއަދު ނެތޭ އަގުހެޔޮކޮށް ވިއްކޭކަށް," އޭނާ ބުންޏެވެ.

އެ ހާލުގައި ތިން މަސް ދުވަހު އުޅުމަށްފަހު މާބައިދޫގެ ގިނަ އާއިލާތައް ބަދަލުވީ އެ ރަށުގައި ސަރުކާރުން ހެދި ވަގުތީ ހިޔާތަކަށެވެ. ވަގުތީ ހިޔަލުގައި ދެ އާއިލާއެއް އެއްކޮށް އުޅެން ޖެހުނެވެ. އެއީ އޭރު ގަނޑުވަރެއް ކަމަށް އެމީހުން ދެކެއެވެ.

ވަގުތީ ހިޔާއަށް ގެންދިޔައީ ސުނާމީ އެރިތާ ހަ މަސް ފަހުން. މި ރަށުގެ އާބާދީގެ ދެބައިކުޅަ އެއްބައި ވަގުތީ ހިޔާގައި އުޅުނު. ވަގުތީ ހިޔާގައި ހުންނަނީ ތިން ކޮޓަރި. ކައްކަނީ ސިޓިން ރޫމުގައި. ވަގުތީ ހިޔާގަ އެއްތަނެއްގައި ދެ އާއިލާ ވެސް އުޅުނު, ދިހަ ވަރަކަށް މީހުން. ފިލާ ޖަހާފަ ހަދާފަ ހުރި ތަނެއް އެއީ. ޓިނުން ހަދާފަ ހުރި ފާހާނާއެއް ވެސް ހުރޭ. އޭރު ބުނާ ނަމަ, އެއީ އަހަރެމެންނަށް ރަނގަޅު ތަނެއް. އެއްވެސް އެއްޗެއް ނުހުރޭ. އަހަރެމެން ގޮދަޑިއާ އެއްޗެހި ހިފައިގެން, ބާލީސް ވެސް ހޯދައިގެން ގޮސް އެތަނުގައި އުޅުނީ," ހަދިއްޖާ ބުންޏެވެ.

ވަގުތީ ހިޔާގައި ދޮޅު އަހަރު އުޅުމަށްފަހު ސަރުކާރުން މާބައިދޫ ރައްޔިތުންނަށް ގެދޮރު ހަދައިދިނުމުން އެމީހުން ބަދަލުވީ އެ ގެތަކަށެވެ. ގެއަށް ބަދަލުވުމަށްފަހު އެއް އަހަރު ކަރަންޓު ބިލު ނުދައްކައި ވެސް އުޅެވުނެވެ. ކުރިން އެއްވެސް ގެދޮރެއް ނެތް މީހުންނަށް ވެސް ސަރުކާރުން ގެދޮރު ހަދައިދިނެވެ.

މާބައިދޫ ގިނަ މީހުންނަށް ސުނާމީއޭ ބުނުމުން މިހާރުވެސް އެ ބިރުވެރިކަން އާވެއެވެ. ދިޔަވަރު ބޮޑުވީމާ ބިރުގަނެއެވެ. ވަގުތީ ހިޔާގައި އުޅުނު އިރުވެސް އުޅެން ޖެހުނީ އެ ބިރުވެރިކަމުގެ ތެރޭގައެވެ. މިހާރު ވެސް މޫދަށް އެރެން ގިނަ މީހުން ބިރުގަނެއެވެ. މާބައިދޫ މީހުންނަށް އެއީ ހިތްދަތި ދުވަހެކެވެ. ނާމާން ބިރުވެރި ދުވަހެކެވެ.