އެމްޑަބްލިޔުއެސްސީގެ ކާމިޔާބީގެ ހުރިހާ ޝުކުރެއް ހައްގު ވަނީ ކުންފުނީގެ ލޮބުވެތި، މުވައްޒަފުންނަށް ކަން ފާހަގަކުރައްވައި، ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، ހަސަން ޝާހު މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

އެމްޑީ ޝާހު މުވައްޒަފުންނަށް މި ޝުކުރު އަދާކުރައްވައި ތައުރީރު ކުރެއްވީ ރޭ އޮތް މީރުމާގައި ބޭއްވި އެ ކުންފުނީގެ 2019 އަދި 2020 ގެ ސްޓާފް އެވޯޑް ނައިޓުގަ އެވެ.

މި ހަފުލާފައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ހަފުލާގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާ އެކު، މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެގޮތުގައި ކުރިއަށް ދިއުމުގެ ރޫހު އާލާކޮށް އެކަމަށް ހިތްވަރު ދިނުން ކަމަށެވެ. ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށްވާއިރު، އެ މުވައްޒަފުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ޓަކައި ގިނަ މަސައްކަތްތަކެއް މިދިޔަ ދެއަހަރުގައި ކޮށްފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ. މިގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާ ކުރުމަށް ޓަކައި ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި ދިގުމުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅިފައިވާ، މެދުކެނޑުމެއްނެތި ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ކަން ފާހަގަ ކުރައްވައި ޝާހު ވިދާޅުވީ، "އެކުވެރި އެމްޑަބްލިޔުއެސްސީ"ގެ ޓީމުން ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއްނެތި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެކަމަށް ޓަކައި ހުރިހާ މުވައްޒަފުންނަށް ޝާހު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރޭގެ އެވޯޑް ނައިޓްގައި، ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށާއި، 2019 އަދި 2020 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފައިވެއެވެ.

މި އެވޯޑްތައް ދެއްވީ ހަފުލާގެ ޝަރަފުވެރި މެހުމާން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް އާއި ބޯޑު ޑިރެކްޓަރުންނާއި އެމްޑީ ޝާހުގެ އިތުރުން، ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތަފާތު 9 ކެޓަގަރީއަކުން 87 މުވައްޒަފުކަށް އެވޯޑް ދީފައިވާ ކަމަށް އެމްޑަބްލިއެސްސީން ބުނެފައިވެއެވެ.

އެމްޑަބްލިޔުއެސްސީ އަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ

ކުންފުންޏެކެވެ. ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ޓްރޭޑިން ދާއިރާގެ ކަންކަން ވެސް އެ ކުންފުނީން މިއަދު އަންނަނީ ކުރަމުންނެވެ. މިއަދު އެމްޑަބްލިއުއެސްސީ އަކީ 100 ޕަސެންޓް ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކުންފުންޏެކެވެ.